Roadha Mihaaru
މަހާތިރާއި އަންވަރު 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބައްދަލުކޮށްފި

މަހާތިރާއި އަންވަރު 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބައްދަލުކޮށްފި

05 ސެޕްޓެމްބަރ 2016

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 5) - މެލޭޝިއާގައި ސިޔާސީ ގޮތުން ބޮޑު ދެ ހަތުރުންގެ ގޮތުގައި ބެލެވޭ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދާއި އޭނާގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް 18 އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 5) - މެލޭޝިއާގައި ސިޔާސީ ގޮތުން ބޮޑު ދެ ހަތުރުންގެ ގޮތުގައި ބެލެވޭ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދާއި އޭނާގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް 18 އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކޮށްފި އެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށުގައި މިހާރު ސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަންވަރާއި މަހާތިރު ބައްދަލު ކުރައްވާފައި ވަނީ ސަރުކާރަށް އާދަޔާ ޚިލާފު ބާރުތައް ލިބިދެވޭ ގޮތަށް ފާސްކޮށްފައިވާ ނޭޝަނަލް ސެކިއުރިޓީ އެކްޓް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހައި ކޯޓަށް އަންވަރު ހުށަހަޅާފައިވާ މައްސަލާގައި ކޯޓަށް ވަޑައިގަތުމުންނެވެ. އަންވަރުގެ އަނބިކަނބަލުން ވާން އަޒީޒާ ވާން އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 18 އަހަރާއި ތިން ދުވަސް ތެރޭ ފުރަތަމަ ފަހަރަށް މަހާތިރާއި އަންވަރު ބައްދަލު ކުރައްވާ ސަލާމް ކުރައްވާފައިވާ ކަމަށެވެ. ދެ ބޭފުޅުން ބައްދަލު ކުރެއްވީ ތޮއްޖެހިފައިވާ ކޯޓުގެ ތެރޭގަ އެވެ.

މަހާތިރުގެ ނައިބަކަށް ހުންނަވަނިކޮށް އަންވަރު މަގާމުން ދުރުކުރީ ސެޕްޓެމްބަރު 2، 1998 ގަ އެވެ. އަދި އެއް ޖިއްސުން ގުޅުން ހިންގުމާއި ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލި އެވެ. ހަ އަހަރު ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު ސިޔާސީ މަސައްކަތުގައި އުޅުއްވަނިކޮށް މެލޭޝިއާގެ މިހާރުގެ ސަރުކާރުން އަނެއްކާ ވެސް އަންވަރު، 67، ވަނީ އެއް ޖިއްސުން ގުޅުން ހިންގުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލައިފަ އެވެ. އަންވަރުގެ މައްޗަށް 2008 ވަނަ އަހަރު ސާބިތު ކުރި އެއް ޖިއްސުން ގުޅުން ހިންގި މައްސަލަ 2012 ވަނަ އަހަރު ވަނީ ސާބިތު ނުވާ ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފަ އެވެ. ނަމަވެސް މެލޭޝިއާގެ އެންމެ މަތީ ކޯޓުން ވަނީ 2015 ވަނަ އަހަރު މި ހުކުމް ބާތިލްކޮށް ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ މިއީ 2018 ވަނަ އަހަރު މެލޭޝިއާގައި އޮންނަ އިންތިޚާބުގައި އަންވަރު ވާދަކޮށްފާނެތީ ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

އަންވަރާ ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުންގެ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުން މަހާތިރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ކޯޓަށް ވަޑައިގެން އަންވަރާ ބައްދަލު ކުރެއްވީ ގައުމީ ސަލާމަތާ ބެހޭ ގާނޫނަށް އަމަލު ކުރުން ހުއްޓުވުމަށް އަންވަރު ކުރައްވާ މަސައްކަތަށް ތާއީދު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ދެ ބޭފުޅުންނަކީ މިހާރު ރަހުމަތްތެރިންތޯ ސުވާލު ކުރުމުން މަހާތިރު ވިދާޅުވީ ރަހުމަތްތެރިންނަކީ ކޮބައިކަން ނޭނގޭ ކަމަށާއި އެކަމަކު އަންވަރާ ވާހަކަ ދެއްކެވި ކަމަށެވެ.

މެލޭޝިއާގައި 22 އަހަރު ބޮޑު ވަޒީރުކަން ކުރެއްވުމަށް ފަހު 2003 ވަނަ އަހަރު ރިޓަޔާ ކުރެއްވި އުމުރުން 91 އަހަރުގެ މަހާތިރު ވަނީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް އާ ޕާޓީއެއް އުފައްދަވާ "ސޭވް މެލޭޝިއާ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފައްޓަވައިފަ އެވެ. މަހާތިރު ވިދާޅުވެފައި ވަނީ އާ ޕާޓީން މަސައްކަތް ކުރާނީ އިދިކޮޅު ފަރާތްތަކާ ވެސް ގުޅިގެން ކަމަށެވެ.