29 މެއި 2019
އަޒަރުބައިޖާނުގެ ބަކޫގައި މިރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ވާދަކުރާނީ ލަންޑަނުގެ އިތުރުން އިނގިރޭސި ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އާސެނަލާއި ޗެލްސީ އެވެ. މިއީ 2013 ވަަނަ އަހަރުގެ މި މުބާރާތް ކާމިޔާބުކުރި ޗެލްސީ އޭގެ ފަހުން ކުޅޭ ފުރަތަމަ ފައިނަލެވެ. އަދި 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި ފަހުން އާސެނަލަށް ޔޫރަޕްގެ ރަސްމީ ތަށްޓެއް ކާމިޔާބުކުރަން ލިބޭ ފުރަތަމަ ފުރުސަތެވެ. މިއީ ފައިނަލަކަށް ވުރެ ބޮޑަށް މި ދެ ޓީމުގެ ކުރިމަގު ބައްޓަންކުރަން މުހިއްމު މެޗެކެވެ.
އަޒަރުބައިޖާނުގެ ބަކޫގައި މިރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ވާދަކުރާނީ ލަންޑަނުގެ އިތުރުން އިނގިރޭސި ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އާސެނަލާއި ޗެލްސީ އެވެ. މިއީ 2013 ވަަނަ އަހަރުގެ މި މުބާރާތް ކާމިޔާބުކުރި ޗެލްސީ އޭގެ ފަހުން ކުޅޭ ފުރަތަމަ ފައިނަލެވެ. އަދި 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި ފަހުން އާސެނަލަށް ޔޫރަޕްގެ ރަސްމީ ތަށްޓެއް ކާމިޔާބުކުރަން ލިބޭ ފުރަތަމަ ފުރުސަތެވެ. މިއީ ފައިނަލަކަށް ވުރެ ބޮޑަށް މި ދެ ޓީމުގެ ކުރިމަގު ބައްޓަންކުރަން މުހިއްމު މެޗެކެވެ.
ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުކަމުން ވަކިވި އާސެން ވެންގާގެ ބަދަލުގައި ސްޕެއިނުގެ ކޯޗު އުނާއި އެމެރީ ހަވާލުވިއިރު، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ އަލުން ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ޗެމްޕިއަންސް ލީގަށް ދިއުމުގެ ފުރުސަތު އާސެނަލަށް ވަނީ ގެއްލިފަ އެވެ. އެކަމަކު އެ ޓީމަށް އޮތް އަނެއް މަގަކީ މިރޭގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. އެކަން ކުރުމުގެ އަމާޒުގައި ހުރީ ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިން ފަހަރު ސެވިއްޔާއާ އެކު މި މުބާރާތް ކާމިޔާބުކުރި އެމެރީ އެވެ.
"ކުރިމަތީގައި އޮތީ ދެ އަމާޒެއް. އެއީ ތަށްޓެއް ހޯދުމުގެ އިތުރުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. އަހަރެން މި ޓީމަށް އިތުބާރުކުރަން. ސިޒަން ސަލާމަތްކުރާނަމަ އަހަރެމެންނަށް މި ތަށި ހުރިހާ ގޮތަކުން މުހިއްމު،" މީގެ ކުރިން ޕީއެސްޖީ އަށް އިރުޝާދުދިން ވެލެންސިއާގެ ކުރީގެ ކޯޗު އެމެރީ ބުންޏެވެ.
އާރްމީނިއާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އާސެނަލްގެ އާރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް މިރޭގެ ފައިނަލުގައި ނުކުޅެވޭނެ އެވެ. ސަލާމަތީ ކަންތައްތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނެތުމުން މިކިތާރްޔަން އަޒަރުބައިޖާނަށް ނުދާނެ އެވެ.
އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު އުނާއި އެމެރީ. -- ފޮޓޯ: އޭއެފްޕީ
ޔޫރަޕްގައި އާސެނަލުން ނެރުނު ރަނގަޅު ނަތީޖާތަކުގައި މިކިތާރްޔަންގެ ދައުރު ބޮޑެވެ. އޭނާ ނެތި ފައިނަލު ކުޅެން ޖެހުމަކީ ގޮންޖެހުމެއް ކަމަށް އެމެރީ ސިފަކުރި އެވެ. އެހެން ނަަމަވެސް އޮތް ހިތްހަމަޖެހުމަކީ މިކިތާރްޔަން އަށް ޓަކައި ވެސް ޓީމު އެކުވެ، މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އޮތުމެވެ.
"މިކިތާރްޔަން އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވެސް ޓީމު އޮތީ އެއްބައިވަންތަކަމާ އެކު މި ކާމިޔާބީ ހޯދަން އެއް އަޒުމު ކަނޑައަޅައިގެން،" އެމެރީ ބުންޏެވެ.
މިރޭގެ ފައިނަލަށް އެމެރީ އަށް ވަނީ މުހިއްމު ނިންމުމެއް ނިންމަން ޖެހިފަ އެވެ. އެއީ ގޯލްކީޕަރުގެ މަގާމެވެ. ޔޫރޮޕާ ލީގުގައި އެއްކޮށް ތަޖުރިބާކާރު ގޯލްކީޕަރު ޕީޓަ ޗެކަށް ފުރުސަތު ދިން ނަމަވެސް މިރޭގެ މެޗުގައި އެ ޓީމުގެ ޖަރުމަނު ގޯލްކީޕަރު ބާން ލެނޯ ކުޅުވަން ކުރީގެ ތަރިންނާއި ބައެއް އެނަލިސްޓުން އަންނަނީ ބުނަމުންނެވެ. ސަބަބަކީ ޗެކަކީ ޗެލްސީގައި 11 އަހަރު ހޭދަކޮށްފައިވާ ކުޅުންތެރިއަކަށް ވުމުގެ އިތުރުން ފައިނަލަށް ފަހު ރިޓަޔާކޮށް ޗެލްސީގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމަށް ޗެކް ދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެވެ.
"ޗެކްގެ ފަރާތުން ފެންނަނީ މުޅިން ޕޮޒިޓިވް ކަންތައްތައް. އޭނާގެ ޕްރޮފެޝަނަލިޒަމާ ބެހޭގޮތުން އަހަރެން ސުވާލެއް ނުއުފައްދާނަން. އަހަރެންގެ ނިންމުން މެޗުގައި ފެންނާނެ،" އެމެރީ ބުންޏެވެ.
އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް އެ ގައުމުގެ މީޑިއާގައި އަޑުފެތުރިފައިވާއިރު، ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޗެލްސީގެ ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް، ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ހުރީ ކަމެއް ވަނީ ނިމިފަ އެވެ. އެ ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗަކީ ޗެލްސީގައި ސާރީ އާއި ހަޒާޑްގެ ވެސް ފަހު މެޗެވެ.
ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަންނަ ސީޒަނުގައި ހަޒާޑް އެ ޓީމުން ފެނުމަކީ އޭނާ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ފައިނަލުގެ ކުރިން ހަޒާޑް ބުނީ ބޮޑު ކާމިޔާބެއް ހޯދުމަށް ފަހު އާ ޗެލެންޖަކަށް މިސްރާބު ޖެހުމަކީ ފުޓްބޯޅައިގައި އޭނާ ގަބޫލުކުރާ އެންމެ ރަނގަޅު އުސޫލުކަމަށެވެ.
ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާރީ ބުނީ މިއީ އޭނާ ޗެލްސީ އަށް ކޯޗުކޮށްދޭ ފަހު މެޗަށް ނުވާނެ ކަމަށާއި އިނގިރޭސި ފުޓްބޯޅައިގައި ކުރިއަށް އޮތްތަނުގައި ވެސް އޭނާ ފެންނާނެ ކަމަށެވެ.
"އަހަރެން ހަމައެކަނި ވިސްނަން ބޭނުންވަނީ ފައިނަލާ މެދު. ޗެލްސީގައި އަހަރެންގެ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް އެބައޮތް. ޗެލްސީއާ އަހަރެން މަޝްވަރާކުރަނާން. އެކަމަކު މިއީ އެ ވަގުތެއް ނޫން،" މީގެ ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.
ޗެލްސީގެ އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން ހަޒާޑް (ކ) އާއި ސާރީ. -- ފޮޓޯ: އޭއެފްޕީ
މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސާރީ ވަނީ ޔޫރޮޕާ ލީގުގެ ތަށި އެ ޓީމުން ހޯދި ކަމުގައި ވިޔަސް އޭނާ އަށް މަގާމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި މި ފަހަރުގެ ސީޒަން ނިންމާލި ޗެލްސީ ވަނީ އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފިނަމަ ސާރީ އަށް މަގާމު ޔަގީންވާނެ އެވެ.
ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. ފުޓްބޯލް ކޯޗިން އަށް 1999 ވަނަ އަހަރު ވަން ސާރީ އަށް މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިނުވެ އެވެ. އިނގިރޭސި ފުޓްބޯޅައިގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި އެކަން ހާސިލްކުރުމަކީ ސާރީގެ ހާއްސަ އަމާޒެވެ.
"މިއީ ވަރަށް ރަނގަޅު ފެށުމަކަށް ވާނެ. ތަށްޓެއް ހޯދުމަކީ އަހަރެންނަށް ދެން އޮތް ހަރުފަތް،" ސާރީ ބުންޏެވެ.
ފައިނަލަށް ނުކުންނައިރު ޗެލްސީ އަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އެ ގޮތުން ޒުވާން ދެ ތަރިން ކަމަށްވާ ކަލުމް ހަޑްސަން-އޮޑޯއި އާއި ރުބެން ލޮފްޓަސް-ޗީކް އަށް އަނިޔާގެ ސަަބަބުން ނުކުޅެވޭއިރު، ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ކުޅެވޭނެކަން އެނގޭނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަަކަށް ފަހު އެވެ.
އިންތިޒާމުތައް ހަމަޖެއްސުމާއި އެހެނިހެން ސަބަބުތަކަށް ބެލުމަށް ފަހު މި ފަހަރުގެ ފައިނަލް އަޒަރުބައިޖާނުގައި ކުޅޭ ގޮތަށް ޔުއެފާ އިން ހަމަޖެއްސުމުން އެކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. ހާއްސަކޮށް ބަކޫގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގެ ޖާގަ އަކީ 68،700 ކަމުގައިވީ ނަމަވެސް ފައިނަލުގައި ކުޅޭ ދެ ޓީމަށް ދީފައިވަނީ 12000 ޓިކެޓެވެ. އެއީ ކޮންމެ ޓީމަކަށް 6000 ޓިކެޓްގެ މަގުންނެވެ. އެކަމަކު ދަތުރުފަތުރުކުރުމާއި ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ ސަޕޯޓަރުން ނުދާން ވަނީ ނިންމައިފަ އެވެ. އެ ސަބަބާހުރެ ދެ ޓީމުން ވަނީ ގިނަ އަދަދެއްގެ ޓިކެޓް ޔުއެފާއާ ހަވާލުކޮށްފަ އެވެ.
އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗުތަކުގައި މީގެ ކުރިން ދެ ޓީމުގެ ބެންޗު ކައިރިން ޓެކްނިކަލް އޭރިއާގައި ހަމަނުޖެހުންތަކެއް ހިނގީ އާސެނަލްގައި ވެންގާ އަދި ޗެލްސީގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހުރިއިރު އެވެ. މިރޭގެ ފައިނަލަށް ގަތަރުގެ މަޝްހޫރު ކުޅިވަރު މީޑިއާ ބީންސްޕޯޓްސްގެ ކަވަރޭޖުގައި ވެންގާ އާއި މޮރީނިއޯ ބައިވެރިވާނެ އެވެ. މިއީ ފުޓްބޯޅަ ދަނޑުގެ ބޭރުން އެނަލިސްޓުންގެ ގޮތުގައި ވެންގާ އާއި މޮރީނިއޯ އެކުގައި ފެނިގެންދާނެ ފުރަތަމަ ކުރިމަތިލުމެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން މޮރީނިއޯ (ކ) އާއި ވެންގާ. -- ފޮޓޯ: އޭއެފްޕީ
މިއީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ބައްދަލުކުރާ ދެ ވަަނަ ފަހަރެވެ. ޔޫރަޕްގައި އެންމެ ފަހުން ޗެލްސީ އާއި އާސެނަލް ބައްދަލުކުރީ 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގަ އެވެ. އެ ފަހަރު ކުރި ހޯދީ ޗެލްސީ އެވެ.
ޔޫރަޕްގައި އާސެނަލް ކުޅުނު ފަސް ފައިނަލުގެ ތެރެއިން ހަތަރު ފައިނަލުން ބަލިވިއިރު، ހަމައެކަނި މޮޅަކީ 1994 ވަނަ އަހަރު ޔުއެފާ ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ޕާމާގެ މައްޗަށް ހޯދި މޮޅެވެ. އަނެއް ކޮޅުން ޗެލްސީން ވަނީ އެ ޓީމު ޔޫރަޕްގައި ކުޅުނު ފަސް ފައިނަލުގެ ތެރެއިން ހަތަރު ފައިނަލުން މޮޅުވެފަ އެވެ.
އާސެނަލާއި ޗެލްސީ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ޖަހާއިރު އެވެ.
އާސެނަލް ބަލިކޮށް ޗެލްސީން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
އެނބުރި ޗެލްސީ އަށް ދާން ނުނިންމަން: ޗެކް
ފައިނަލުގެ ޖާގައާ އެކު ޗެކަށް އުފަލުން ރޮވިއްޖެ
ޗެލްސީ އާއި އާސެނަލް ފައިނަލަށް، އިންގްލެންޑަށް އީދެއް
އާސެނަލަށް މޮޅެއް، ޗެލްސީ އެއްވަރު
އާސެނަލާއި ޗެލްސީ ސެމީ ފައިނަލަށް
ޔޫރަޕުގައި އާސެނަލާއި ޗެލްސީ އަށް ކާމިޔާބު ރެޔެއް
ޗެލްސީ އާއި އާސެނަލް ކުއާޓާ އަށް، އިންޓަ ކަޓައިފި
އާސެނަލަށް ނާކާމިޔާބު، ޗެލްސީ ކުއާޓާއާ ގާތަށް
ޗެލްސީ އާއި އާސެނަލް އަނެއް ބުރަށް