Roadha Mihaaru
އީރާނު ބޯޓު ދެ ފަހަރެއްގެ މަތިން ކުރިން ހިފެހެއްޓި

އީރާނުގެ ބޯޓު ދެ ފަހަރެއްގެ މަތިން ކުރިން ހިފެހެއްޓި

20 މެއި 2019

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ކުރިން ދެ ފަހަރަކު ހިފެހެއްޓި ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ކުރިން ދެ ފަހަރަކު ހިފެހެއްޓި ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ބޯޓުން 49 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވައިފަ އެވެ. އަތުލައިގަތް ބޯޓުގެ ހަތް ފަޅުވެރިން ތިބީ ހައްޔަރުކޮށްފަ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، އީރާނުގެ ބޯޓު ދެ ފަހަރެއްގެ މަތިން ހިފެހެއްޓީ ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ކަމަށެވެ.

އެ ބޯޓު ބަލައި ފާސްކުރި އިރު، އިތުރު މަސްތުވާތަކެތި ރައްކާ ކުރާނެ ޖާގަތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަށް ވުރެ އިތުރު މަސްތުވާތަކެތި އެ ބޯޓުގައި އުފުލި ކަމަށް ބެލެވޭ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

"މިއީ މަސްތުވާތަކެތި ސަޕްލައި ކުރާ ބޯޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ބޯޓުގައި އީރާންގެ ހަ މީހަކާއި ޕާކިސްތާނުގެ މީހަކު ވެސް ހުއްޓެވެ. މި ބޯޓުން ފެނުނު މަސްތުވާތަކެއްޗާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއްވޭތޯ ބަލަމުންދާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ފުލުހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ހިރޮއިން އާއި ކެނަބިސްގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ.

ޝާކިރު ވިދާޅުވީ އެ އޮޕަރޭޝަން ފެށީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 150 މޭލު ބޭރުން މަސްތުވާތަކެއްޗާ އެކު ލޯންޗެއް ދަތުރު ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުުނު ހިސާބުން ކަމަށެވެ. އެއާއެކު، ފުލުހުންގެ ޓީމެއް ލޯންޗު ދަތުރު ކުރާ ސަރަހައްދަށް ދިޔަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓައި ފެނުނު މަސްތުވާތަކެތި.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓައި ފެނުނު މަސްތުވާތަކެތި.

"މި ދެންނެވި ލޯންޗުގައި މަސްތުވާތަކެތި ގެނައުމަށް ފަހު، ލޯންޗުން ޑިންގީން ޓްރާންސްފާ ކުރެވި ޑިންގީން ފަޅު ރަށަށް ބާލައިގެން މަސްތުވާތަކެތި ވަޅުލާފައި ވަނީ،" ޝާކިރު ވިދާޅުވި އެވެ.

ހަ ގޯންޏެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ފެނުނު މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވައި މީހެއްގެ ހިލަމެއް ނުވާ ގޮތަށް ބަންދުކޮށްފައި ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން. --- ފޮޓޯ: ޕޮލިސް

ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން. --- ފޮޓޯ: ޕޮލިސް

ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ފަސް މީހެކެވެ. އެއީ، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 އެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ފަޅު ރަށުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކިހިނެއް އެތެރެ ކުރި އެއްޗެއް ކަން މިހާތަނަށް އައިއިރު، ސާފުވެފައެއް ނެތެވެ. އެކަމަކު، ތަހުގީގު އެއްކޮށް ނިމުމުން އެއީ ކޮން ދިމާލަކުން އައި އެއްޗެއް ކަން އެނގިގެން ދާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

ފަޅު ރަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުރި ކަން އެނގުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.