ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް ފީފާ އިން އަންގައިފި އެވެ.
24 މެއި 2019
ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް ފީފާ އިން އަންގައިފި އެވެ.
ފީފާ އިން މިދިޔަ ފެބްރުއަރީ މަހު ނިއު އަށް އަންގާފައިވަނީ އަމީރީގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލުކޮށްފައިވާތީ 30،130 ޑޮލަރު (ޖުމްލަ 703،707ރ.) 45 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދޭނެ ކަމަށް އޭރު އޮތީ އިންޒާރު ދީފަ އެވެ.
އޭގެ ފަހުން މޭ 15 ވަނަ ދުވަހު ފީފާ އިން ވަނީ ނިއު އިން އެއަށް އަމަލުކުރިތޯ ބެލުމަށް އެކަމުގެ ލިޔެކިޔުންތައް ފޮނުވަން އެދިފަ އެވެ. އެކަމަކު އެއަށް އަމަލުކޮށްފައިނުވާތީ މިއަދު ފޮނުވި ސިޓީގައި ބުނީ ޖެހިޖެހިގެން ތިން ޓްރާންސްފާ މުއްދަތުގައި ދިވެހި އަދި ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދޭން ބުނި އަދަބަށް ދެން އޮތް ޓްރާންސްފާ ޕީރިއަޑުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ފައިސާ ދައްކައިފި ނަމަ އަދަބުން ސަލާމަތްވާނެ ކަމަށް ބުނެފައިވެ އެވެ.
ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މުސާރަ ދޭން ވެސް މާޗު މަހު ނިއު އަށް އަންގައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު (122،758ރ) އެވެ. އިންޓްރެސްޓާ އެކު ނިއު އިން ދައްކަން ޖެހޭ ޖުމްލަ އަދަދު މުޅި ޖުމްލަ 33،161 އެމެރިކާ ޑޮލަރު (511،342.62ރ) އަށް އަރާނެ އެވެ.
ރާއްޖޭގެ ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ފީފާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މުސާރަ ލިބެނީ އެ މައްސަލަ ހުށަހަޅާތާ އެތަކެއް ދުވަސް ފަހުންނެވެ.ކް ލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު އޭނާ އަށް ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކި މުހުލަތުތަކެއް ދީގެން މުނޯޒަށް ޖުމްލަ އެކު ވެލެންސިއާ އިން މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދައްކަން ޖެހުނެވެ. އަދި ދާދި ފަހުން ވިކްޓަރީ އަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯ އަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުން ޖަވާބުދާރީ ނުވާތީ އެ ޓީމު އަތުން ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އެފްއޭއެމް އަށް އެންގި އެވެ.
އަމީރީ މައްސަލައިގައި ފީފާ އިން އަދަބު ދިން އިރު، އެފްއޭއެމުން އޮތީ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުމުން ދިން އަދަބެއް ކަމަށާއި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.
އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ.
އެކަމަކު ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދިނުމުން، ނިއު އިން މިހާރު އަންނަނީ އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ ހަމަޖައްސައި އަދި ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބޭތޯ މަސައްކަތްކުރަމުންނެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ އަންނަނީ ވާހަކަދައްކަމުންނެވެ.
އެ ފުރުސަތު ލިބެން އޮތީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ސަސްޕެންޝަން އުވާލަން މެމްބަރު ކްލަބްތަކުން ވޯޓްދީފި ނަމަ އެވެ.
ނިއުރޭޑިއަންޓް ސަލާމަތްކުރަން އަލީގެ ޗެލެންޖު
ރޭޑިއަންޓް ސަލާމަތްވުން ވާނީ އުނދަގޫ ދަތުރަކަށް
ނިއުގެ ކާމިޔާބަށް ފީފާގެ ރައީސްގެ މަރުހަބާ
އެފްއޭއެމްގެ ކުރު މުބާރާތަށް ފީފާއިން ބައިލައްކަ ޑޮލަރު
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
އެފްއޭއެމުން ބާއްވާ މުބާރާތަށް ފީފާގެ ފެހި ސިގްނަލް
ފީފާގެ ކުރިމަތީގައި ބައްސާމް މައުސޫމް މީހަކަށް؟!
ފީފާގެ ހައްރާޒު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފި
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"