24 މެއި 2019
އުމުރުން އެންމެ 11 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފި އެވެ. މިހާރު އޭނާ އަކީ މެޑިކަލް ޑޮކްޓަރެކެވެ. ކުރިއަށް އޮތީ އޮޕަރޭޝަން ޑޮކްޓަރަކަށް ހާއްސަވެ އެ ދާއިރާ އިން ހިދުމަތްކުރުމެވެ. އެހެންވެ ޕާކިސްތާނުގެ މި ޒުވާނާ، މި ކުޑަކުޑަ ރާއްޖޭގެ މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދުކުރުން، އޭނާގެ ދިރިއުޅުމުގެ އުސް އައްޔަކަށް ވާންވީ ކީއްވެ ހެއްޔެވެ؟
އުމުރުން އެންމެ 11 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފި އެވެ. މިހާރު އޭނާ އަކީ މެޑިކަލް ޑޮކްޓަރެކެވެ. ކުރިއަށް އޮތީ އޮޕަރޭޝަން ޑޮކްޓަރަކަށް ހާއްސަވެ އެ ދާއިރާ އިން ހިދުމަތްކުރުމެވެ. އެހެންވެ ޕާކިސްތާނުގެ މި ޒުވާނާ، މި ކުޑަކުޑަ ރާއްޖޭގެ މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދުކުރުން، އޭނާގެ ދިރިއުޅުމުގެ އުސް އައްޔަކަށް ވާންވީ ކީއްވެ ހެއްޔެވެ؟
ސަބަބަކީ "ހާފިޒުންނާއި ގާރީންގެ ސަހަރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕާކިސްތާނުގެ ބަހަވަލްޕޫރަށް ނިސްބަތްވާތީއާ ވެސް އެކު، ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް މަގުސަދަށް ވުމެވެ. އަދި ރީތިކޮށް ކިޔަވައި، މީހުންގެ ހިތަށް ހަމަޖެހުން ގެނެސްދިނުމަކީ އެންމެ ކުރާ ހިތްވާ އެއް ކަމަށް ވުމެވެ. އެހެންވެ އުމުރުން 28 އަހަރުގެ ޑރ. ރިޒްވާނުލް ހައްގު ވޭތުވެދިޔަ ހަތަރު އަހަރާއި އަދި މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ރެޔެއްގައި، ހުޅުމާލޭ މަސްޖިދު އަޒީޒާ މޫސާގައި ތަރާވީސްކޮށް، ދިވެހިންގެ ލޯތްބާއި އިހުތިރާމް ހޯދުމަކީ އޭނާގެ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް މި އޮތީ ވެފަ އެވެ.
ދިވެއްސެއްގެ ދައުވަތުގައި، އޭނާގެ މެހެމާންދާރީގައި، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖެ އަންނަނީ ދިރިއުޅުމުގެ ބައެއް ކަންކަން ގުރުބާންކުރުމަށް ފަހު އެވެ. އެމްބީބީއެސް ފާސް ނަގަން ކިޔަވަމުން ދިޔައިރު އޭނާ ރާއްޖެ އައީ ކިޔަވާ ފޮތްތައް ވެސް ހިފައިގެންނެވެ. ސަރުކާރު ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ރިޒްވާން މިހާރު ރާއްޖެ އަންނަނީ ޗުއްޓީ ނަގައިގެންނެވެ.
އޭރު ވެސް އަދި މިހާރު ވެސް ކޮންމެ ރޯދަ މަހެއްގައި އިމާމްވެ ތަރާވީސް ކުރަން ރާއްޖެ އައުމަށް ހުސްކުރާ އަނެއް ސަބަބަކީ، ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް، ދީނީ ކަންކަމަށް އިސްކަންދޭން، އޭނާގެ ބައްޕަ އަދި އެ ސަރަހައްދުގެ މުފްތީ، އިރުޝާދު އަހުމަދު ދެއްވާ ނަސޭހަތެވެ. އަދި ތައުލީމުގެ ފުރަތަމަ ބިންގަލަކީ ކީރިތި ޤުރުއާން ހިތުދަސްކުރުން ކަމަށް އޭނާ އަށް ގަބޫލުކުރެވުނު ކުރެވުމާ އެއްގޮތަށް އަމަލުކޮށް އެކަމުން ލިބުނު ފައިދާތަކެވެ.
ރިޒްވާންގެ އާއިލާ އަކީ އިސްލާމް ދީން ދެކެ ނުހަނު ލޯބިކުރާ ބައެކެވެ. އެއްބަނޑު އެއްބަފާ ހަ ބެއިން ތިބި އިރު އެ އެންމެންނަކީ ވެސް ހާޒިފުންނެވެ. އޭގެ ތެރޭގައި ތިން އަންހެނުން ވެސް ހިމެނެ އެވެ. ބައްޕަ އާއި ކާފައަކީ ވެސް ގުރުއާން ހިތުދަސް ބޭފުޅުންނެވެ.
"މިއީ ވަރަށް ބޮޑު ނަސީބެއް. ވަރަށް އުފާވޭ އާއިލާގެ އެންމެން ޤުރުއާން ހިތުދަސްކޮށްފައި ވާތީ،" ރިޒްވާން ބުންޏެވެ.
އޭނާ ޤުރުއާން ހިތުދަސްކުރަން ފެށީ އުމުރުން އެންމެ 10 އަހަރުގަ އެވެ. އެ މަތިވެރި މަސައްކަތް ފުރިހަމަކުރީ އެންމެ އަހަރެއްގެ ތެރޭގަ އެވެ. އެކަން ވީ އޭނާ ދެން ފެށި ދީނީ ތައުލީމު ހޯދުމުގެ މަރުހަލާގައި އެތައް ފަސޭހަތަކެއް ލިބުނު ކަމަކަށެވެ. އެގޮތުން އަށް އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ދީނީ މުގައްރަރު ފުރިހަމަކުރީ ހަތަރު އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ ހައިބަރު މެޑިކަލް ޔުނިވާސިޓީން އެމްބީބީއެސް ފާސް ނެގުމުގެ މަސައްކަތް ފެށި އެވެ.
ތަރާވީސް ކުރަން ރާއްޖެ އައުމުގެ ފުރުސަތު ފަހިވީ އެދުވަސްވަރެވެ. ރިޒްވާންގެ އެކުވެރިއެއްގެ ބޭބެއެއްގެ ފަރާތުން ލިބުނު ފުރުސަތުގައި، އޭނާ އަށް ފުރަތަމަ ޖެހުނީ ޤުރުއާން ކިޔެވުން ރެކޯޑްކޮށް ފޮނުމަށެވެ. އޭނާގެ ކިޔެވުން ރީތިވުމާ އެކު، ރާއްޖެ އަންނަން ދައުވަތު ލިބުނެވެ. އެއީ އޭނާގެ އާއިލާ އަށް ވެސް ވަރަށް ބޮޑު އުފަލެކެވެ.
"އެއީ އާއިލާ މެމްބަރަކަށް އިމާމެއްގެ ގޮތުގައި އެހެން ގައުމަކަށް ދާން ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެންމެން ތިބީ ވަރަށް އުފަލުން. އަހަންނަށް ވަރަށް ހިތްވަރު ދިން ކުރިއަށް ދިއުމަށް،" ރިޒްވާން ބުންޏެވެ.
އޭރު އޭނާ ޕާކިސްތާނުގެ ބޮޑު މިސްކިތެއްގައި ތަރާވީސް ކުރެ އެވެ. ސަރުކާރުގެ ހާފިޒުން ތަރާވީސްކުރަމުން އަންނަނިކޮށް އެ މިސްކިތުގައި އިމާމްވުމުގެ ފުރުސަތު އޭނާ އަށް ދިނީ އޭނާގެ ކިޔެވުން ރީތިވުމާ އެކު އާއްމުން އެކަމަށް އެދިގެންނެވެ. ސަރުކާރު މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރެވެނީ ސަރުކާރުގެ ވަޒީފާގައި އުޅޭ އިމާމުން ކަމަށް ވިޔަސް، ރިޒްވާނަށް އެ ފުރުސަތު ދިނީ އެކަމަށް ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ޒުވާން އުމުރެއްގައި، ބީރަށްޓެހި ގައުމަކަށް އައުމަކީ އޭނާ އަށް މުޅިން ތަފާތު ތަޖުރިބާއެކެވެ. އޭނާ އަށް ރާއްޖެއިން މަރުހަބާކީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި "ދިވެހިންގެ ހިތްހެޔޮ މެހެމާންދާރީ" ކަމަށް ބުންޏެވެ.
"އަހަންނަށް ހަމަ އެންމެ ފާހަގަކުރެވުނު ކަމަކީ މިތަނުގެ މީހުންގެ ފަރާތުން ލިބުނު ލޯބި. ތަފާތުކޮށް ކިޔަވާ މީހަކަށް ވުމާ އެކު، އެންމެން އަހަރެން ވަރަށް ބޮޑަށް ބަލައިގަތް،" މީގެ ފަސް އަހަރު ކުރީގެ ހަނދާންތައް ރިޒްވާން އާކުރި އެވެ.
ރިޒްވާން "މިހާރަ"ށް އިންޓަވިއު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާގެ ކިޔެވުމުގެ، އެންމެ ބޮޑު ހިތްވަރަކީ ދިވެހިން ވެސް އެންމެ ގަޔާވާ، މަސްޖިދުލް ހަރާމުގެ އިމާމް އަބްދުލްރަހްމާން އަލް ސުދައިސްގެ ކިޔެވުމެވެ. ޤުރުއާން ހިދުތަސްކުރީއްސުރެ، ސުދައިސްގެ ކިޔެވުން އަޑު އަހައި، އެގޮތަށް ކިޔެވޭތޯ އޭނާ އައީ މަސައްކަތްކުރަމުންނެވެ.
"އަހަންނަށް ހީވަނީ ސުދައިސްގެ ކިޔެވުމުގެ އަސަރުހެން ތަފާތަކަށް އެ ފެންނަނީ،" އޭނާ ބުންޏެވެ.
ރިޒްވާންގެ ރީތި ކިޔެވުމުގެ އަނެއް ސިއްރަކީ، އެކަމާ އޭނާ ނިސްބަތްވާ ސަހަރާއި، އާއިލާއާ ވެސް ގުޅިފައި އޮތް މިންވަރެވެ. އޭނާ ނިސްބަތްވާ ބަހަވަލްޕޫރަކީ މުޅި ޕާކިސްތާނަށް ބެލިޔަސް ހާފިޒުންނާއި ގާރީން އެންމެ ގިނަ ތަނެވެ.
"އަހަރެން ޤުރުއާން ހިތުދަސްކުރީ މަޖުބޫރުކަމެއް ނުވަތަ އާއިލީ ނުފޫޒެއް އޮވެގެނެއް ނޫން. އަހަރެމެން ނިސްބަތްވާ ތަނާ ގުޅިފައި އޮތް ކަމެއް މިއީ،" ރިޒްވާން ބުންޏެވެ.
ޤުރުއާން ހިތު ދަސްކުރުމުގެ އިތުރުން، ކިޔެވުމުގެ އުސޫލުތައް ދަސްކޮށް ތަޖުވީދާއި އެކި ގިރާއަތްތަކަށް ކިޔަވަން އެނގުން ވެސް މުހިއްމު ކަމަށް އޭނާ ދެކެ އެވެ. ހަމައެއާ އެކު އިމާމަކަށް ވުމަކީ އިތުރު ޒިންމާތަކެއް ވެސް ނަގަން ޖެހޭ ކަމެކެވެ. ކުށެއް ނުޖެހިވޭތޯ، ކޮންމެ ދުވަހަކު ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެ އެވެ.
"ކުށެއް ނުޖެހި ނުދާނެ އިންސާނަކު ވެއްޖެއްޔާ. އެކަމަކު ކުށެއް ކިޔުމަކީ ވަރަށް އެހެން ކަހަލަ މާޔޫސްކަމެއް ލިބޭ ކަމެއް. އެހެންވެ ކޮންމެ ދުވަހަކު ވެސް އަހަރެން ވަރަށް ބޮޑަށް ތައްޔާރުވަން. އެރޭ ކިޔަވަން ޖެހޭ ބައި މަދުވެގެން ތިން ފަހަރު ފަރިތަކުރަން،" ރިޒްވާން ބުންޏެވެ.
މި ފަހަރު އެކަމަށް ވަރަށް ވަގުތު އެބަ އޮތެވެ. ކުރިން ނަމަ އޭނާ ރާއްޖެ އަންނަނީ ކޯހުގެ ފިލާވަޅުތައް ވެސް ހިފައިގެންނެވެ. މިފަހަރު އޭނާއަށް އެ ބައެއް ނެތެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ކައިވެނިކޮށް، މި ފަހަރު އައީ އަލަތު އަނބިމީހާ ވެސް ގޮވައިގެންނެވެ.
ރިޒްވާން ބުނި ގޮތުގައި މިފަހަރު ރާއްޖެ އައީ ކުރިއަށް އޮތް މާސްޓާސް އޮފް ސާޖަރީ އަދި އަދި މާސްޓާސް އޮފް މެޑިސިން ކޯހަށް ވަނުމުގެ އިމްތިހާން ނިންމާލައި ޗުއްޓީއަކާ ވެސް އެއްކޮށެވެ. އެކަމަކު ދެން އޮތީ އަނެއްކާވެސް ބުރަ ދުވަސްވަރެކެވެ. ސްޕެޝަލިސްޓަކަށް ވުމަށް ކިޔެވުމެވެ. އެކަމަކު އޭނާ ހުރީ ރާއްޖެ އަންނަ ގޮތަށެވެ. އޭނާ ރާއްޖެ ގެންނަ، އާއިލާގެ އޯގާތެރިކަމުގެ އިތުރުން ހުޅުމާލޭގެ ހިތްފަސޭހަ މާހައުލު ވެސް އޭނާއަށް ވަރަށް ކަމުދެ އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ވެސް ހިތް ވަނީ ލެނބިފަ އެވެ.
އެކަމަކު ރިޒްވާން ބުނާ ގޮތުގައި ކޮންމެ ފަހަރަކު ވެސް ރާއްޖެ އާދެވޭ އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ އޯގާތެރިކަމާއި ލޯތްބާއި އަޅާލުމެވެ. ކޮންމެ ރެޔަކު ނަމާދަށް ފަހު ރިޒްވާން މިސްކިތުން ފައިބާއިރު، އާއްމުންގެ މޫނުމަތިން އެ ފެންނަ ހިތްހަމަޖެހުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ރިޒްވާން ބުނާ ގޮތުގައި ޤުރުއާން ހިތުދަސްކުރުމަކީ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. އަދި އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމުގެ ޔަގީންކަން އޭނާ ދެ އެވެ.
"އަހަރެން ދެކޭ ގޮތުގައި ކުޑައިރު މަސައްކަތް ފަށައިފި ނަމަ މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް. އުމުރުން ދުވަސްވުމުން އެހެން ކަންކަމުގައި މަޝްއޫލުވާން ޖެހުމުން ފަހަރުގައި ވަގުތު ނުދެވިދާނެ،" އޭނާ ބުންޏެވެ.
"އެކަމަކު އުމުރުން ދުވަސް ވިޔަސް މިކަން ވާނެ."
އާރްސީސީން ހުޅުމާލޭގައި އަޅައިދިން މިސްކިތް ހުޅުވައިފި
އާރުސީސީން ހުޅުމާލޭގައި މިސްކިތެއް އިމާރާތް ކުރަނީ
ސޫރަތުލްކައުޘަރު: ކުރު، އެހެނަސް ވަރުގަދަ ސޫރަތެއް
އާޔަތުލްކުރްސީ: ކީރިތި ޤުރްއާނުގެ އެންމެ މާތް އާޔަތް
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް
ފޭސް2ގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި