Roadha Mihaaru
ބިން ދޫކުރިއިރު ބޯޓުގެ ތަފްސީލެއް ކައުންސިލަކަށް ނޭނގޭ

ބިން ދޫކޮށްދޭން އެދުނީ އީރާނުގެ ބޯޓު މަރާމާތުކުރަން ކަމެއް ހިންމަފުށީ ކައުންސިލަކަށް ނޭނގޭ

02 ނޮވެމްބަރ 2020

އޮޑިހަރުގެއަކަށް ހިންމަފުށިން ބިން ދޫކުރިއިރު، އެތަނުގައި މަރާމާތުކުރަން އުޅެނީ ރާއްޖެ އަަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރި އީރާނުގެ މަސް ބޯޓުކަން ނޭނގެ ކަމަށާއި އެ ބޯޓުގެ ތަފްސީލެއް އަދިވެސް އޮޅުންނުފިލާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އޮޑިހަރުގެއަކަށް ހިންމަފުށިން ބިން ދޫކުރިއިރު، އެތަނުގައި މަރާމާތުކުރަން އުޅެނީ ރާއްޖެ އަަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރި އީރާނުގެ މަސް ބޯޓުކަން ނޭނގެ ކަމަށާއި އެ ބޯޓުގެ ތަފްސީލެއް އަދިވެސް އޮޅުންނުފިލާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި، މީގެ ދެތިން ހަތަރުމަސް ކުރިން ހިންމަފުއްޓަށް އެހެލައިގެން މަރާމާތުކުރަމުން އަންނަނީ ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެކެވެ. މި ބޯޓު ރާއްޖެ އިން ފުރުވައިލުމަށް އެޖެންޓެއްގެ ގޮތުގައި ހަވާލުވީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ، ޝަހީބް އިބްރާހީމެވެ. ފުލުހުން ތަހުގީގުކުރާ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން މިދިޔަ ހަފުތާގައި ވަނީ ދޫކޮށްލައިފަ އެވެ.

ފެތުނު ކަމަށް ބުނާ ބޯޓު، އޮޅުވާލައިގެން ބޭނުންކުރާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިކަމުގައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މިއަދު ވެސް ބުންޏެވެ.

ހިންމަފުށީ ކައުންސިލުން މިއަދު ބުނީ އޮޑިހަރުގެއަކަށް 1،200 އަކަ ފޫޓުގެ ބިމެއް ދޫކުރިއިރު، އެ ތަނުގައި ބަންނަ ނުވަތަ މަރާމާތުކުރާ އޮޑީގެ ތަފްސީލް ކައުންސިލުން ނުހޯދާ ކަމަށެވެ. ކައުންސިލުން އެކަމުގައި އަމަލުކޮށްފައި ވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ބުންޏެވެ.

ހިންމަފުށީގައި މަރާމާތުކުރާ ބޯޓު: ފުލުހުން އަންނަނީ މި ބޯޓުގެ މައްސަލައެއް ތަހުގީގު ކުރަމުން.

ހިންމަފުށީގައި މަރާމާތުކުރާ ބޯޓު: ފުލުހުން އަންނަނީ މި ބޯޓުގެ މައްސަލައެއް ތަހުގީގު ކުރަމުން.

އެ ބިން ދޫކުރީ، ހިންމަފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ އިސްމާއިލް ރަޝީދު ކިޔާ މީހަކަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާ ވެސް މިހާރު ހުރީ ދޫކޮށްލައިފަ އެވެ.

"ހުއްދައަށް އެދުނީމަ އަޅުގަނޑުމެން ބިމު ކުލި ނަގާ ގޮތަށް ހުއްދަ ދޫކޮށްފައި ވާނީ އޮޑިހަރުގެއަކަށް. އެ ބޯޓާ މެދު ސުވާލު އުފެއްދީމަ ފުލުހުންނަށް ގުޅައިގެން މައުލޫމާތު ސާފުކުރިން،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

އެ ބިން ކުއްޔަށް ދޫކޮށްފައި ވަނީ ތިން މަސް ދުވަހަށެވެ. އެ މުއްދަތު މި މަހު ހަމަވާނެ އެވެ.

އީރާނުގެ މަސް ބޯޓު ކަމަށް ތުހުމަތުކުރާ ބޯޓު މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ، ފ. އަތޮޅުގެ ވަޑިއަކާ އެވެ. އީރާނު ބޯޓު ބަދަލުކުރަނީ ސަފާރީއަކަށް ކަަމަށް ހިންމަފުށީގެ ބައެއް މީހުން ބުންޏަސް އޭނާ "މިހާރު"އަށް ބުނީ އެއީ 48 ފޫޓުގެ ޒަމާނީ މަސް ދޯންޏެއް ކަމަށެވެ.

މަސައްކަތާ ހަވާލުވިި އިރު އެ ބޯޓު އޮތީ އާއްމުކޮށް ރާއްޖޭގެ އޮޑިދޯނިފަހަރާ ތަފާތު ޑިޒައިނަކަށްތޯ "މިހާރު"ން އެހުމުން އޭނާ ބުނީ އެ މަރާމާތުކުރަމުން އަންނަނީ ވެސް ވަރަށް ތަފާތު މޮޑެލަކަށް ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި، ބަޔަކު ހަވާލުކޮށްގެން ހިންމަފުށީގައި މަރާމާތުކުރަމުން އަންނަނީ ކޮންޓްރެކްޓަށް މުދާ އުފުލުމާއި ވެލި ނަގަން ގެންގުޅުނު ދޯންޏެކެވެ. އޭނާއާ ހަވާލުވީ ވެސް އޭތި ކިއްސަރު މުޅިން ބަދަލުކޮށްލަން ކަމަށް މާވަޑިޔާ ބުންޏެވެ.

ވަޑި ބުނާގޮތުން ނަމަ އެ މަސައްކަތުގައި އޭނާއާ މުއާމަލާތުކުރަނީ ހިންމަފުށީގެ އޭނާ ދަންނަ މީހެކެވެ. އެއީ، އެ ބޯޓުގެ ވެރިމީހާ ކަމަށް ތުހުމަތުކުރާ ޝަހީބް ނޫން ކަން އޭނާ "މިހާރު"އަށް ބުންޏެވެ.

"މިހާރު ގާތްގަނޑަކަށް 70 ޕަސެންޓް ނިމިއްޖެ، އާއްމުކޮށް ދޯނި ބަންނަ ގޮތާ ތަފާތުކޮށް، މުޅިން އާ މޮޑެއްޔަކަށް މިކުރަނީ ޔޫޓިއުބު ވެސް ބަލައިގެން،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ މަސައްކަތް ހަތަރު މަހުން ނިންމަން އޭނާއެކު އެއްބަސްވީ މަހަކަށް 55،000ރ.އަށެވެ. އެކަމަކު، ބައެއް މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި، އީރާނުގެ މަސް ބޯޓުގެ މަރާމާތަށް އެޑްވާންސަށް އޭނާ އަށް 600،000ރ. ވަނީ ދީފަ އެވެ.

މާވަޑިޔާގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ބޯޓު ބަދަލުކުރަނީ މަސް ދޯންޏަކަށްތޯ "މިހާރު"ން ސުވާލުކުރުމުން ހިންމަފުށީގެ ބައެއް މީހުން ބުނިގޮތުގައި، ބޯޓުގެ ޑިޒައިން ވައްތަރީ ސަފާރީއަކާ އެވެ. އެ ސަފާރީގެ އިތުރަށް، މާވަޑިޔާ އަންނަނީ އެހެން ދޯންޏެއް ވެސް މަރާމާތުކުރަމުން ކަމަށާއި "މިހާރު"އަށް އޭނާ ކިޔައިދިނީ ދޯނީގެ ވާހަކަތަކަށް ވެދާނެ ކަމަށް ވެސް އެކަކު ބުންޏެވެ.

ފަހުން ގުޅުމުން މާވަޑިޔާ ފޯނަށް ޖަވާބެއް ނުދެ އެވެ.

އެ ރަށުގައި މަރާމާތުކުރަމުން އަންނަ ބޯޓުގެ ހަގީގަތެއް ހިންމަފުށީ ގިނަ މީހުންނަކަށް ނޭނގެ އެވެ. އެކަމަކު އެއީ، ފެތުނު އީރާނު ބޯޓުކަމަށް ފުލުހުން ސާބިތުކޮށް ނުދެވޭނެ ކަމަށް، އޭގެ މަސައްކަތް ކުރުވާ މީހުން ބުނާ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފެތުނު ކަމަށް ހަދައި މަރާމާތުކުރާ މަސް ބޯޓުގައި ތިބި މީހުން ރާއްޖެ އިން ފުރުވާލީ ވައިގެ މަގުންނެވެ.