Roadha Mihaaru
ލަންކާ އެމްބަސީ ކައިރީގައި ފުލުހުން ފޯރިމަރަން ފަށައިފި

ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ކައިރީގައި އެސްއޯ ފުލުހުން ފޯރިމަރަން ފަށައިފި

20 މެއި 2019

ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ ކައިރީގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ ކައިރީގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ލަންކާގެ އެމްބަސީ ކައިރީގައި ސެކިއުރިޓީ ވަރުގަދަ ކުރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކައި އެ ގައުމުގައި އޭގެ ފަހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ލަންކާގެ އެމްބަސީ ބޭރުގައި އެސްއޯ ފުލުހަކު މިހާރު ޑިއުޓީ ކުރަމުން ގެންދެ އެވެ. ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތަކުން އެދިގެން އެ ތަންތަނުގެ ބޭރުގައި ފުލުހުން ފޯރިމަރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ހައި ކޮމިޝަނާއި ބަންގްލަދޭޝް ހައި ކޮމިޝަން އަދި ޗައިނާ ހައި ކޮމިޝަން ހިމެނެ އެވެ. އެ ތަންތަނުގެ ބޭރުގައި ފޯރިމަރަނީ އާދައިގެ ފުލުހުންނެވެ.

ލަންކާ އެމްބަސީ ކައިރީގައި މިއަދު ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލަންކާ އެމްބަސީ ކައިރީގައި މިއަދު ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓު ހަމަލަތަކާ ގުޅިގެން 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އެ ހަމަލަތަކަށް ފަހު، އެ ގައުމުގައި ދީނީ ހަމަނުޖެހުންތައް ހިނގަމުން އަންނާތީ ފުލުހުންނާއި ސިފައިން ވަނީ މަގުތަކަށް ނުކުމެފަ އެވެ.

ހާއްސަކޮށް، މުސްލިމުންގެ ބައެއް ތަންތަނުގައި ހުޅު ޖަހައި އަންދަމުންދާތީ އެކަމުގެ ބިރުވެރިކަން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. ލަންކާގައި ބައެއް ގަޑިތަކުގައި ކާފިއު ހިންގާތީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މާލޭގައި ހުންނަ ލަންކާގެ އެމްބަސީ ކައިރީގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރި ނަމަވެސް، ރާއްޖެ އަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މިހާތަނަށް އައިއިރު، ލިބިފައި ނުވާ ކަމަށް ފުލުހުންނާއި ސިފައިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ސިފައިންނާއި ފުލުހުން ބުނި ގޮތުގައި ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދިވެއްސެއްގެ ބައިވެރިވުން އޮތް ކަން ލަންކާ އިން އަންގާފައެއް ނެތެވެ.