Roadha Mihaaru
އާސެނަލާއި ޗެލްސީ ސެމީ ފައިނަލަށް

އާސެނަލާއި ޗެލްސީ ސެމީ ފައިނަލަށް

19 އެޕްރީލް 2019

ނޭޕްލްސް (އޭޕްރިލް 19) – ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން އިންގްލެންޑުގެ ޗެލްސީ އާއި އާސެނަލް އަދި ސްޕެއިނުގެ ވެލެންސިއާ އާއި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް ޖާގަ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނޭޕްލްސް (އޭޕްރިލް 19) – ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން އިންގްލެންޑުގެ ޗެލްސީ އާއި އާސެނަލް އަދި ސްޕެއިނުގެ ވެލެންސިއާ އާއި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް ޖާގަ ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި އާސެނަލާއި ވެލެންސިއާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ފްރެންކްފަޓް ވާދަކުރާނީ ޗެލްސީއާ އެވެ. ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެރެ އެވެ. ދެ ވަނަ ލެގު އޮންނާނީ ނުވައެއްގަ އެވެ.

އާސެނަލް ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ ނަޕޯލީ އަތުން 1-0 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައިގެންނެވެ. މި ސީޒަނުގައި ނަޕޯލީ އެ ޓީމުގެ ދަނޑުގައި ބަލިކުރި ދެ ވަނަ ޓީމުގެ ގޮތުގައި، މި މެޗުން މޮޅުވި އާސެނަލަށް ހަމައެކަނި ގޯލް 36 ވަނަ މިނެޓުގައި ޖެހީ އެލެކްސެންޑާ ލަކަޒޭ އެވެ.

"ކުޅުންތެރިންނާ މެދު ފަހުރުވެރިވަން. އަހަރެމެން މެޗު ފެށީ ވަރަށް ރަނގަޅަށް. ފުރަތަމަ ހާފުގެ ކުޅުން ރަނގަޅު. އެއީ އަހަރެމެން ލަނޑު ޖެހުމަށް ފަހު އެ ޓީމަށް ފުރުސަތެއް ލިބުނަކަ ނުދެން. ދެ ވަނަ ހާފުގައި ރަނގަޅަށް ޑިފެންސްކުރިން،" އާސެނަލްގެ ކޯޗު އުނާއީ އެމެރީ ބުންޏެވެ.

ޗެލްސީން ސެމީ ފައިނަލަށް ދިޔައީ ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގް އަތުން އަމިއްލަ ދަނޑުގައި 4-3 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގުން ޗެލްސީ 1-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން އެ ޓީމަށް ކުރި ލިބުނީ 5-3 އިންނެވެ.

މި މެޗުގެ ފުރަތަމަ 17 ވަނަ މިނެޓުގެ ތެރޭގައި ޗެލްސީން ތިން ގޯލުގެ ލީޑެއް ނެގި އެވެ. ޕެޑްރޯ އާއި އޮލިވާ ޖިރޫ ލަނޑު ޖެހިއިރު އަނެއް ގޯލަކީ ސްލާވިއާގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ސްލާވިއާ އިން ތަފާތުކުޑަކޮށްފައިވަނިކޮށް ޗެލްސީ އަށް އަލުން ތަފާތު ބޮޑުކޮށްދިނީ ޕެޑްރޯ އެވެ. ސްލާވިއާ އިން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލް ޖެހި ނަމަވެސް އެގްރިގޭޓުން ކުރި ލިބޭ ގޮތެއް ނުވި އެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ނަމަވެސް މިދިޔަ ދެ މަހެއްހާ ދުވަހެކޭ އެއް ފަދައިން މި މެޗުގައި ވެސް ދެ ވަނަ ހާފު ދިޔައީ ދަށްކޮށް ކަމަށެވެ.

"އަހަރެން ހާފު ގަޑީގައި ބުނިން ދެ ވަނަ ހާފް ފަށާށޭ ފުރަތަމަ ހާފް ފެށި ގޮތަށް. އެކަމަކު އެކަމެއް ނުކުރޭ،" ސާރީ ބުންޏެވެ.

ސްޕެއިނުގެ ވެލެންސިއާ ސެމީ އަށް ދިޔައީ ސްޕެއިނުގެ ވިޔަރެއާލް އަތުން ރޭ 2-0 އިން މޮޅުވެ ދެ ލެގުން 5-1 އިން ކުރި ހޯދައިގެންނެވެ. ފްރެންކްފަޓް ފުރުސަތު ހޯދީ ފުރަތަމަ ލެގުން ޕޯޗުގަލްގެ ބެންފީކާ އަތުން 4-2 އިން ބަލިވި ނަމަވެސް ރޭ 2-0 އިން މޮޅުވެ 4-4 އެގްރިގޭޓުން އެއްވަރުކޮށް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.