30 މެއި 2019
ބަކޫ، އަޒަރުބައިޖާން (މެއި 30) - އެޑަން ހަޒާޑްގެ ދެ ގޯލާ އެކު 4-1 އިން އާސެނަލްގެ މައްޗަށް ކުރި ހޯދައި ޗެލްސީން ދެ ވަނަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބަކޫ، އަޒަރުބައިޖާން (މެއި 30) - އެޑަން ހަޒާޑްގެ ދެ ގޯލާ އެކު 4-1 އިން އާސެނަލްގެ މައްޗަށް ކުރި ހޯދައި ޗެލްސީން ދެ ވަނަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޗެލްސީން އެންމެ ފުރަތަމަ ޔޫރޮޕާ ލީގު ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. މި ކާމިޔާބީ އަކީ 1999 ވަނަ އަހަރުގެ ތެރޭގައި ކޯޗިން ކެރިއަރު ފެށި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް ކެރިއަރުގައި ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ތަރި ހަޒާޑް އަންނަ ސީޒަނުގައި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިރޭގެ މެޗަށް ފަހު ހަޒާޑް ވެސް ވަނީ އެހެންވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ.
"އަހަރެން ގޮތެއް ނިންމައިފިން. އެކަން ވާނީ ދެ ކްލަބަށް ވެސް ހިއްސާކޮށްފައި. އެކަން ވަރަށް އަވަހަށް ހާމަވާނެ. މިއީ ޗެލްސީގައި އަހަރެންގެ ފަހު މެޗަށް ވުމުގެ ފުރުސަތު ބޮޑު. އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ،" މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.
އަޒަރުބައިޖާނުގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގްރޭނިޓް ޝާކާ ޖެހި ބޯޅައެއް ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި ލީޑުނަގަން ޗެލްސީގެ އޮލިވިއޭ ޖިރޫޑާއި އެމެސަން ޕަލްމިއޭރީ ޖެހި ބޯޅަތައް އާސެނަލްގެ ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު ޕެޓަ ޗެކް ވަނީ މަތަކޮށްފަ އެވެ. މި މެޗަކީ ޗެލްސީ އަށް ކުރިން ކުޅުނު ކީޕަރު ޗެކްގެ ފުޓްބޯޅަ ކެރިއަރުގެ ފަހު މެޗެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ކުރިން އާސެނަލަށް ކުޅުނު ފްރާންސްގެ ފޯވާޑް ޖިރޫޑް އެވެ. ޕަލްމިއޭރީ ނަގައިދިން ހުރަހަކުން ޖިރޫޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ 10 މިނިޓް ފަހުން ޗެލްސީ އަށް ލީޑުފުޅާކޮށްދިނީ ހަޒާޑް ދިން ބޯޅައަކުން ޕެޑްރޯ ރޮޑްރިގޭޒް އެވެ.
މިރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ހަޒާޑް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޗެލްސީން ދެ ގޯލުގެ ލީޑެއް ނެގުމާ އެކު އާސެނަލުން ދެ ބަދަލެއް ގެންނަން ތައްޔާރުވަމުން ދަނިކޮށް މެޗުގެ 65 ވަނަ މިނިޓްގައި ޗެލްސީން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ޒުވާން ކުޅުންތެރިޔާ އެއިންސްލީ މެއިޓްލަންޑް ނައިލްސް އޭރިއާ ތެރެއިން ޖިރޫޑަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ހަޒާޑް އެވެ.
މެޗުގެ 69 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އިވޯބީ ޖެހި ހިތްގައިމު ގޯލަކުން އާސެނަލްގެ އުއްމީދު އާ ވި އެވެ. އެކަމަކު އެ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ހަޒާޑް ވަނީ އިތުރު ލަނޑެއް ޖަހައި ޗެލްސީ އަށް ތިން ގޯލުގެ ލީޑު އަލުން ނަގައިދީފަ އެވެ. ފަހުން ޗެލްސީން އިތުރު ލަނޑެއް ޖަހަން ވިލިއަން އާއި ހަޒާޑް ފޮނުވާލި ބޯޅަތައް ކީޕަރު ޗެކް ވަނީ ހުއްޓުވައިފަ އެވެ.
ސިޔާސީ ސަބަބަކާ ހުރެ މި މެޗު ގެއްލުނު އާރްމީނިއާގެ ހެންރިކް މިކިތާރްޔަން ނެތުމުން އާސެނަލްގެ އެޓޭކުގައި މައްސަލަތަކެއް ފެނުނު ނަމަވެސް ފަހުން ވެސް ލަނޑު ޖަހަން އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން އަލެކްސަންޑަ ލަކަޒޭޓް އާއި ޒުވާން ކުޅުންތެރިޔާ ޖެކް ވިލޮކް އަތުން ވަނީ ހުސް ފުރުސަތުތަކެއް ބޭކާރުވެފަ އެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން އަހަރު ސެވިއްޔާ ގޮވައިގެން ހޯދި އާސެނަލްގެ ކޯޗު އުނާއި އެމެރީ އަށް މި މުބާރާތުގެ ޗެމްޕިއަންކަން ނުލިބުމުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އޮތް ހުރިހާ ދޮރެއް ބަންދުވީ އެވެ. އާސެނަލް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ.
ޗެލްސީގެ ކޯޗު ސާރީ ހޯދަން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މަސައްކަތްކުރަމުން އަންނައިރު، މިރޭގެ ކާމިޔާބީއާ އެކު ޗެލްސީން ސާރީ ބަހައްޓާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ސާރީ ވެސް ވަނީ އިނގިރޭސި ފުޓްބޯޅައިގައި އިތުރަށް މަސައްކަތްކުރަން ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ގަދަ ދެ ބާރުގެ ފައިނަލް: މޮޅުވާނީ ކޮން ޓީމެއް؟
އެނބުރި ޗެލްސީ އަށް ދާން ނުނިންމަން: ޗެކް
ފައިނަލުގެ ޖާގައާ އެކު ޗެކަށް އުފަލުން ރޮވިއްޖެ
ޗެލްސީ އާއި އާސެނަލް ފައިނަލަށް، އިންގްލެންޑަށް އީދެއް
އާސެނަލަށް މޮޅެއް، ޗެލްސީ އެއްވަރު
އާސެނަލާއި ޗެލްސީ ސެމީ ފައިނަލަށް
ޔޫރަޕުގައި އާސެނަލާއި ޗެލްސީ އަށް ކާމިޔާބު ރެޔެއް
ޗެލްސީ އާއި އާސެނަލް ކުއާޓާ އަށް، އިންޓަ ކަޓައިފި
އާސެނަލަށް ނާކާމިޔާބު، ޗެލްސީ ކުއާޓާއާ ގާތަށް
ޗެލްސީ އާއި އާސެނަލް އަނެއް ބުރަށް