Roadha Mihaaru
އެހީ ބޭނުންވާ ނިކަމެތި އެތައް އާއިލާއެއް!

އެހީ ބޭނުންވާ ނިކަމެތި އެތައް އާއިލާއެއް!

03 ޖޫން 2019

ނިކަމެތި އާއިލާއަކަށް އެހީވެގެން އޭޑީކޭ ކުންފުނިން ވަނީ އާއްމުންގެ ލޯބި ހޯދައިފަ އެވެ. ފަސް ދަރިންނާ އެކު އެކަނިމާއެކަނި އުޅެމުން ދިޔަ މަޔަކަށް އެހީވެ، އެ މީހުންނަށް ގެއެއް އަޅައިދިނުމުން އާއްމުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާ އެކީގަ އެވެ. އެކަމަކު އެއާ އެކު ގިނަ ބަޔަކު ސުވާލުކުރީ މި ޒަމާނުގައި އެހާ ވެސް ނިކަމެތި ދިވެހިން އުޅޭތޯއޭ އެވެ؟

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނިކަމެތި އާއިލާއަކަށް އެހީވެގެން އޭޑީކޭ ކުންފުނިން ވަނީ އާއްމުންގެ ލޯބި ހޯދައިފަ އެވެ. ފަސް ދަރިންނާ އެކު އެކަނިމާއެކަނި އުޅެމުން ދިޔަ މަޔަކަށް އެހީވެ، އެ މީހުންނަށް ގެއެއް އަޅައިދިނުމުން އާއްމުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާ އެކީގަ އެވެ. އެކަމަކު އެއާ އެކު ގިނަ ބަޔަކު ސުވާލުކުރީ މި ޒަމާނުގައި އެހާ ވެސް ނިކަމެތި ދިވެހިން އުޅޭތޯއޭ އެވެ؟

ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންގެ ޖަވާބަކީ މިއެވެ؛ ހަމަ އެހާ ނިކަމެތި އާއިލާތައް އަދިވެސް ބައިވަރެވެ.

ފާހާނާއެއް ނެތް، ގޮދަނޑިއެއް ނެތް، ގޭގައި އަލިކަމެއް ނެތް!

ދެ ކޮޓަރި އާއި ފާހާނާއަކާއި ސިޓިންރޫމެއް އިތުރުކޮށްގެން އޭޑީކޭން ގެއެއް އަޅައިދިނީ ލ. ހިތަދޫގެ އާއިލާއަކަށެވެ. މިއީ ވެސް ހަމަ އެ ރަށުގެ ބައެކެވެ. އެ ގޭގައި ވެސް ފާހާނާއެއް ނުހުރެ އެވެ. ގޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން އުޅޭއިރު އެ ކުދިން ފާހާނާކުރަނީ ގިފިލި ތެރޭގައި ވަޅުކޮނެގެންނެވެ. މަންމަ ދަނީ ކައިރި ގެއަކަށެވެ. ދެން ތިބި މީހުން ދަނީ އަތިރިމައްޗަށެވެ.

.

ލ. ކުނަހަންދޫގައި ނުކުޅެދުންތެރިކަން ހުރި މީހެއްގެ ގޭގައި ހިޝާން މަޑުކޮށްލައްވައިގެން: ނިކަމެތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިކަން ބޭނުންވޭ

ލ. ކުނަހަންދޫގައި ނުކުޅެދުންތެރިކަން ހުރި މީހެއްގެ ގޭގައި ހިޝާން މަޑުކޮށްލައްވައިގެން: ނިކަމެތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިކަން ބޭނުންވޭ

އދ. އޮމަދު އާއި އެ އަތޮޅު މާމިނގިއްޔާއި ލ. ކުނަހަންދޫގައި ވެސް މިހާ ނިކަމެތި އާއިލާތައް އުޅެ އެވެ. ބައެއް ގެތަކުގައި އަލިކަމެއް ނުހުރެ އެވެ. ބަދިގޭގައި ބޮތްކެއް ނުހުންނާތީ ފޯނުން އަލިކޮށްގެން ވެސް އެތަން ބޭނުން ކުރެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން، އެނދުގައި ހުސް ތަރަފާލުގަނޑެއް ފަތުރައިގެން ވެސް ނިދަ އެވެ.

މިއީ އެ ރަށްތަކަށް ދަތުރުކޮށް، ހިސާން ތަޖުރިބާކުރެއްވި މަންޒަރުތަކެވެ.

"އަަހަރެމެން އެކަކު ވެސް ހީނުކުރާނެ މި ފަދަ ޒަމާނެއްގައި މިހާ ދަތި ހާލުގައި ބަޔަކު އުޅެދާނެއޭ. އެކަމަކު ވަރަށް ހިތްދަތި ގޮތަކަށް ދިރިއުޅުން ވޭތުކުރާ އާއިލާތައް ވެސް އުޅޭ،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި އެހާ ނިކަމެތި ހާލަތަކަށް އެ މީހުން ގިނަ ފަހަރަށް ވެއްޓެނީ، ގޭގައި އާމްދަނީ ހޯދަން ހުންނަ މީހާ ނުވަތަ ބައްޕަ ބަލިވެގެން ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވެގެންނެވެ. އޭނާ ޒިޔާރަތް ކުރެއްވި ބައެއް ގޭގޭގައި ސްޓްރޯކެއް ޖެހިގެން ބައްޕަ އެނދުމަތިވެފައި އޮތް އިރު، ލިބޭ އިނާޔަތާއި އެހެން ގޮތްގޮތުން ލިބޭ ފައިސާކޮޅު ވެސް އެ ގެތަކުގައި ހަރަދު ވަނީ ބައްޔަށް ފަރުވާ ކުރުމަށެވެ.

ހިތަދޫގައި ދިރިއުޅޭ ނިކަމެތި އާއިލާއެއްގެ އެންމެ ހަގު ދެ ކުދިން ނިދާފައި: އޭޑީކޭ އިން ވަނީ އާ ގެއެއް އަޅައިދީފައި

ހިތަދޫގައި ދިރިއުޅޭ ނިކަމެތި އާއިލާއެއްގެ އެންމެ ހަގު ދެ ކުދިން ނިދާފައި: އޭޑީކޭ އިން ވަނީ އާ ގެއެއް އަޅައިދީފައި

ބައެއް މީހުންގެ ހޭލުންތެރިކަން ކުޑަކަމުން، ގިނަ މީހުންނާ ކައިވެނިކޮށް ދަރިން ހޯދަ އެވެ. ވަކި ހިސާބަކުން އަނބިމީހާ އާއި ދަރިންތައް ދޫކޮށްލާފައި ފިރިހެން މީހާ ދަނީ އެވެ. ނޫނީ އުޅެން ޖެހިފައިވާ ދަތި ހާލުން، އަންހެން މީހާ މަޖުބޫރުވެގެން ހިންގާ ގުޅުންތަކުން ބައްޕަ ކަށަވަރުނުވާ ކުދިން ވެސް ލިބެ އެވެ.

"އެކަމަކު އަޅުގަނޑު ދަންނަވާނީ ގިނަ މީހުން އެފަދަ ނިކަމެތި ހާލުގައި އުޅޭ އަންހެނުންގެ ފައިދާ ނަގަނީއޭ. އެހެން ލިބޭ ޖިންސީ އަނިޔާތަކުގައި ވެސް ބައިވަރު ކުދިން ލިބިފައިވޭ،" ހިސާން ވިދާޅުވި އެވެ.

ބައްޕަ ކަށަވަރު ނުވާ ކުދިންނަށް ހިމާޔަތް ބޭނުންވޭ!

ގާނޫނީ ބެލެނިވެރިކަން ހޯދަން މަސައްކަތްކުރާ، އޭނާއަށް ބައްޕަ ކިޔުއްވާ ދެ ކުއްޖަކު ހިސާން މިހާރު ވެސް ގެންގުޅުއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކުދިންގެ މައިންނަށް އެކި ފަހަރު މަތިން މީހުންގެ ޖިންސީ ގޯނާ ކުރިމަތިވި އެވެ. އޭގެ ތެރެއިން އެކަކީ ނުުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެކަމަކު އެފަދަ ޖިންސީ ޝިކާރަތަކުގެ ސަބަބުން ލިބޭ ކުދިންނަށް މުޖުތަމައުގެ ތެރެއިން އެއްވެސް ހިމާޔަތެއް ނެތެވެ.

ލ. ހިތަދޫގެ އުމުރުން ދުވަސްވީ މީހަކާ އެކު ހިޝާން މަޑުކޮށްލައްވައިގެން

ލ. ހިތަދޫގެ އުމުރުން ދުވަސްވީ މީހަކާ އެކު ހިޝާން މަޑުކޮށްލައްވައިގެން

ހިސާންގެ ހިޔާވަހިކަމުގެ ދަށަށް އޭގެ ތެރެއިން އެއް ކުއްޖަކު ގެނައީ ވެސް އަޅާލާނެ މީހަކު ނެތި، ރަށުތެރެއަށް ގިނަވެފައި ހުއްޓަ އެވެ. އެހެންވެ ކުށެއް ނެތް މި ފަދަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގަވައިދެއް ނުވަތަ އުސޫލެއް އޮތުން މުހިއްމުކަން އޭނާ ފާހަަގަކުރެއްވި އެވެ.

"ބައްޕައަކީ ކާކުކަން ނޭނގޭތީ މުޖުތަމައުގެ ތެރެއިން ގިނަ ތަފާތު ކުރުންތައް އެކުދިންނާ ކުރިމަތިވޭ. މީހުންގެ ފުރައްސާރައާ ކުރިމަތިވޭ. ފުރުސަތުތައް ހަނިވޭ. އެކަމަކު އެއީ އެ ކުދިންގެ ކުށެއް ނޫން ދެއްތޯ،" ހިސާން ވިދާޅުވި އެވެ.

"އެހެންވެ، މި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ދައުލަތުގެ ތެރެއިން އޮންނަން ޖެހޭ."

ހިސާން ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައިވާ މި ފަދަ އާއިލާތަކަށް އެހީގެ އަތެއް ދިއްކޮށްލާ މީހުން މަދެވެ. މި ފަދަ އާއިލާތަކަށް އެހީ ހޯދުމަށް ނުވަތަ އެ މީހުންގެ ޝަކުވާތައް ހިފައިގެން ކަމާ ގުޅޭ އިދާރާތަކަށް ދިޔުމުން އޭނާ ފަހާލަނީ އެވެ. ހިސާން ވިދާޅުވި ގޮތުގައި ކަމާ ބެހޭ އިދާރާތަކުގެ މެދުގައި އޭނާ މަޝްހޫރުވެފައި އޮންނަނީ "މައްސަލަ ހިފައިގެން އަންނަ މީހާ"ގެ ގޮތުގަ އެވެ. އެހެންވެ ކޮންމެ އިދާރާއަކުން ވެސް، އެއީ އެހެން ތަނަކުން ކުރާ ކަމެއް ކަމަށް ބުނެ އޭނާ ފޮނުވާލާ ކަމަށް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ގިނަ ރިސޯޓުތަކާއި ބޮޑެތި ކުންފުނިތަކުން ސީއެސްއާރުގެ ނަމުގައި ޕްރޮގްރާމްތައް ހިންގި ނަމަވެސް އޭގެ ފައިދާ ނިކަމެތިންނަށް ނުކުރާ ކަމަށެވެ. ރަށެއްގައި ދަނޑެއް ހެދުން ނޫނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެތިން ގޮނޑި ހަދިޔާކުރާއިރު، ގިނަ ނިކަމެތިން ތިބެނީ އެ ފަދަ އެހީތަކުން މަހުރޫމްވެފަައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ވާއެއްޗަކީ މި ފަދަ މަންޒަރުތައް ފެނުނީމައި ނުހުރެވެނީ. އެކަންކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރެވެނީ. އަޅުގަނޑު ހިތަށްއަރަނީ މި ފަދަ ދިހަވަރަކަށް މީހުން [އެހީތެރިވާ] ތިބި ނަމަވެސް، ރާއްޖޭގައި މިފަދަ ނިކަމެތި ހާލުގައި ބަޔަކު ނޫޅޭނޭ،" ހިސާން ވިދާޅުވި އެވެ.

ޖެންޑާގެ ބަސް؛ ފަރުދީ ޒިންމާ ކޮބާ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ދައުލަތުން ހިމާޔަތް ދެނީ ޖެންޑާ މިނިސްޓްރީންނެވެ. އެކަމަކު އެ މިނިސްޓްރީގެ ޝަކުވާއަކީ އެ ހުރިހާ މައްސަލަތައް އެތަނުގެ ބޮލަށް ކަނޑާލުމެވެ. ކަމެއް ހިނގާއިރު "ޖެންޑާ ކޮބައިތޯ" އާއި "ޖެންޑާއިން ހާޒިރު ނުވީ ކީއްވެތޯ" އާއި "ޖެންޑާގެ ޒިންމާ ކޮބައިތޯ" އޭ ބުނެ މީހުން ޝަކުވާ ކުރުމެވެ.

ހިތަދޫގައި ދިރިއުޅޭ ނިކަމެތި އާއިލާއެއް: މި ފަދަ އެހެން އާއިލާތައް ވެސް ރާއްޖޭގައި އުޅޭ

ހިތަދޫގައި ދިރިއުޅޭ ނިކަމެތި އާއިލާއެއް: މި ފަދަ އެހެން އާއިލާތައް ވެސް ރާއްޖޭގައި އުޅޭ

އެކަމަކު އެ މިނިސްޓްރީން ބުނިގޮތުގައި މައްސަލައެއް ހިނގާ ހިސާބުން ފެށިގެން އިންސާފު ލިބުމާ ހަމައަށް ވަރަށް ގިނަ ބައެއްގެ ދައުރު އޭގައި ވެ އެވެ. ހަމައެއާ އެކު ވަރަށް ގިނަ ބަޔަކު އޭގައި ޒިންމާ ނަގަން ޖެހެ އެވެ. އެކަން ފެށެނީ، އެ މިނިސްޓްރީން ބުނިގޮތުގައި، މުޖުތަމައުގެ ތެރެއިންނެވެ.

"މިސާލަކަށް ރަށެއްގައި އަންހެނަކަށް އަނިޔާ ލިބެނީ. ފުރަތަމަ ބަލަން ޖެހެނީ ކޮބައިތޯ އޭނާގެ އާއިލާ. އާއިލާގެ ޒިންމާއަކީ ކޮބައިތޯ. ދެން އަވަށްޓެރިންނާއި އެ ރަށުގެ މުޖުތަމައުގެ ޒިންމާ. އިހުމާލެއް ވާ ނަމަ، ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ޒިންމާ،" ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

"ކަމެއް ހިނގީމައި އެންމެ ފުރަތަމަ އަންނަން ޖެހޭނީ ފަރުދީ ޒިންމާ."

ޖެންޑާއިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހާލަތު ބެލުމަށް ވަކިވަކިން ކޮންމެ ރަށަކަށް ޒިޔާރަތް ކުރުމަކީ އުނދަގޫ ކަމެކެވެ. އަދި ކޮންމެ ގެއެއްގައި ދިމާވާ މައްސަލައެއް އެ ތަނަށް ނޭނގިދާނެ އެވެ. އެކަމަކު އެކަމުގެ ހައްލެއްގެ ގޮތުން 19 އަތޮޅެއްގައި، ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމުކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ބަލަމުން ދާކަން ފާހަގަކުރި އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ގޮތުން، ކޮންމެ ރަށެއްގައި ވެސް ފުލުހުންނާއި ސިއްހީ ދާއިރާގެ މީހުންނާއި ޖެންޑާ މިނިސްޓްރީގެ މީހުން ހިމެނޭ ގޮތަށް ކޮމިއުނިޓީ ސޯޝަލް ގުރޫޕުތަކެއް ވަނީ އެކުލަވާލައިފަ އެވެ. ރަށްރަށުގައި ދިމާވާ މި ފަދަ މައްސަލަތަކަށް މި ގުރޫޕުގެ ޒަރީއާއިން ހައްލު ހޯދޭއިރު، ކަމާ ބެހޭ ފަރާތްތަކާ ހަމައަށް މައްސަލަތައް ގެނައުމަކީ މުޖުތަމައު އާއި ކައުންސިލްގެ ޒިންމާއެއް ކަމަށް ޖެންޑާއިން ބުންޏެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް އަންނަނީ ހުށަހަޅަމުންނެވެ. އަދި އާއިލާތަކުންނާއި އަނިޔާ ލިބޭ ފަރާތްތަކުން، އެކަމުގައި ޖެންޑާގެ ދައުރެއް އޮންނަން ބޭނުންވާ ކަމަށާއި އެއީ މީހުން، އެ ނިޒާމާ ދޭތެރޭ އޮތް އިތުބާރު ބޮޑުވުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެން ދެކެނީ އެއީ މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިގެން ނަތީޖާ ނެރެވޭނެ ކަމަށް މީހުން ގަބޫލުކުރާތީ ކަމަށް. އަދި މިކަމުގައި ހޭލުންތެރިކަން ވެސް އިތުރުވެއްޖެ ކަމަށް،" އިބްރާހިމް ވިދާޅުވި އެވެ.

ކުޑަކުދިންނާއި އަންހެނުން ހިމެނޭ އާއިލީ މައްސަލަތަކުގައި ވެސް އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ އިންސާފު ނުލިބުމެވެ. މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް އަދަބު ނުލިބި މަގުމައްޗަށް ދޫވުމެވެ.

އިބްރާހިމް ވިދާޅުވީ އަނިޔާކުރުމާއި އިހުމާލުވުން ފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާއިރު ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ކޯޓުތަކުގެ ދައުރު ވެސް އެކަމުގައި އޮންނާނެ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހާ ދައުލަތަށް ނަގައި، އެ މިނިސްޓްރީގެ ދައުރު އަދާކުރި ނަމަވެސް އެހެން އިދާރާތަކުން ޒިންމާ ފުރިހަމައަށް ނުކުރުން ކަމަށް ޖެންޑާއިން އެކަމުގައި އިހުމާލުވުން ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފުދުންތެރިކަން މައްޗަށް ދާއިރު، ބޮލަކަށް ޖެހޭ އަދަދު މައްޗަށް ދާއިރު، ފަގީރުކަމާއި ނިކަމެތިކަމުގެ ހިތްދަތި ދިރިއުޅުންތަކަށް އަދި ނިމުމެއް ނާދެ އެވެ. އެކަމަކު ކުޑަކުޑަ ގައުމަކަށް ވެފައި، އެހީތެރިވެވިދާނެ އަތްމަތި ތަނަވަސް މީހުން ވެސް ގިނަކަމުން، އެ ހާލަތުން މިހާރަށް ވުރެ ގިނަ ބަޔަކު ނެރެވިދާނެ އެވެ. އޭޑީކޭ އިން ދެއްކީ އެ ނަމޫނާ އެވެ.