Roadha Mihaaru
ވޮލީ އެސޯސިއޭޝަނުގެ މައްސަލަތަކެއް ބަލަނީ

ވޮލީ އެސޯސިއޭޝަނުގެ މައްސަލަތަކެއް ބަލަނީ

29 މެއި 2019

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ކޮމިޓީއެއް މެދުވެރިކޮށް އެކަންތައްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ކޮމިޓީއެއް މެދުވެރިކޮށް އެކަންތައްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ވޮލީބޯޅައިގެ މުސްތަގުބަލާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ، އެ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ވޮލީ އާއިލާގެ ގިނަ ފަރާތްތަކުންނާއި ބައެއް ކުޅުންތެރިން ވަނީ ކަންބޮޑުވުންތައް ހިފައިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އަަރިހަށް ވެސް ގޮސްފަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު "މިހާރަ"ށް ބުނީ ވޮލީގެ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން ކަމަށެވެ.

"ވޮލީއާ ގުޅޭ ވަރަށް ސީރިއަސް މައްސަލަތަކެއް ހުށަހެޅިފައިވާތީ އެކަން ފާހަގަކުރެވިގެން ކޮމިޝަނާ އޮފް ސްޕޯޓްސްގެ އިސްނެގުމާ އެކު ތިން މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން އެ މައްސަލަތައް ބަލަމުން އަންނަނީ،" އޮފިޝަލް ބުންޏެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު މާޗް މަހު މުހައްމަދު ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން ބޭއްވި އިންތިހާބު ކާމިޔާބުކޮށް މަގާމާ ހަވާލުވެވަޑައިގަތީ މިހާރުގެ ރައީސް ލަތީފް އެވެ.

ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވައިދަށް ބަދަލު ގެނެސް ވޮލީގެ ލޯގޯ އަށް ވަނީ ބަދަލު ގެނެސްފައިވުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނަ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނިސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ. މިއީ ގައުމީ އެސޯސިއޭޝަނެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މީޑިއާ ހާޒިރުނުކޮށް މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާ ކުރިއަށްދިޔައީ ގަވައިދުތަކާ އެއްގޮތަށް ކަމަސް ނުބެލެވޭ ކަމަށް އެ ޖަލްސާ އަށް ހާޒިރުވި އޮބްޒާވަރެއްގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ޖަލްސާގައި ފާސްކުރި ކަންތައްތައް ފުރިހަމަ އަށް ބަލަން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ވޮލީގެ ހިންގާ ގަވައިދުގައި ގެންނަން ނިންމާފައި ހުރި ބަދަލުތަކުގައި ގާނޫނު ތަން ނުދޭ ކަންތައްތަކެއް ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ލަތީފްގެ ލީޑާޝިޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ބޮޑު އެއް ކަމަކީ އެކި މަގާމްތަކުގައި މީހުން ހަރުނުލުމެވެ. މިހާރުގެ ހާލަތަށް ބަލާނަމަ ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭނާގެ ޓީމުގައި ހިމެނުނު ގިނަ ބަޔަކު ވަނީ މަގާމުން ދުރުވެފަ އެވެ. އެކަމާ ބެހޭގޮތުން ލަތީފް ވިދާޅުވީ "އިސްތިއުފާދީފައި ދިޔަ ފަރާތްތަކަކީ މަގާމުގެ ޒިންމާ އަދާނުކުރެވިގެންދިޔަ ފަރާތްތައް" ކަމަށެވެ.

މި ދައުރުގައި ވޮލީބޯޅައިގެ ޔޫތު ޑިވެލޮޕްމެންޓަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށާއި އޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގައުމީ ޓީމުތަކުގެ ނަތީޖާތަށް ދަށްވެފައިވާކަން ވޮލީގެ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ރާއްޖޭގައި ބޭއްވޭ މުބާރާތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްނުދާ ކަމަށާއި މުބާާރާތުގެ ފެންވަރު ވެސް ރަނގަޅުނުވާކަމަށް ވަނީ ބުނެފަ އެވެ.