Roadha Mihaaru
ކޮންގްރެސްގެ ހުއްދަ ނެތި ސައުދީއަށް ހަތިޔާރު ވިއްކަނީ

ކޮންގްރެސްގެ ހުއްދަ ނެތި ސައުދީއަށް ހަތިޔާރު ވިއްކަނީ

25 މެއި 2019

ކޮންގްރެސްއަށް ހުށައެޅުމެއް އަދި ހުއްދަ ހޯދުމެއް ވެސް ނެތި، ސައުދީ އަރަބިއްޔާ އަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ކޮންގްރެސްއަށް ހުށައެޅުމެއް އަދި ހުއްދަ ހޯދުމެއް ވެސް ނެތި، ސައުދީ އަރަބިއްޔާ އަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށް ވިއްކަން ނިންމެވީ، ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ނުރައްކާ އެ ގައުމަށް އޮތުމުންނެވެ.

ކޮންގްރެސްއަށް ހުށައެޅުމެއް ނެތި ހަތިޔާރު ވިއްކަން އެގޮތަށް ނިންމޭނީ ނެޝަނަލް އެމަޖެންސީގެ ތެރޭގަ އެވެ. އެހެންކަމުން ޓްރަމްޕް ނިންމެވީ އީރާނާ އެކު މިހާރު ކުރިއަށް ދާ ހިތްހަމަނުޖެހުންތަކަކީ ނެޝަނަލް އެމަޖެންސީއެއްގެ ގޮތުގަ އެވެ.

ސައުދީއަށް ހަތިޔާރު ވިއްކުމާ މެދު އެމެރިކާގެ ސިޔާސީ ދާއިރާގައި ހިޔާލު ތަފާތެވެ. އަދި އާންމުންގެ ތެރޭގައި ވެސް އެއީ ބޮޑު ބަހުސެކެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އެމެރިކާ އިން ވިއްކާ ހަތިޔާރު ބޭނުންކޮށްގެން ސައުދީން އާންމުން މަރަ އެވެ.

ކޮންގްރެސްގެ މެޖޯރިޓީ އޮންނަ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ކޮންގްރެސް އަށް އެ މައްސަލަ ހުށަނޭޅުއްވީ އެކަމާ ދެކޮޅުހަދާނެތީ އެވެ.

އެކަމަކު އެމެރިކާ ސަރުކާރުގެ ނިންމުން އިއްޔެ ވަނީ ކޮންގްރެސް އަށް އަންގައިފަ އެވެ. ފޮރިން މިނިސްޓަރު މައިކް ޕޮމްޕިއޯ ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި އެ ނިންމުން ނިންމަން ޖެހުނީ އީރާނުގެ ހަރަކާތްތައް ހުރި ގޮތުން ވީހާ ވެސް އަވަހަކަށް ހަތިޔާރު ބޭނުންވާތީ އެވެ.

"އީރާނުގެ ހަރަކާތްތަކުން މުޅި މެދު އިރުމައްޗަށާއި އެމެރިކާއަށް ވެސް ނުރައްކާވަނީ ކުރިމަތިވެފަ އެވެ،" ސިޓީގައި ލިއެފައިވެ އެވެ.

ޑިމޮކްރެޓިކް ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ ބޭނުމަކީ ހުދުމުހުތާރު ވެރިންނަށް އެހީތެރިވުމެވެ.

ސައުދީގެ އިތުރުން ޔޫއޭއީ އާއި ޖޯޑަން އަށް ވެސް މި ބުރުގައި ހަތިޔާރު ވިއްކަން އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.