Roadha Mihaaru

އަތުލައިގަންނަ މަސްތުވާތަކެތި މަސް ދުވަސްތެެރޭގައި ނައްތާލަނީ

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި މަސް ދުވަހުގެ ތެރޭގައި ނައްތައިލުމަށް ނިންމައިފި އެވެ.

މަސް ދުވަސް ތެރޭގައި މަސްތުވާތަކެތި ނައްތާލަނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

02 ޖޫން 2019

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި މަސް ދުވަހުގެ ތެރޭގައި ނައްތައިލުމަށް ނިންމައިފި އެވެ.

ތަފާތު މައްސަލަތަކުގައި ފުލުހުން ހޯދާ މަސްތުވާތަކެތި ނައްތައިލުމަށް ޚާއްސަ ގަވައިދުތަކެއް ހަދާފައިވީ ނަމަވެސް މިހާރު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މަސްތުވާތަކެތި ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި މި މަސް ތެރޭގައި ނައްތައިލާނެ ކަމަށެވެ. އެ ތަކެތި ނައްތައިލަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނުން ލާޒިމު ކުރާ އަދަދަށް ވުރެ އިތުރުވާ މަސްތުވާތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ހާއްސަ އޮޑިޓެއް ހަދަމުން. އެ އަށް ފަހު މި މަސް ނިމުމުގެ ކުރިން، މިހާރު ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލާނަން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމާޒަކަށް ކުރިމަގުގައި ވާނީ މަސްތުވާތަކެތި އަތުލައިގަންނަތާ މަސް ދުވަސް ތެރޭގައި އެތަކެތި ނައްތާލުމެވެ.

މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން އެފަދަ މައްސަލައެއްގެ ޝަރީއަތްތައް ނިމެންދެން ސާމްޕަލްގެ ގޮތުގައި ވަކި އަދަދެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖެހެ އެވެ.

ދޭތެރެދޭތެރެ އިން ފުލުހުން އަންނަނީ މަސްތުވާތަކެތި ނައްތައިލަމުންނެވެ. ނަމަވެސް ނައްތައުނުލާ ގިނަ އަދަދެއްގެ ތަކެތި އަދިވެސް އަބަހުއްޓެވެ.

މި ފަހުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތި ވެސް ހިމެނެ އެވެ. އަދި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މާލޭގެ ގެތައް ރެއިޑްކޮށް ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.