Roadha Mihaaru
މެލޭޝިޔާގައި ސަރުކާރެއް އުފެއްދޭ ވަރެއް ނުވި

މެލޭޝިޔާގައި ސަރުކާރެއް އުފެއްދޭ ވަރެއް ނުވި

21 ނޮވެމްބަރ 2022

މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބުމާ ގުޅިގެން، އާ ސަރުކާރެއް އެކުލަވައިލެވޭނެ ދުވަހަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބުމާ ގުޅިގެން، އާ ސަރުކާރެއް އެކުލަވައިލެވޭނެ ދުވަހަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

މަޖިލީހުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޕަކަޓަން ހަރަޕަން އެވެ. ނަމަވެސް މުޅީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވުމުން، އިތުރު އެހެން ޕާޓީއެއް ބައިވެރިކޮށްގެން ނޫނީ، ސަރުކާރެއް އުފައްދައި ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު، އަންވަރަކަށް ވެސް ނެތެވެ.

ބޮޑުވަޒީރު ސަބްރީ ޔައުގޫބްގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވެސް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން އަޣުލަބިއްޔަތު ހޯދޭ ގޮތެއް ނުވި އެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 222 ގޮނޑީގެ ތެރެއިން އެ ކޯލިޝަނުން ވާދަކުރީ 178 ގޮނޑިއަށެވެ. ނަމަވެސް އޭގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ 30 ގޮނޑި އެވެ.

އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބުމުން، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ޕާޓީތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެހެން ޕާޓީތައް ބައިވެރިކޮށްގެން ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށެވެ. ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ އަންވަރު އިބްރާހީމާއި މުހްޔިއްދީން ޔާސީން ވެސް ވިދާޅުވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ އެ ބޭފުޅުން ކަމަށެވެ.

ނަމަވެސް އަންވަރާ އެކުގައި ވެރިކަމުގައި ބައިވެރިވާން ތައްޔާރަށް އޮތީ ކޮން ޕާޓީއެއް ކަމެއް އަންވަރު ވިދާޅެއްނުވެ އެވެ. އަދި މުހްޔިއްދީންގެ ބޮޑުވަޒީރުކަމުގެ ދަށުން ސަރުކާރުގައި ބައިވެރިވާން ބޭނުންވަނީ ކޮން ޕާޓީއެއް ކަމެއް، މުހްޔިއްދީން ވެސް ވިދާޅެއް ނުވެ އެވެ.

އެ ގައުމުގެ ނުފޫޒު ގަދަ، ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދަށް ވެސް އަދި އޭނާގެ ޕާޓީއަށް ވެސް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. މި ފަހަރުގެ އިންތިޚާބުގައި ވެސް މަހާތީރު ވާދަކުރެއްވީ، 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވައިގެން ބޮޑު އަޣުލަބިއްޔަތެއް ހޯއްދެވި، ލަންކާވީ ރިސޯޓް ދާއިރާއަށެވެ. މިފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެ ދާއިރާ އިން މަހާތީރަށް ލިބިވަޑައިގަތީ ހަތަރު ވަނަ އެވެ.

އެ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވުމުގެ އިތުރުން މަހާތީރަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ލަދަކީ، އިންތިޚާބަށް ކުރިމަތިލެއްވުމަށް ދެއްކެވި ޑިޕޮސިޓް ފައިސާ އަނބުރާ ލިބިވަޑައިގަންނަވާ ވަރަށް ވެސް ވޯޓު ލިބިވަޑައިނުގަތުމެވެ. މެލޭޝިޔާގެ އާންމު އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން، އިންތިޚާބުގައި ވާދަކުރެއްވުމަށް ދައްކަވާ ފައިސާ އަނބުރާ ލިބޭނީ، އެ ދާއިރާއެއްގައި ވޯޓު ލީ މީހުންގެ މަދުވެގެން އަށް ބައިކުޅަ އެއްބައި މީހުންގެ ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެވެ.

ގޮނޑި ގެއްލި ޑިޕޮސިޓް ގެއްލުމުގެ އިތުރުން މަހާތީރަށް ކުރިމަތިވި އަނެއް ލަދަކީ، އޭނާގެ ޕާޓީން ވާދަކުރި އެންމެ ދާއިރާއެއް ވެސް އެ ޕާޓީ އަށް ކާމިޔާބު ނުކުރެވުމެވެ. މިއީ މަހާތީރު، 97،ގެ ސިޔާސީ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ. އޭނާ ވަނީ 1981 ވަނަ އަހަރުން ފެށިގެން، 2003 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް 22 އަހަރު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.