Roadha Mihaaru
ހާއްސަކަމަކަށް ނޭދެން، ބޭނުންވަނީ ޝުކުރިއްޔާ އެކަނި

ހާއްސަކަމަކަށް ނޭދެން، ބޭނުންވަނީ ޝުކުރިއްޔާ އެކަނި: ބްލެޓާ

25 މާޗް 2024

ޒިޔުރިކް (މާޗް 25) – ފުޓްބޯޅަ އަށް އޭނާ ކުރި ހިދުމަތުގެ ބަދަލުގައި ހާއްސަކަމަކަށް ނޭދޭ ކަމަށާއި ބޭނުން ވަނީ ޝުކުރިއްޔާ ކަމަށް، ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ޒިޔުރިކް (މާޗް 25) – ފުޓްބޯޅަ އަށް އޭނާ ކުރި ހިދުމަތުގެ ބަދަލުގައި ހާއްސަކަމަކަށް ނޭދޭ ކަމަށާއި ބޭނުން ވަނީ ޝުކުރިއްޔާ ކަމަށް، ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ފީފާގެ އެތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެތިކްސް ކޮމިޓީން 2016 ގައި ސަސްޕެންޑް ކުރި ފަހުން ބްލެޓާ ހުންނަވަނީ ފުޓްބޯޅައާ ދުރުގަ އެވެ.

ބްލެޓާގެ ހަޔާތާ ބެހޭގޮތުން، އޭނާގެ އަންހެން ދަރިފުޅު ލިޔުނު ފޮތް ނެރުމުގެ މުނާސަބަތާ ދިމާކޮށް، ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުގައި ސްވިޒެލޭންޑަށް ނިސްބަތްވާ ބްލެޓާ ވިދާޅުވީ 2015 ގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެމެރިކާގައި ކުރި ދައުވާތަކަކީ އޭނާ އަށް އަމާޒުކޮށްގެން ފުޓްބޯޅައިގެ ބާރު ހޯދަން ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

ބްލެޓާ އަށް ތުހުމަތު ކުރެވޭ އެންމެ ބޮޑު މައްސަލައަކީ އެންމެ ފަހު ވޯލްޑް ކަޕް ދެ ބިޑް ދިނުމުގައި ރިޝްވަތު ނަންގަވާފައިވާ ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތައް ބްލެޓާ ދޮގު ކުރައްވަ އެވެ. ގަތަރުގައި 2022 ގައި ބޭއްވި ބިޑް އެ ގައުމަށް ކާމިޔާބުކޮށް ދިނުމަށް ބްލެޓާ އާއި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ރިޝްވަތު ނެގި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ބްލެޓާ ވިދާޅުބީ ގަތަރުގެ ބިޑަށް ގައުމުތަކުގެ ތާއީދު ހޯދަން އުޅުއްވީ ޕްލެޓިނީ ކަމަށެވެ.

"ގަތަރާއި ފްރާންސާ އޮންނަ ބަދަހި ގުޅުމުގެތެރެއިން ފްރާންސްގެ އޭރުގެ ރައީސް ނިކޮލަސް ސާކޯޒީ ޕްލެޓިނީ ގާތުން އެދިވަޑައިގަތީ އެ ކަމުގައި މަސައްކަތް ކޮށްދެއްވަން،" ބްލެޓާ ވިދާޅުވި އެވެ.

އެ ތުހުމަތުތައް ސާކޯޒީ އާއި ޕްލެޓިނީ ވެސް ދޮގު ކުރައްވަ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން އެކަހެރިކޮށްފައިވާ، ބްލެޓާ ސަސްޕެންޝަނުގެ މުއްދަތު ހަމަވާން ދެ އަހަރަށް ވެފައި ވަނިކޮށް އެތިކްސް ކޮމިޓީން ވަނީ އެ މުއްދަތު 2027 ގެ ނިޔަލަށް ދަންމާލާފަ އެވެ.

ބްލެޓާ ވިދާޅުވީ، ފީފާގެ ރައީސްގެ މަގާމުގައި ނުހުރެވުމަކުން އުނިކަމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ އަކީ ފުޓްބޯޅައިގެ މީހަކަށް ވުމުން ފުޓްބޯޅައިގެ އެކި މަސައްތްތައް ހަނދާން ހުންނަ ކަމަށް 28 އަހަރުވަންދެން ފީފާގައި މަސައްކަތް ކުރި މިހާރު އުމުރުން 88 އަހަރުގެ ބްލެޓާ ވިދާޅުވި އެވެ.

"އަހަރެންގެ ފޮތުގައި އަހަރެންގެ ދަރިފުޅު ބުނެފައިވާ ފަދައިން މި ހިދުމަތަށް ހާއްސަ އެއްވެސް ކަމެއް ބޭނުމެއް ނޫން – ނަމަވެސް އަހަރެން ބޭނުން ވަނީ ކޮންމެ ވެސް މީހަކު (އަހަންނަށް) ޝުކުރިއްޔާއެއް ބުނަން."