Roadha Mihaaru
މަޖިލިހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ: ނަޝީދު

މަޖިލިހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ: ނަޝީދު

02 ޖޫން 2019

ރައްޔިތުންގެ މަޖިލިހުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ބާރަށް ހިނގަމުން ދާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުޅުމާލޭގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ބާރަށް ހިނގަމުން ދާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުޅުމާލޭގައި ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އޮފީހެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލިހާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ކިލަނބުވެފައިވާ ތަސައްވަރު ކަމަށެވެ. އެގޮތުން 18 ވަނަ މަޖިލިހުގެ މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުން ސުވާލު އުފެއްދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަލީ ނިޔާޒް (ކ) ގެ ކެމްޕެއިން އޮފީހެއް ހުޅުވަން ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލީ ނިޔާޒް (ކ) ގެ ކެމްޕެއިން އޮފީހެއް ހުޅުވަން ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މެމްބަރުން ވާޖިބު އަދާކުރައްވަމުން ގެންދެވުމާއި އެ މެމްބަރުންގެ ވައުދުތައް ފުއްދެވުމާ ގުޅޭ ގޮތުން ރައްޔިތުން ސުވާލު އުފެއްދި،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ސުޕަ މެޖޯރިޓީ ނެގި 19 ވަނަ މަޖިލިހަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތަށް ބާރަށް ހިނގަމުން ދާނެ މަޖިލިހެއް ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން އެކުލަވައި "އެޖެންޑާ 19" ގެ ސިޔާސަތުގެ އަމާޒަކީ ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނާ ބައްދަލުވާނެ މަޖިލިހެއް އުފެއްދުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަލީ ނިޔާޒަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި އޭނާ ފެއްޓެވީ އޭގެ ސިލްސިލާއެކެވެ.

މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑީޕީ މެމްބަރުންގެ އޮފީސްތައް ކުރިއަށް އޮތް ތަނުގައި ހުޅުވޭނެ އެވެ. އަދި ލަސް ނުކުރައްވައި، ވީހާ ވެސް ގިނަ މެމްބަރުން އެ މެމްބަރުންގެ ދާއިރާގެ އޮފީސްތައް ހުޅުއްވުމަށް ނަޝީދު ވަނީ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

"މަޖިލިހުގެ ގަވައިދު އިސްލާހު ކުރަމުން މިދަނީ. ގަވައިދުގެ ތެރޭގައި ހިމެނިގެންދާނެ މި އޮފީސްތައް ހިންގުމުގެ އިތުރު އިންތިޒާމްތަކެއްގެ ވާހަކަ،" މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އެއް ރަށަށް ވުރެ ގިނަ ރަށްރަށް ތަމްސީލް ކުރައްވާ މެމްބަރުންނަށް އެންމެ ރަށެއްގައި އޮފީހެއް ހުޅުވަމަކުން އެއީ އެ މެމްބަރުގެ ހުރިހާ ރައްޔިތުންނާ ބައްދަލު ކުރެއްވެނީއެއް ނޫން. އިތުރު ހަރަދުތަކެއް ނުގޮސް، އަދި ފަސޭހަ އިން ބޭނުން ކުރެވޭ ގޮތަކަށް ރައްޔިތުންނާއި މެމްބަރުންނާ ބައްދަލުކުރެއްވުމުގެ އިންތިޒާމު ހިމެނިގެންދާނެ ކަމަށް އުންމީދު ކުރަން،"

އަލީ ނިޔާޒް މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލީ ނިޔާޒް މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި 11 މެމްބަރުންގެ ވަގުތީ ކޮމިޓީން ދަނީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ ކޮމިޓީން ގެނައި އެންމެ ބޮޑު ބަދަލަކީ މަޖިލިހުގެ ތަޅުމުގައި މައްސަލަތަކަށް މެމްބަރުން ބަހުސް ކުރެއްވުމަށް ހަތަރު ގަޑިއިރު ކަނޑައެޅުއްވުމެވެ. މީގެކުރިން ގަވައިދުގައި އޮންނަ ގޮތުން މައްސަލަތަކަށް ބަހުސް ކުރަން އޮންނަނީ ތިން ގަޑިއިރެވެ.

މީގެއިތުރުން މަޖިލީހުގެ ހިމެނޭ ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަނީ 13 ކޮމިޓީއެކެވެ. އެކަމަކު، ވަގުތީ ކޮމިޓީން ވަނީ ޖުޑިޝަރީ ކޮމިޓީ ހިމެނޭ ގޮތަށް ފަސް ކޮމިޓީއެއް އުފައްދަން ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

މިރޭގެ ޖަލްސާގައި މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ގްރޫޕްތަކެއްގެ ގޮތުގައި ޝަކުވާތަކާ އެކު އޭނާގެ އަރިހަށް ވަޑައިގެންފި ނަމަ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ވަޑައިގެން އެ ޝަކުވާތަކަށް ހައްލު ހޯދައި ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމަކު، ވަކިވަކި ފަރުދުންގެ މަސްލަހަތު އޮންނަ ކަންކަމުގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.