Roadha Mihaaru
ޕޮލިހާއި ސިފައިން ގުރޫޕް ސްޓޭޖުން ކަޓައިފި

ޕޮލިހާއި ސިފައިން ގުރޫޕް ސްޓޭޖުން ކަޓައިފި

22 ޑިސެމްބަރ 2023

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ގުރޫޕް ސްޓޭޖުން ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ކަޓައިފި އެވެ.

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ގުރޫޕް ސްޓޭޖުން ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ކަޓައިފި އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އިއްޔެ ކުޅުނު އިރު، ވެމްކޯއާ ދެކޮޅަށް ހަވީރު ސިފައިން ކުޅުނު މެޗުން ވަނީ 3-2 ސެޓުން ކުރި ހޯދައިފަ އެވެ.

ވެމްކޯ އިން 25-22 އިން ފުރަތަމަ ސެޓް ގެންދިޔަ ނަމަވެސް ޖެހިގެން އައި ސެޓް ސިފައިން ގެންދިޔައީ 25-18 އިންނެވެ. ތިންވަނަ ސެޓުގައި 25-23 އިން ވެމްކޯ ގެންދިޔުމުން ސިފައިން ވަނީ ހަތަރުވަނަ ސެޓުގައި 25-22 އިން ކުރި ހޯދައި ފަސްވަނަ ސެޓާ ހަމައަށް މެޗު ގެންގޮސްފަ އެވެ. އަދި ސިފައިން މެޗު ކާމިޔާބު ކުރީ ފަހު ސެޓުގައި 15-13 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިދޭސީ ކުޅުންތެރިޔާ ހަމަދު މުހައްމަދެވެ.

މެޗު ކާމިޔާބު ކުރިއަސް ސިފައިން ނިންމާލީ ދެ ޕޮއިންޓާ އެކު ގުރޫޕްގެ ފުލުގަ އެވެ. ވެމްކޯ ވަނީ ތިން ޕޮއިންޓާ އެކު ގުރޫޕް 1 ގެ ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ ހަތަރު ޕޮއިންޓް ހޯދި އާބަންކޯ އެވެ.

ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބް ބަލިވީ، އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ބިދޭސީ ކުޅުންތެރިޔާ ރާޖަގޭ މަލީޝާ ރަވިޝާން ޖަޔަވަރުދަނާގެ މޮޅު ކުޅުމާ އެކު ސްޕޯޓްސް ކްލަބް ސިޓީން ސެޓްތައް ގެންދިޔައީ 25-17، 25-23، 25-20 އިންނެވެ.

މިއާ އެކު ޕޮލިސް ކްލަބުން ގުރޫޕް ސްޓޭޖް ނިންމާލީ ދެ މެޗުން ވެސް ބަލިވެގެން ޕޮއިންޓެއް ނުލިބި އެވެ. ގުރޫޕް 2 ގެ އެއްވަނަ ހޯދާފައި ވަނީ ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައިވާ ސިޓީ ސްޕޯޓްސް ކްލަބެވެ. ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީން ވަނީ ރޭގެ މެޗުން މޮޅުވެގެން ތިން ޕޮއިންޓް ހޯދައި ގުރޫޕްގެ ދެވަނަ ޔަގީން ކޮށްފަ އެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު 4:15 ގައި ވެމްކޯ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކޮށް މޮޅުވާ ޓީމެއް، އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފަހު ސެމީގައި ބައްދަލުކުރާނީ، ހޮނިހިރު ދުވަހުގެ ރޭ ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބް ބައްދަލުކޮށް ބަލިވާ ޓީމަކާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބް ބައްދަލުކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.