Roadha Mihaaru
ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތް ކަމަށް ނިންމައިފި

ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތް ކަމަށް ނިންމައިފި

09 ޖުލައި 2022

ބެލިންޒޯނާ، ސްވިޒަލެންޑް (ޖުލައި 9) - ދުނިޔޭޣެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ކުރީގެ ރައީސުން ކަމަށްވާ ސެޕް ބްލެޓާ އާއި މިޝޭލް ޕްލެޓިނީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގަައި ދައުވާ ނުކުރާން ކޯޓުން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބެލިންޒޯނާ، ސްވިޒަލެންޑް (ޖުލައި 9) - ދުނިޔޭޣެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ކުރީގެ ރައީސުން ކަމަށްވާ ސެޕް ބްލެޓާ އާއި މިޝޭލް ޕްލެޓިނީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގަައި ދައުވާ ނުކުރާން ކޯޓުން ނިންމައިފި އެވެ.

ކުރިން ފްރާންސް ގައުމީ ޓީމަށް ކުޅެ، ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޕްލެޓިނީ، 67، ވިދާޅުވީ، އޭނާއާ މެދު ކުރި ތުހުމަތުތަކުގެ ސަބަބުން އޭނާގެ ލެޖެންޑަރީ ސްޓޭޓަސް މުޅިން ކިލަނބުވެ، އޭނާއަކީ "ޝައިތާނަކަށް" ވެއްޖެ ކަމަށެވެ. ޕްލެޓިނީ އާއި ބްލެޓާ ވެސް އެ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. އަދި ބްލެޓާ ވިދާޅުވީ، މިއީ އެއްސެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ބްލެޓާ އާއި ޕްލެޓީނީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު ފެށީ 2015 ވަނަ އަހަރެވެ. ދެ ފަރާތުގެ މައްޗަށް ދައުވާ ކުރަނީ، 2011 ވަނަ އަހަރު، އޭރު ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރި ޕްލެޓިނީ އަށް، އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުރި ބްލެޓާ، އެއްބަސްވުމުގެ ލިޔެކިޔުމެއް ނެތި، ދިން ދެ މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ.

ދެ ފަރާތުނެ ވެސް އަންގާ ގޮތުގައި އެ ފައިސާއަކީ 1998 އިން 2002 އަށް ފީފާގެ އެޑްވައިޒަރީ މަގާމުގައި ޕްލެޓިނީ ކުރި މަސައްކަތުގެ އުޖޫރަ އެވެ. އަދި އެ ދުވަސްވަރު އުޖޫރަައިގެ ކަންކަން ލަސްވީ، ފީފާގެ މާލީ ހާލަތު ހުރި ގޮތުން ކަމަށާއި، ތާރީހު ފަހަނައަޅައި ގިނަ އަހަރުތަކެއް ވީ ފަހުން 2011 ގެ ކުރިން އެ ފައިސާ ހޯދަން ފީފާގައި ނޭދުނީ އެ ވަގުތު އޭނާއަށް އެ ފައިސާގެ މާ ބޮޑު ބޭނުމެއް ނެތުމުން ކަމަށް ޕްލެޓިނީ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.

މި މައްސަލައިގައި 2015 ވަނަ އަހަރު ބްލެޓާ އާއި ޕްލެޓިނީ އަށް ވެސް ވަނީ ފީފާ އާއި ޔޫއެފާގެ ރައީސްކަމުގެ މަގާމު ގެއްލިފަ އެވެ. އަދި ދެފަރާތުން މައްސަލަ ހިފައިގެން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދިޔުމުން ވެސް ދެފަރާތުގެ ވާހަކަ ގަބޫލެއް ނުކުރި އެވެ.

ނަމަވެސް ސްވިޒަލޭންޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ 11 ދުވަހުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ފަހު އިސް ގާޒީ ޖޯސެފިން ކޮންޓޫ އަލްބްރިޒިއޯ ވިދާޅުވީ ބްލެޓާ އާއި ޕްލެޓިނީއާ ދެމެދު އަނގަބަހުން އެއްބަސްވުމެއް އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ޕްލެޓިނީގެ މުސާރައަށް އަހަރަކު 300،000 ސްވިސް ފްރޭންކް ދޭން އެއްވަސްވެފައި ވުމާ އެކު ވެސް، އެ މުއްދަތުގައި ޕްލެޓިނީގެ މާކެޓް ވެލިއު އަހަރަކު 1 މިލިއަން ސްވިޒަލޭންޑް ފްރެންކްގެ ގޮތުގައި ޕްލެޓިނީ އަމިއްލައަށް ދެކުމަކީ ވެސް އޭގައި ކޮރަޕްޝަނެއް އެކުލެވޭ ކަމެއް ނޫން ކަމަށް ގާޒީ ގަބޫލު ކުރެއްވި އެވެ.

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި އިއްޔެ ބްލެޓާ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި އިއްޔެ ބްލެޓާ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ގާޒީ އިތުރަށް ވިދާޅުވީ، ޕްލެޓިނީ މަސައްކަތް ކުރެއްވީ ހަމައެކަނި އުސޫލުގެ ގޮތުން އޭނާއަށް ލިބެންޖެހޭ ފައިސާ ހޯދަން ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، ނަމަވެސް ފައިސާ ވަގުތުން ބޭނުން ނުވުމާ އެކު 2010 ވަނަ އަހަރު އިތުރު އަދަދަކާ އެކު ފައިސާ ހޯދަން ހުށަހެޅީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޝަރީއަތުގައި ކާމިޔާބު ހޯއްދަވައި ޕްލެޓިނީ ވިދާޅުވީ، އެއްވެސް ހަގީގަތެއް ނެތް މައްސަލައެއްގައި އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. ޖޫން 2015 ގައި ބްލެޓާގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ގެންދާތީވެ، 17 އަހަރަށް ފަހު ފީފާގެ ރައީސްކަން ދޫކޮށްލަން ނިންމާފައި ވާކަން އިއުލާން ކުރުމާ އެކު، 2016 ގެ އިލެކްޝަނުގައި ވާދަކުރައްވާނެކަން ހާމަ ކޮށްފަ އެވެ. ނަމަވެސް ޕްލެޓިނީއާ ދިމާއަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރުމާ އެކު އޭނާ ވަނީ ޖެނުއަރީ 2016 ގައި، އިލެކްޝަނުގައި ވާދަ ނުކުރަން ނިންމައިފަ އެވެ.

"މިއަދު އަހަރެން ވަރަށް އުފަލުން މި ހުރީ، ހަތް ވަރަކަށް އަހަރު ވަންދެން ދޮގު ތުހުމަތުތަކަކާ އެކު އަހަންނަށް ނާއިންސާފުން ކުރަމުން ގެންދިޔަ އަނިޔާތަކުން ސަލާމަތް ވެވުނީމަ. ޝަރީއަތުން ހަގީގަތް މިއޮތީ ސާފުކޮށް ހާމަވެފައި،" ކޯޓުން ނުކުމެ މީޑިއާ އަށް ދިން އިންޓަވިއުގައި ޕްލެޓިނީ ބުންޏެވެ.

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި އިއްޔެ ޕްލެޓިނީ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި އިއްޔެ ޕްލެޓިނީ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

"ގަބޫލު ކުރައްވާ، ފުޓުބޯޅައިގެ ލެޖެންޑަކުން އަހަރެންނަށް ޝައިތާނެއްގެ ލަގަބު ލިބުމުން ވަރަށް އުނދަގޫވޭ، ހާއްސަކޮށް އޮޅުވާލައިގެން ވަރަށް ނާއިންސާފުން އަހަރެންނާ މެދު ވާހަކަތައް ދައްކާއިރު. އަހަރެން އަބަދު ވެސް ބުނަމުން އައީ، އަހަރެން މަސައްކަތްކުރާނީ އިންސާފާ އެއްކޮޅަށް. ފުރަތަމަ ގޭމުން މޮޅު ވެވިއްޖެ. މި ނިމުނު ޝަރީއަތްތަކަށް ހާޒިރު ނުވާ ކުށްވެރިން ވެސް އެބަތިބި. އެމީހުނާ ވެސް ވަރަށް އަވަހަށް ދިމާވާނެ، އެއީ ހަގީގަތް ހާމަކުރަން އަހަރެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން."

މި މައްސަލައިގައި ފުޓުބޯޅައިގެ ހަރަކާތްތަކުން ދުރުކުރުމުގެ ކުރިން 17 އަހަރު ވަންދެން ފީފާގެ ރައީސްކަން ކުރެއްވިބްލެޓާ ވިދާޅުވީ، ފީފާ އާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، އޭނާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ އެއްވެސް ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އުމުރުން 86 އަހަރުގެ ބްލެޓާ އަށް ވަނީ، 2010 ވަނަ އަހަރު ފީފާ އިން ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެއް މިލިއަން ޑޮލަރުގެ ފައިސާ ދެއްކުމުގެ ހުއްދަ ދިނުމާ ގުޅޭ ވަކި ޖިނާއީ ޝަރީއަތެއް ކުރިމަތި ވެފަ އެވެ. އެކަމަށް ވެސް އޭނާ އިންކާރު ކުރެ އެވެ.

ބްލެޓާ އާއި ޕްލެޓިނީގެ މައްސަލައިގެ ތަހުގީގީ ޓައިމްލައިން:

މެއި 2015: ހިޔާނާތާއި މަނީ ލޯންޑަރިން މައްސަލައިގައި ފީފާގެ ހަތް އޮފިޝަލަކު ހައްޔަރުކޮށް، 2018 އަދި 2022 ގެ ވޯލްޑް ކަޕް ބާއްވަން ކާމިޔާބުކުރި ބިޑުތަކާގުޅޭ މައްސަލަ ވަކިން ބަލަން ފެށި.

29 މެއި 2015: ކޮރަޕްޝަނުގެ ހިޔަނި އެޅުނު އިންތިހާބެއްގައި ފީފާގެ ރައީސްކަމުގެ ފަސްވަނަ ދައުރަކަށް ބްލެޓާ އިންތިހާބު ކުރެވުނު.

2 ޖޫން 2015: ތުހުމަތުތަކާ އެކު ބްލެޓާ މަގާމުން އިސްތިއުފާ ދޭން ނިންމި. (ހާއްސަ ކޮންގްރެސް އަކުން ވަގުތީ ލީޑަރެއް ހަމަޖައްސަންދެން)

ޖުލައި 2015: ޔޫއެފާގެ ރައީސްގެ މަގާމުގައި ހުންނެވި ޕްލެޓިނީ، ފީފާގެ ރައީށްކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި.

24 ސެޕްޓެމްބަރު 2015: ފީފާގެ ރައީސް ބްލެޓާ، 2011 ވަނަ އަހަރު ޕްލެޓިނީ އަށް "ނުހައްގު ފައިސާ" އެއް ދިންކަމަށް ޝައްކުކޮށް، ސްވިޒަލެންޑުގެ އެޓާނީ ޖެނެރަލް ޝަރީއަތް ފެށި.

8 އޮކްޓޫބަރު 2015: ފީފާ އިން ބްލެޓާ އާއި ޕްލެޓިނީ އަށް 90 ދުވަހުގެ ސަސްޕެންޝަނެއް ދިން.

21 ޑިސެމްބަރު 2015: ފީފާގެ އެތިކްސް ކޮމިޓީއިން ބްލެޓާ އާއި ޕްލެޓިނީ، އަށް އަހަރަށް ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރި.

8 ޖެނުއަރީ 2016: ބްލެޓާ، ފީފާގެ ރައީސްކަމަށް ވާދަ ނުކުރަން ނިންމި.

24 ފެބްރުއަރީ 2016: އިސްތިއުނާފަށް ހުށަހެޅުމުން ދެ މީހުންގެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްދިން.

26 ފެބްރުއަރީ 2016: ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީ މަގާމުގައި ހުރި ޖިއާނީ އިންފަންޓީނޯ، ފީފާގެ ރައީށް ކަމަށް އައްޔަނު ކުރެވުނު.

9 މެއި 2016: ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ޕްލެޓިނީގެ ސަސްޕެންޝަން ހަތަރު އަހަރަށް ކުޑަ ކޮށްދިން.

5 ޑިސެމްބަރު 2016: ކާސް އިން ބްލެޓާގެ ހަ އަހަރުގެ ސަސްޕެންޝަން ކުޑައެއް ނުކޮށްދިން.

18 ޖޫން 2019: ގަތަރަށް 2022 ގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކޮށްދޭން ޖަރީމާ ހިންގި ކަމަށް ފްރާންސްގެ ވެރިރަށް ޕެރިހުން ޕްލެޓިނީ ހައްޔަރު ކުރި. ޕްލެޓިނީ އެ ކަންކަމާ ދެކޮޅު ހެދި އިރު، ސުވާލު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފައި.

11 ޑިސެމްބަރު 2019: ޕްލެޓިނީ އަށް ދެއްކި "ނުހައްގު ފައިސާ" އަނބުރާ ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެކަން ފީފާ އިން އިއުލާން ކުރި.

5 މާޗް 2020: ޕްލެޓިނީގެ ހަތަރު އަހަރުގެ ސަސްޕެންޝަން އިސްތިއުނާފުކުރަން ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި ކުރި އިސްތިއުނާފުން ކާމިޔާބެއް ނުވި.

1 ސެޕްޓެމްބަރު 2020: ސްވިޒަލެންޑް އެޓާނީ ޖެނެރަލްގެ އޮފީހުން، ޕްލެޓިނީ އަށް ދިން ފައިސާއާ ގުޅޭގޮތުން ބްލެޓާއާ ސުވާލު ކުރެވުނު.

2 ނޮވެމްބަރު 2020: ބްލެޓާ އާއި ޕްލެޓިނީގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުގައި ސްވިޒަލެންޑުގައި ޖިނާއީ ޝަރީއަތް ހުޅުވައިލި.

8 ޖޫން 2022: ބްލެޓާ އާއި ޕްލެޓިނީގެ ކޮރަޕްޝަންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށި.

22 ޖޫން 2022: ސްވިޒަލޭންޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ 11 ދުވަހުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލި.

8 ޖުލައި 2022: ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތް ކަމަށް ނިންމައި، ދެމީހުންނަށް ދައުވާ ނުކުރާން ސްވިޓްޒަލޭންޑްގެ އެޓާނީ ޖެނެރަލްގެ އޮފީސް (އޯއޭޖީ) އިން ނިންމި.