Roadha Mihaaru
ސްޓާޓަޕްތަކަށް "ލޯ ކާބަން އާތު" ޕްރޮގްރާމުގެ ފުރުސަތު

ކްލައިމެޓް ޓެކް ސްޓާޓަޕްތަކަށް "ލޯ ކާބަން އާތު" ޕްރޮގްރާމްގެ ފުރުސަތު

19 އޯގަސްޓް 2024

މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަސްޓެއިނަބަލް ޕްރޮޑަކްޓްތައް އުފައްދައި ހިދުމަތްތައް ދޭ ޓެކް ސްޓާޓަޕްތަކަށް ހާއްސަކޮށް ހިންގާ "ލޯ ކާބަން އާތް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މެސިވް އާތު ފައުންޑޭޝަނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަސްޓެއިނަބަލް ޕްރޮޑަކްޓްތައް އުފައްދައި ހިދުމަތްތައް ދޭ ޓެކް ސްޓާޓަޕްތަކަށް ހާއްސަކޮށް ހިންގާ "ލޯ ކާބަން އާތް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މެސިވް އާތު ފައުންޑޭޝަނުން ބުނެފި އެވެ.

މެސިވް އާތް ފައުންޑޭޝަނުން ޔޫއެންއީޕީއާ ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ އޭޝިއާ ޕެސިފިކް ރީޖަނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ވައި ސާފުކުރުމާއި އެގްރިފުޑްގެ ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި ޑިޖިޓަލް އިނޮވޭޝަންތަކާއި ޕްލާސްޓިކް ޕޮލިއުޝަނުގެ ދާއިރާ އާއި ސަސްޓެއިނަބަލް މޮބިލިޓީގެ ދާއިރާއަށް އީޖާދީ ހައްލުތަކެއް ދެވޭނެ ސްޓާޓް އަޕް ކުންފުނިތަކަށެވެ.

މި ޕްރޮގްރާމަކީ ކުންފުންޏެއް އަލަށް ފަށައިގަންނައިރު ބޭނުންވާ އެހީތަކާއި ކުންފުނި ފުޅާކޮށް ކުރިއެރުމަށް ބޭނުންވާ ސަޕޯޓް ދޭނެ ޕްރޮގުރާމެއް ކަމަށް މެސިވް އާތް ފައުންޑޭޝަނުން ބުންޏެވެ. އަދި މި ޕްރޮގްރާމްގައި ކުންފުންޏަކަށް ވިޔަފާރި ފަށާއިރު ބޭނުންވާނެ އިންޓާނަލް އެކްސްޕާޓީޒް އާއި ސްޓްރޭޓީޖިކް ރިލޭޝަންޝިޕްތައް ބިނާކުރުމާއި މެންޓާކޮށް ދިނުމާއި ކުންފުންޏަށް ބޭނުންވާނެ މާލީ އެހީތެރިކަން ލިބޭނެ ޕްރޮގްރާމެއް ކަމަށް ބުންޏެވެ. އަދި މި ޕްރޮގްރާމުން މި ދާއިރާގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެކަން ވެސް ފާހަގަކުރި އެވެ. މި ޕްރޮގްރާމުން އޮންލައިން ޓްރެއިނިން ވޯކްޝޮޕްތަކާއި ވާޗުއަލް ބޫޓްކޭމްޕުތައް އަދި މެންޓޯޝިޕް ސެޝަންތަކާއި ނެޓްވޯކިން އިވެންޓުތަކާއި ސެމިނާތައް ކުރިއަށް ދާނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮގްރާމަށް ހޮވޭ ކުންފުނިތަކަށް އިންވެސްޓަރުންނާއި ދާއިރާގެ ކަމާބެހޭ މާހިރުންނާއި ލީޑަރުން ހިމެނޭ ތިން މަހުގެ ބޫޓް ކޭމްޕެއް އަންނަ މަހުގެ ދެ ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޑިސެމްބަރު މަހުގެ ދެ ވަނަ ހަފްތާގައި ބެންކޮކުގައި އޮންނަ ޑެމޯ-ޑޭ ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެސިވް އާތު ފައުންޑޭޝަނުން ހިންގާ މި ޕްރޮގްރާމަކީ 2021 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މިހާތަނަށް 1000 އެއްހާ ސްޓާޓްއަޕް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.