Roadha Mihaaru
ތިމާވެށި ހިމާޔަތްކުރަން ކުރާ މަސައްކަތް މަދު: ޝާހިދު

ތިމާވެށި ސަލާމަތް ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ: ޝާހިދު

31 އޮކްޓޯބަރ 2021

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު މައްސަލަ އަށް ހައްލެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު މައްސަލަ އަށް ހައްލެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިއަށް ގެންދާ ކްލައިމެޓް ސަމިޓް "ކޮޕް 26" ފެށުމުގެ ގޮތުން ކުރެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަކުތަކުގެ ގެއްލުން ކުޑަކުރާނެ ވަސީލަތްތައް މިހާރު އެބަހުރި ކަމަށާއި ނަމަވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ކުރަންވީ ކަންތައް އެނގުނު ނަަމަވެސް އެކަމުގައި ގައުމުތަކުގެ އަޒުމެއް އަދިވެސް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ކާރިސާ އަށް އެޑްރެސް ކުރަން ބޭނުންވާ ގާބިިލު ކަމާއި ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި [ގައުމުތަކުގައި] އެބަހުރި. އެކަމަކު އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތެއް ހަމަ ނުކުރެވޭ،" އދ. އާންމު މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ގަބޫލުކުރަން ދަތިވިޔަސް ހަގީގަތަކީ އެއީ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމަކު، ހަގީގީ މަސައްކަތްތަކެއް ކޮށްގެން މި ހާލަތު ބަދަލުުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ފަހުން، އެންމެ ގިނައިން އިވިވަޑައިގަންނަވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ގައުމުތަކުގެ ސަރުކާރުތަކުގެ ސަމާލުކަން ހޯދަން، ޝާހިދު އިންތިޒާމް ކުރެއްވި ބައްދަލުވުމެއް މިދިޔަ އަންގާރަ ދުވަހު އދ. ގެ އާއްމު މަޖިލީހުގައި ބޭއްވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވެސް ދެއްކެވީ އެއް ވާހަކައެއް ކަަމަށް ޝާހިދު މިއަދު ވިދާޅުވި އެވެ.

"[އެ ވާހަކައަކީ] ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުމުގެ ވާހަކަ. ނުރައްކަލާ ކުރިމަތިވެފައިވާ އާބާދީތަކަށް އެހީތެރިވުން އަވަސް ކުރަން ޖެހިފައިވާ ވާހަކަ. އާ އީޖާދު ކުރުމާއި އާ ޓެކްނޮލޮޖީތަކަށް ހަރަދު ނުކުރުމުގެ ޒިންމާދާރުކަން ކުޑަކަމުގެ ވާހަކަ،" ޝާހިދު ވިދާޅުވި އެވެ.

ގްލާސްގޯގައި (ކޮޕް 26 ސަމިޓްގައި) އެ ވާހަކަަތައް ގައުމުތަކަށް އިއްވައި ދިނުމަކީ އޭނާގެ ވައުދެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މޫސުމަށް ބަދަލުތައް އައުމުގެ މައްސަލަ އަށް ހުރި ހައްލުތަކާ ބެހޭ ތަފުސީލް ދެއްވަމުން ޝާހިދު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ޓެކްނޮލޮޖީއަކީ މިހާރު އެންމެ އަގުހެޔޮ ޓެކްނޮލޮޖީ ކަމަށެވެ. އެ ފަދަ ޓެކްނޮލޮޖީ ހުރިހާ ގައުމަކަށް ވެސް ލިބޭނެކަން ކަށަވަރު ކުރަން ކުރާ މަސައްކަތް އިތުރުކުރަން ވެސް އޭނާ ގޮވައިލެއްވި އެވެ.