Roadha Mihaaru
ރާއްޖޭގެ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ވެމްކޯ

ރާއްޖޭގެ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ވެމްކޯ

17 ސެޕްޓެމްބަރ 2024

ރާއްޖޭގައި މިހާރު ކުރިއަަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ދެ ކްލަބްގެ ކުރިމަތިލުން، ކްލަބް ވެމްކޯ ކާމިޔާބު ކޮށްފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ދެ ކްލަބްގެ ކުރިމަތިލުން، ކްލަބް ވެމްކޯ ކާމިޔާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ދާ މުބާރާތުގައި ރޭ ވެމްކޯ މޮޅުވީ ޕޮލިސް ކްލަބާ ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-15، 25-18 އަދި 25-20 އިންނެވެ.

މިއީ ދެ ޓީމު ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ދެވަނަ މެޗާ ދެ ޓީމު ވެސް ކުރިމަތިލީ ފުރަތަމަ ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ.

އެގޮތުން ވެމްކޯ އިން މުބާރާތް ހުޅުވަން ކުޅުނު މެޗުގައި ލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށް ކުޅެ ފަހަތުން އަރައި 3-1 ސެޓުން ކާމިޔާބު ކޮށްފަ އެވެ. އަދި ޕޮލިސް ކްލަބުން ވަނީ އާދިއްތަ ދުވަހުގެ ރޭ މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ފަހު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ވީސީ ޑިއަމެޑް ބަލިކޮށްފަ އެވެ.

ވެމްކޯ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ވެމްކޯ އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ވެމްކޯ ވަނީ މިއަހަރު އޮތް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަމާ އެކު، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މުބާރާރުގެ ތަށީ އުފުލާލައިފަ އެވެ. ހަތަރު ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށެވެ.

އިއްޔެ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، މެންދުރު ސްރީލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށް ކުޅެ ނޭޕާލް ޕޮލިސް ކްލަބުން ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. ނޭޕާލްގެ ޕޮލިސް ކްލަބުން ސެޓްތައް ގެންދިޔައީ 25-16، 25-20 އަދި 25-21 އިންނެވެ.

ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ އުޒްބެކިސްތާނުގެ ހުމޯ ވީސީ އާއި ތަޖިކިސްތާނުގެ ވީސީ ޑިއަމެޑް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ހުމޯ އެވެ. ހުމޯ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-11، 25-20 އަދި 25-12 އިންނެވެ.

މިއަދު ވެސް މުބާރާތުގައި ތިން މެޗު ކުޅޭނެ އެވެ. މެންދުރު ބައްދަލުކުރާނީ ނޭޕާލް ޕޮލިސް ކްލަބާއި ތަޖިކިސްތާނުގެ ވީސީ ޑީއަމެޑް އެވެ. ހަވީރު ބައްދަލުކުރާނީ ވެމްކޯ އާއި އުޒްބެކިސްތާނުގެ ހުމޯ ވީސީ އެވެ. އަދި ރޭގަނޑު ސްރީ ލަންކާގެ އެއާ ފޯސް ކްލަބާ ދެކޮޅަށް ވެމްކޯ ނުކުންނާނެ އެވެ.

ހަ ކްލަބް ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގައި، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް މުބާރާޓުގެ ފައިނަލަށް ހޮވޭނެ އެވެ. ތިންވަނަ އަދި ހަތަރުވަނައަށްދާ ޓީމު ތިންވަނަ ހޮވަން ބްރޯންޒް މެޑަލް މެޗު ކުޅޭ އިރު، ބާކީ ދެ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅޭނެ އެވެ.