Roadha Mihaaru
ކުޅިވަރުގެ އާބިޓްރޭޝަން އުފައްދަން އިސްލާހު ހުށަހަޅަނީ

ކުޅިވަރުގެ އާބިޓްރޭޝަން އުފައްދަން ގާނޫނަށް އިސްލާހު ހުށަހަޅަނީ

17 ޖުލައި 2024

ކުޅިވަރުގެ އާބިޓްރޭޝަން ރާއްޖެއަށް ތައާރަފުކޮށް އެކަން ކުރިއަށް ގެންދިއުމަށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޅިވަރުގެ އާބިޓްރޭޝަން ރާއްޖެއަށް ތައާރަފުކޮށް އެކަން ކުރިއަށް ގެންދިއުމަށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ. މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވެވީ މިހާރު އޮތް ކުޅިވަރު ގާނޫނުގައި ވެސް ކުޅިވަރު އާބިޓްރޭޝަނެއް އުފެއްދުމަށް އޮތް އެކަން ކޮށްފައި ނުވާތީ އެ މައްސަލައާ ބެހޭގޮތުންނެވެ.

ރާފިއު ވިދާޅުވީ އާބިޓްރޭޝަން އުފެއްދުމަށް ކުޅިވަރު ގާނޫނަށް އިތުރު އިސްލާހްތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

ކުޅިވަރު އާބިޓްރޭޝަނަކީ ރާއްޖެ އަށް ވަރަށް މުހިންމު ގުނަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

ސްޕޯޓްސް މިނިސްޓަރު ރާފިއު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

"ކުޅިވަރު ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި އެކަން [ސްޕޯޓްސް އާބިޓްރޭޝަން] އަޅުގަނޑުމެން ވާނީ ހިމަނާފައި،" ރާފިއު ވިދާޅުވި އެވެ.

ގާނޫނަށް އެ އިސްލާހްތައް ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރު ކުރި ޑްރާފްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް އެ އިސްލާހްތައް އަޅުގަނޑުމެން ފޮނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރު އާބިޓްރޭޓަޝަނަކީ ކުޅިވަރުގައި އުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތަކާއި، ބޭއިންސާފުން ކަންކަން ކުރިމަތިވުމުން އެކަންކަން ހައްލުކުރަން ހުށަހަޅާ ގުނަނެކެވެ.

ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް، ކުރީގެ ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހް ހުށަހަޅައި މަޖިލީހަށް ފޮނުވާފަ އެވެ. ސްޕޯޓްސް ކޯޕަރޭޝަން އުވާލަނީތޯ ނާޒިލް ސުވާލު ކުރެއްވުމުން، ރާފިއު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ސްޕޯޓްސް މިނިސްޓްރީގެ މެންޑޭޓްގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.