Roadha Mihaaru
"އަންހެން ފުޓްބޯޅަ އަށް އިންފަންޓީނޯ ކުރީ މަލާމާތް"

އަންހެން ފުޓްބޯޅަ އަށް އިންފަންޓީނޯ ކުރީ މަލާމާތް: ޕްލެޓިނީ

04 ޖޫން 2019

ޕެރިސް (ޖޫން 4) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަކީ މީގެ ކުރިން އަންހެން ފުޓްބޯޅަ އަށް މަލާމަތްކޮށްފައިވާ މީހެއް ކަމަށް ބުނެ އޭނާ އަށް ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ފާޑުވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 4) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަކީ މީގެ ކުރިން އަންހެން ފުޓްބޯޅަ އަށް މަލާމަތްކޮށްފައިވާ މީހެއް ކަމަށް ބުނެ އޭނާ އަށް ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ފާޑުވިދާޅުވެއްޖެ އެވެ.

ޕްލެޓިނީ، ޔުއެފާގެ ރައީސްގެ މަގާމުގައި ހުންނެވިިއިރު އިންފަންޓީނޯ އަކީ އެ ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، ފީފާއާ ގުޅުން ހުރި އެތަކެއް ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު 2015 ވަނަ އަހަރު އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުރި ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ބްލެޓާ އާއި ޕްލެޓިނީ މި ވަގުތު ހުރީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

ފްރާންސްގެ ގިނަ މީޑިއާތަކަކަށް ޕްލެޓިނީ ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންފަންޓީނޯ އަކީ ފީފާގެ ރައީސްކަމަށް ގާބިލު މީހެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ދެ ވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވާނެކަން މިހާރު ޔަގީންވެފައިވާއިރު، އެއީ ފުޓްބޯޅައިގައި އުޅޭ ފަރާތްތަކުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

"އިންފަންޓީނޯ ޔުއެފާގައި މަސައްކަތްކުރިއިރު ވެސް އޭނާގެ އެޖެންޑާއެއް އޮތް. އެއީ ފީފާ ބަދުނާމުކުރުން. އޭނާ އަކީ ފީފާގެ ރައީސްގެ މަގާމަށް ރަނގަޅު މީހެއް ނޫން،" ފަހަކަށް އައިސް ޔުއެފާ އާއި ފީފާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރަމުން އަންނަ ޕްލެޓިނީ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ފްރާންސްގައި އަންހެނުންގެ ވޯލްޑް ކަޕް ފަށާއިރު، ޕްލެޓީނީ ބުނީ އޭނާ އެންމެ ހަނދާންވަނީ މީގެ ކުރިން އިންފަންޓީނޯ އޭނާ ގާތުގައި އަންހެން ފުޓްބޯޅައާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ.

"ކިހިނެއް އޭނާ (އިންފަންޓީނޯ) އަށް އަންހެން ފުޓްބޯޅަ ކުރިއެރުވޭނީ އޭނާ އަބަދު ދިޔައީ އަންހެން ފުޓްބޯޅަ އަށް މަލާމަތްކުރަމުން. އޭނާ މީގެ ކުރިން އެއްވެސް ވަރަކަށް ގަބޫލުކުރިކަމެއް އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަކީ. އެއީ އޭނާ ތާއީދު ވެސް ކުރާކަމެއް ނޫން،" ޕްލެޓިނީ ވިދާޅުވި އެވެ.

ބުދަ ދުވަހު ޕެރިހުގައި އޮންނަ ފީފާގެ އިންތިހާބުގައި ވާދަކުރައްވަނީ އިންފަންޓީނޯ އެކަނިން ކަމަށްވުމުން އޭނާ އަށް ވަނީ ދެ ވަނަ ދައުރެއް ޔަގީންވެފަ އެވެ. އިންފަންޓީނޯ މީގެ ކުރިން ވިދާޅުވީ ދެ ވަނަ ދައުރުގައި ފުޓްބޯޅަ އަށް ފައިދާ ހުރި އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ. ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ.