Roadha Mihaaru
އެނބުރި ޗެލްސީ އަށް ދާން ނުނިންމަން: ޗެކް

އެނބުރި ޗެލްސީ އަށް ދާން ނުނިންމަން: ޗެކް

25 މެއި 2019

ލަންޑަން (މެއި 25) - އަންނަ ބުދަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ނުނިންމާ ކަމަށް އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 25) - އަންނަ ބުދަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ނުނިންމާ ކަމަށް އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކް ބުނެފި އެވެ.

ޗެކް 2015 ވަނަ އަހަރު އާސެނަލާ ގުޅުނީ ޗެލްސީގައި 11 އަހަރު ހޭދަކުރުމަށް ފަހު އެވެ. މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ޗެކްގެ ފަހު މެޗަކަށް ވެގެންދާނީ އަޒަރުބައިޖާނުގެ ބަކޫގައި ބުދަ ދުވަހު އޭނާގެ ކުރީގެ ޓީމު ޗެލްސީއާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ފައިނަލަށް ފަހު ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށްދާން ޗެކް ވަނީ ނިންމައިފަ އެވެ. އެކަމަކު ޗެކް ބުނީ ހުރިހާ ކަމެއް އެއްބަސްވެވިފައިނުވާ ކަމަށެވެ.

"އަހަރެންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ފައިނަލް މެޗަށް ފަހު. މިހާރު ހަމައެކަނި އަހަރެންގެ ފޯކަސް ހުރީ ޔޫރޮޕާ ލީގުގެ ފައިނަލުން އާސެނަލް މޮޅުކޮށްދޭން،" އުމުރުން 37 އަހަރުގެ ޗެކް ބުންޏެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ، އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިން ޖަރުމަނުގެ ކީޕަރު ބާން ލެނޯ އަށް ފުރުސަތު ދިން ނަމަވެސް ޔޫރަޕްގެ މެޗުތަކުގައި ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރަނީ ޗެކްއާ އެވެ. އެހެންކަމުން ޔޫރޮޕާ ލީގުގެ ފައިނަލުގައި ވެސް އާސެނަލްގެ ފުރަތަމަ އެގާރައިން ޗެކް ފެނުމުގެ ފުރުސަތު ބޮޑެވެ.

ފުޓްބޯޅައިގެ ބައެއް އެނަލިސްޓުން އަންނަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލުން ޗެކްގެ ބަދަލުގައި އެ ޓީމުގެ ޖަރުމަނު ކީޕަރު ލެނޯ ކުޅުވަން ޖެހޭނެ ކަމަށް ބުނަމުންނެވެ. އެކަމަށް އެންމެ ބޮޑަށް ވާހަކަ ދެއްކީ އާސެނަލާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ސީމަން އެވެ.

"އަހަންނަށް އެނގޭ ޗެކްކަން ޔޫރަޕްގެ ހުރިހާ މެޗެއްގައި ކުޅުނީ. އެކަމަކު ފައިނަލުގައި މި ކުޅެނީ ޗެކްގެ ކުރީގެ ޓީމާ ދެކޮޅަށް. އެހެންވީމަ އުނދަގޫތަކެއް ހުންނާނެ. ބޭނުންވަނީ އާސެނަލް މޮޅުވާން އެހެންވީމަ ކުޅުވަން ޖެހޭނީ އާސެނަލްގެ އެންމެ ވަރުގަދަ ޓީމު. މީގެ ކުރިން ވެސް އެފްއޭ ކަޕެއްގައި އާސެން ވެންގާ ވަނީ ހުރިހާ މެޗެއްގައި ރިޗާޑް ރައިޓް ކުޅުވާފައި. ފައިނަލްގައި އަހަރެން ކުޅުވާފައި. މިއީ އެފަދަ ނިންމުމެއް ނިންމަންޖެހޭ ފަހަރު،" ސީމަން ބުންޏެވެ.

ޗެކް އަށް ޗެލްސީގައި ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ބުނީ ޗެކް އަކީ ޕްރޮފެޝަނަލީ އޭނާ ދުށް އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށާއި ފައިނަލުގައި ޗެކް އަބަދުވެސް ތަފާތު ދައްކާނެކަމުގެ ޔަގީންކަން އޮންނަ ކަމަށެެވެ.