Roadha Mihaaru
މޫސުމީ މައްސަލަތަކަށް އެމެރިކާ އެހީވާނެ: ޝާހިދު

މޫސުމަށް އަންނަ ބަދަލުގެ މައްސަލަ އަށް އެމެރިކާ އެހީވާނެ: ޝާހިދު

28 އޮކްޓޯބަރ 2020

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ގަބޫލުކުރެވޭ ކަހަލަ ހައްލެއް ހޯދަން މަަސައްކަތް ކުރުމުގައި އެމެރިކާއިން އެހީތެެރިވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ގަބޫލުކުރެވޭ ކަހަލަ ހައްލެއް ހޯދަން މަަސައްކަތް ކުރުމުގައި އެމެރިކާއިން އެހީތެެރިވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެއަށް ވަޑައިގެން، ދެގައުމުގެ ފަރާތުން ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެމެރިކާއިން ލީޑަޝިޕް ދައްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެގޮތަށް ޖަވާބު ދެއްވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ސަލާމަތަަށް ނުރައްކާވާ ކަމަކަށް ވާއިރު، އެކަމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ވަކިކަމެއް ކުރަން އެދިވަޑައިގަންނަވަންތޯ ސުވާލު ކުރުމުންނެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެޑްރެސްކުރުމުގައި އެމެރިކާގެ ލީޑަޝިޕަށް،" ޝާހިދު ވިދާޅުވި އެވެ.

އެމެެރިކާ އާއި ބޮޑެތި އެހެން ގައުމުތަކުގެ އެހީތެރިކަމާ އެކުގައި ނޫނީ އެކަމުގައި ރާއްޖެއާއި ރާއްޖެ ކަހަލަ ކުދި އެހެން ގައުމުތަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖެއިން ކާބަން ބޭރުކުރަނީ ވަރަށް މަދުން ކަމަށާއި އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ފުރަތަމަ ކުރިމަތިވާނީ ރާއްޖެއަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ރަށްތައް ވަރަށް ތިރި، ކަނޑު އެދަނީ އަޅުގަނޑުމެންނަށް ނުރައްކާކުރަމުން. އެއީ [ކަނޑުގެ ލޮނުގަނޑު އުފުލުމަކީ] އަޅުގަނޑުމެންގެ ދެމިތިބުމަށް ނުރައްކާ ކުރާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ހަމަ އެ ސުވާލަށް ޖަވާބުދެއްވަމުން ޕޮމްޕިއޯ ވިދާޅުވީ އެމެރިކާއިން ވެސް އެކަމާ ވަރަށް ބޮޑަށް ވިސްނާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދަން އެމެރިކާއާއި ރާއްޖެ ގުޅިގެން ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެެހީތެރިވުމުގެ ޝައުގުވެރިކަން އެމެރިކާގެ އެބަ އޮތްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޮމްޕިއޯ ވިދާޅުވީ އެކަމުގައި އެ ގައުމުން މިހާރުވެސް ރާއްޖެ އަށް އެހީތެރިވެދެމުން އަންނަ ކަަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެހީވާނެ ކަމަށެވެ.

އެމެރިކާއިން ގަބޫލުކުރަނީ ތިމާވެށީގެ ނުވަތަ އެނޫން ކަމަކުން ވެސް ކުރިމަތިވާ ރިސްކް ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު އާގޮތްތައް ހޯދައި، އުފެއްދުންތެރިކަން އިތުރުކުރުން ކަމަށާއި ކާބަން މަދުކުރަން ވެސް އެގައުމުން މަސައްކަތް ކުރަނީ އެގޮތަށް ކަމަށް ވެސް ޕޮމްޕިއޯ ވިދާޅުވި އެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ކާބަން ބޭރުކުރާ މިންވަރު އެންމެ މަދުކޮށްފައިވާ އެއް ގައުމަކީ އެމެރިކާ ކަމަށާއި އެކަން ކުރީ ގަވައިދުތަކެއް ހަދައިގެން ނޫން ކަަމަށް ވެސް ވިދާޅުވި އެވެ.