02 ޖޫން 2019
މެޑްރިޑް (ޖޫން 2) – މެޗުގެ ކުރީކޮޅު މުހައްމަދު ސަލާހު އަދި ފަހުކޮޅު ޑިވޮކް އޮރީގީ ވައްދާލި ލަނޑުތަކާ އެކު އިނގިރޭސި ވާދަވެރިޔާ ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، 14 އަހަރުގެ މެދުކެނޑުމަކަށް ފަހު ހަ ވަނަ ފަހަރަށް ލިވަޕޫލުން މިރޭ ހޯދައިފި އެވެ.
މެޑްރިޑް (ޖޫން 2) – މެޗުގެ ކުރީކޮޅު މުހައްމަދު ސަލާހު އަދި ފަހުކޮޅު ޑިވޮކް އޮރީގީ ވައްދާލި ލަނޑުތަކާ އެކު އިނގިރޭސި ވާދަވެރިޔާ ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، 14 އަހަރުގެ މެދުކެނޑުމަކަށް ފަހު ހަ ވަނަ ފަހަރަށް ލިވަޕޫލުން މިރޭ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުން ރެއާލް މެޑްރިޑް އަތުން ބަލިވުމުގެ ހިތްދަތިކަމާއި މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކޮށް ފަހު މެޗުން ތަށި ގެއްލުމުގެ ހިތާމަ ލިވަޕޫލުން ފިލުވާލިއިރު، ކޯޗު ޔާގެން ކްލޮޕުގެ ނާކާމިޔާބީގެ ސިލްސިލާ އަށް ވަނީ ނިމުމެއް އައިސްފަ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ކްލޮޕް މީގެ ހަތަރު އަހަރު ކުރިން ލިވަޕޫލާ ހަވާލުވި ފަހުން ތިން ފައިނަލުން ވަނީ ބަލިވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލާއި 2016 ވަނަ އަހަރު ޔުރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕުގެ ފައިނަލުންނެވެ.
ލިވަޕޫލް އަތުން ބިނާކުރަން ކްލޮޕާ ހަވާލުކޮށް ފެށި މަސައްކަތުގައި އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވަނީ ސީދާ އޭނާގެ ޕްލޭނަށް ވިސްނައިގެން ގެނައި ކުޅުންތެރިންނެވެ. ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިލް 75 މިލިއަން ޕައުންޑަށް ގަތުމުން އެތައް ބަޔަކު ފާޑުކީ ނަމަވެސް މި ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އޭނާގެ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގައި ކުރިން ފްލޮޕްވި ސަލާހަށް އިތުބާރުކުރި ކުރުމާއި ގޯލްކީޕަރު އެލިސަން ބެކާ އަށް ކުރި އިންވެސްޓްމަންޓް ކާމިޔާބުކަން ކްލޮޕް މިވަނީ ސާބިތުކޮށްދީފަ އެވެ.
ލިވަޕޫލުގެ ކުޅުންތެރިން ކޯޗު ކްލޮޕް އުފުލާލަނީ. --ފޮޓޯ: އޭއެފްޕީ
ޗެމްޕިއަންސް ލީގު ހަ ވަނަ ފަހަރަށް ކާމިޔާބުކުރުމާ އެކު ލިވަޕޫލް ވެފައިވަނީ މުބާރާތް ތިން ވަނަ އަށް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ. އެންމެ ކާމިޔާބު ޓީމަކީ 13 ފަހަރު ތަށި ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ދެ ވަނައިގައި އޮތީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދީ އޭސީ މިލާނެވެ. ލިވަޕޫލުގެ ފަހަތުން ހަތަރު ވަނައިގައި އޮތީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކާއި ބާސެލޯނާ އެވެ.
ލިވަޕޫލުން 1977، 1978، 1981، 1984 އަދި 2005 ވަނަ އަހަރު ހޯދި ކާމިޔާބީގެ ސިލްސިލާ އަށް މިރޭ އިތުރުކުރި ބޮޅާ އެކު އެ ޓީމު މި ވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ ގުނަ ގިނައިން މި މުބާރާތުގެ ތަށި އުފުލައިލަ އެވެ. ޔުނައިޓެޑަށް ލިބިފައިވަނީ ތިން ތަށްޓެވެ.
އެތުލެޓިކޯ މެޑްރިޑުގެ ސްޓޭޑިއަމުގައި މިރޭ އޮތް ފައިނަލް މެޗުގެ 22 ވަނަ ސިކުންތުގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޓީމުގެ ސަޑިއޯ މާނޭ މެޗުގެ އޭރިއާ ތެރެއިން ޖެހި ބޯޅަ ޓޮޓެންހަމްގެ މޫސާ ސިސޯކޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ސަލާހު ކާމިޔާބުކުރީ ދެ ވަނަ މިނެޓުގަ އެވެ. މިއީ ލިވަޕޫލުން އެންމެ ފަހުން ތަށި ހޯދި ފަހަރު، 2005 ގެ ފައިނަލުގައި އެ ޓީމު ކޮޅަށް އޭސީ މިލާނުގެ ކެޕްޓަން ޕައޮލޯ މަލްޑިނީ 50 ވަނަ ސިކުންތުގައި ޖެހި ލަނޑު ފިޔަވައި ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ފެނިގެން ދިޔަ އެންމެ އަވަސް ގޯލެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ ފައިނަލުގައި އަނިޔާވެ ވަކި ހިސާބަކުން ބަދަލުކުރަން ޖެހުނު ސަލާހަށް، ލިބުނު ރަނގަޅު ބަދަލެކެވެ.
ކުރީކޮޅު ލިބުނު ލީޑާ އެކު ލިވަޕޫލް ދެން ފެނިގެން ދިޔައީ އެ ޓީމުގެ އާއްމު ކުޅުމާ ހިލާފަށް ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުކަންދިން ތަނެވެ. އެގޮތުން ހަ ކުޅުންތެރިން ފަހަތަށް ފައިބައިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ ޓޮޓެންހަމް އަށް މެދުތެރެއިން ޖާގަ ލިބުމެވެ. އެކަމަކު އެ ޓީމަށް ވެސް ސާފު ފުރުސަތުތަކެއް ނުލިބި ބޯޅަ މެދުތެރޭގައި ތާށިވެފައި އޮތުމުން ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ފޫހި ކުޅުމެކެވެ. އަނިޔާގައި ތިން މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު ފުރަތަމަ އެގާރައިގައި ކުޅުނު ޓޮޓެންހަމްގެ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭން އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ސެމީ ފައިނަލުން އަޔަކްސް ކަޓުވާލަށް ހެޓްރިކެއް ހެދި ލޫކަސް މޯރާ އަށް ފުރުސަތު ދިނީ ދެ ވަނަ ހާފުގަ އެވެ.
ދެ ޓީމުގެ ފަރާތުން ޕްރިމިއާ ލީގުގެ އެޓޭކިން ރީތި ފުޓްބޯޅަ މިރޭ ފެނިގެން ނުދިޔައީ ލީގު ނިމި ތިން ހަފުތާގެ ބްރޭކަކަށް ފަހު މެޗު ކުޅުމުންނާއި މެޑްރިޑުގެ ހޫނު ގަދަ މާހައުލުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅުކުރާއިރު ޓޮޓެންހަމްގެ އެރިކްސެން (ކ) މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފުގައި ވެސް ޓޮޓެންހަމުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު މެޗުގެ ފަހު ބައިގައި ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އެކަމަކު ހުރަހަކަށްވީ ލިވަޕޫލުގެ ކީޕަރު އެލިސަން އެވެ. އޭނާ ވަނީ ޓޮޓެންހަމްގެ ދެކުނު ކޮރެއާ ފޯވާޑް ސޮން މިން ހޮން ފޮނުވާލި ޝޮޓާއި އޭގެ ރީބައުންސް ބޯޅައިގައި ލޫކަސް މޯރާ ފޮނުވާލި ޝޮޓާއި ހިލޭ ޖެހުމަކުން ކްރިސްޓިއަން އެރިކްސަން ފޮނުވާލި ނުރައްކާތެރި ބޯޅަ މަތަކޮށްފަ އެވެ.
ގޮތެއް ނެތުމުން ޓޮޓެންހަމް އެކީ އެކަށް ކުރިއަށް ޖެހުމުން ލިވަޕޫލުން ދިޔައީ ފަހު ވަގުތު ކައުންޓާ އެޓޭކެއްގައި ލަނޑެއް ޖަހައި ތަށި ކަށަވަރުކުރަން މަސައްކަތްކުރަމުންނެވެ. އެކަން ކާމިޔާބުވީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލުގެ ކައުންޓާ އެޓޭކެއް ހުއްޓުވަން ޓޮޓެންހަމްހެ ޑެނީ ރޯސް ކޯނަރަކަށް ބޭރުކޮށްލި ބޯޅައިންނެވެ. އެ ކޯނަރުން ހުރަސްކުރި ބޯޅަ ޓޮޓެންހަމްގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވި ލިބުނީ އޭރިއާ ތެރެއިން ހުސްވި ޑިވޮކް އޮރީގީ އަށެވެ. ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ބާސެލޯނާ އަތުން 4-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ވެސް ގޯލް ޖަހައިދިން އޮރީގީ ވަނީ ބާރު ޝޮޓަކުން ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި
ބޮޑު ފައިނަލެއް، ދެ ޓީމު ކާމިޔާބަކަށް ކެތްމަދުވެފައި
ޓޮޓެންހަމުން ސިޓީ ބަލިކުރިއިރު، ލިވަޕޫލް ސެމީއާ ގާތަށް
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް
މެސީ އަށް ހެޓްރިކެއް، ލިވަޕޫލް ފަހު ވަގުތު މޮޅުވެއްޖެ
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު