Roadha Mihaaru
ޗެލްސީ އާއި އާސެނަލް އަނެއް ބުރަށް

ޗެލްސީ އާއި އާސެނަލް އަނެއް ބުރަށް

22 ފެބުރުއަރީ 2019

ލަންޑަން (ފެބްރުއަރީ 22) - ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ ބޭޓް ބޮރިސޯފް އަތުން 3-0 އިން މޮޅުވެ އާސެނަލުން އަދި ސްވިޑެންގެ މަލްމޯ އެފްސީގެ މައްޗަށް 3-0 އިން ކުރި ހޯދައިން ޗެލްސީން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 22) - ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ ބޭޓް ބޮރިސޯފް އަތުން 3-0 އިން މޮޅުވެ އާސެނަލުން އަދި ސްވިޑެންގެ މަލްމޯ އެފްސީގެ މައްޗަށް 3-0 އިން ކުރި ހޯދައިން ޗެލްސީން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ބެލަރޫސްގައި ކުޅުނު މެޗުން އާސެނަލް ވަނީ 1-0 އިން ބޭޓް އަތުން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ދެއްކި މޮޅު ކުޅުމާ އެކު އާސެނަލް ކުރި ހޯދީ 3-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޑޭޓިއަމްގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުން ދިޔައީ ބޭޓް އަށް ޕްރެޝަރު ކުރަމުންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ ބޭޓްގެ ޒަކާރު ވޮލްކޯފް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ އާސެނަލުގެ ޕިއޭ އެމެރިކް އޮބާމަޔަން ނަގައިދިން ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ވޮލްކޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެސުޓް އޮޒިލް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ދެ ވަަނަ ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ޖަރުމަނުގެ ޑިފެންޑަރު ޝްކޮޑްރަން މުސްތާފީ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ގްރީސްގެ ޑިފެންޑަރު ސޮކްރާޓިސް ޕަޕަސްތޮލޮސް އެވެ.

މިއީ ޔޫރަޕުގައި ފުރަތަމަ ލެގުން ބަލިވުމަށް ފަހު އާސެނަލުން 2010 ވަނަ އަހަރަށް ފަހު ނަތީޖާ އަނބުރާލި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޗެމްޕިއަންސް ލީގުގައި އާސެނަލުން ފަހަތުން އަރައި ކުރިހޯދީ ޕޯޓޯ އަތުންނެވެ. އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި ފެނުނީ އެ އިތުބާރާ އެކު ކުޅުނު ތަން ކަމަށެވެ.

ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދީފަ އެވެ. އެއީ އާދިއްތަ ދުވަހުގެރޭ ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ.

ޗެލްސީން ދެ ލެގަށް ބަލާއިރު މަލްމޯގެ މައްޗަށް ކުރިހޯދީ 5-1 ގެ އެގްރިގޭޓަކުންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ އޮލިވިއޭ ޖިރޫޑާއި ރޮސް ބާކްލޭ އަދި ޒުވާން މިޑްފީލްޑަރު ކަލުމް ހަޑްސަން-އޯޑޯއި އެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދި ޓީމުތައް:

ރެޑްބުލް ސަލްޒްބާގް (އޮސްޓްރިއާ)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ސްލަވިއާ ޕްރާގު (ޗެކް ރިޕަބްލިކް)، އާސެނަލް (އިންގްލެންޑް)، ޗެލްސީ (އިންގްލެންޑް)، ރެނެސް (ފްރާންސް)، އެއިންޓްރަކްޓް ފްރޭންކްފާޓް (ޖާމަނީ)، އިންޓަ މިލާން (އިޓަލީ)، ނަޕޯލީ (އިޓަލީ) ބެންފީކާ (ޕޯޗުގަލް)، ކްރަސްނޯޑާ (ރަޝިއާ)، ޒެނިޓު ޕީޓާސްބާގް (ރަޝިއާ)، ސެވިއްޔާ (ސްޕެއިން)، ވެލެންސިއާ (ސްޕެއިން)، ވިޔަރެއާލް (ސްޕެއިން)، ޑައިނަމޯ ކިއޭވް (ޔޫކްރޭން).