Roadha Mihaaru
މިހާރު ވެސް "މަގުމަތީ ސިނގިރެޓް ބުއިން މަނާ"

މިހާރު ވެސް "މަގުމަތީ ސިނގިރެޓް ބުއިން މަނާ"

19 މެއި 2019

ދުންފަތުގެ ދުމުގެ ތެރެއަށް ނޭވާ ނުލައި މިހާރު މަގަކުން ނުދެވޭނެ އެވެ. ދޮރާށި ބުޑުން، ކަންކަންމަތިން އަދި ހިނގާފައި ދަމުން ދުން އަރުވާ މީހުން ހީވާނީ މާ މޮޅު ކަމެއް ކުރެވޭތީ އެހެން މީހުންނަށް ދައްކަން އުޅޭހެންނެވެ. ކުޑަކުއްޖެއް، ބަލި މީހެއް ބެލުމެއް ނެތި އެންމެންގެ މޫނަށް ދުން ބުރުވަން ތިބެނީ ފަހުރުވެރިކަމާ އެކުގަ އެވެ. އެހެންވެ، މާލޭ މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމަކީ ރަނގަޅު ކަމެކެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދުންފަތުގެ ދުމުގެ ތެރެއަށް ނޭވާ ނުލައި މިހާރު މަގަކުން ނުދެވޭނެ އެވެ. ދޮރާށި ބުޑުން، ކަންކަންމަތިން އަދި ހިނގާފައި ދަމުން ދުން އަރުވާ މީހުން ހީވާނީ މާ މޮޅު ކަމެއް ކުރެވޭތީ އެހެން މީހުންނަށް ދައްކަން އުޅޭހެންނެވެ. ކުޑަކުއްޖެއް، ބަލި މީހެއް ބެލުމެއް ނެތި އެންމެންގެ މޫނަށް ދުން ބުރުވަން ތިބެނީ ފަހުރުވެރިކަމާ އެކުގަ އެވެ. އެހެންވެ، މާލޭ މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމަކީ ރަނގަޅު ކަމެކެވެ.

އެކަމަކު ސިޓީ ކައުންސިލުން އުޅޭ ގޮތުން ހީވަނީ ގާނޫނުތަކާއި ގަވައިދުތައް ނެތިގެން ދުންފަތް ކޮންޓްރޯލް ނުވެގެން އުޅޭހެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް 2010 ވަނަ އަހަރު އަމަލުކުރަން ފަށައި އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދު ނުލާހިކު ރަނގަޅެވެ. މިހާރު އޮތް ގާނޫނާއި ގަވައިދުން ކަމެއްވާ ނަމަ މާލެ އަދި ރަށްރަށުގެ މަގުމަތިން ވެސް ދުންފަތުގެ އިސްތިއުމާލުކުރާތީ ފެންނާނީ ވަރަށް މަދުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ބުނާ ގޮތުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރުމާ އުޅަނދުތަކާއި ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކާބޯތަކެތި ހަދާ ތަންތަނާއި މިސްކިތްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ތަމްރީންކުރާ ތަންތަނާއި އެ ތަންތަނުގެ ހާމަކޮށް އޮންނަ ބިމާއި އެ ތަންތަނުގައި ހުންނަ ހުރިހާ އިމާރާތްތަކާއި އެ ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ބޭނުންކުރަން ޖެހޭ ތަންތަން އަދި ސަރުކާރުގެ އިމާރާތްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނަލެވެ.

މި ހިސާބުން ވެސް އަދި ނުނިމެ އެވެ. ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި ބުނަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށް ގާނޫނުގައި ބުނާ ތަންތަނުގެ އިތުރުން އެ ތަންތަނުން މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތީގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ ކަމަށެވެ. އަދި ދޮރުތަކާއި ދޮރާށިތަކާއި ގޭޓު ކުރިމަތި ކަމަށް ބަލާނެ ގޮތް ވެސް ގަވައިދުގައި އެބަ އޮތެވެ. އެއީ އެ ތަނެއްގެ ވަށައިގެން 10 ފޫޓޫގެ ސަރަހައްދެވެ.

މިހާރު އޮތް ގާނޫނާއި ގަވައިދުން ކަމެއްވާ ނަމަ މާލެ އަދި ރަށްރަށުގެ މަގުމަތިން ވެސް ދުންފަތުގެ އިސްތިއުމާލުކުރާތީ ފެންނާނީ ވަރަށް މަދުންނެވެ.

މާލެ އަށް ބަލައިފި ނަމަ ގާނޫނާއި ގަވައިދުގައި މި ބުނާ ޝަރުތު ހަމަވާ ތަނެއް ނެތް މަގެއް ވަރަށް މަދުވާނެ އެވެ. ގިނަވާނީ އޭގެ ބައިވަރު ތަންތަން ހުންނަ މަގުތަކެވެ. އެހެންވެ، މި ހަނި މަގުތަކުގައި، އެ ތަންތަނުގެ ކުރިމަތީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ޖާގައެއް އޮތުން ވަރަށް ނާދިރެވެ.

އެކަމަކު މިހެން ތަންތަން ކަނޑައަޅާފައި ހުންނަ ގޮތުން ތަންފީޒުކުރަން އުނދަގޫ ވަނީ ކަމަށް ބަލައިިފި ނަމަ، ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅެވެ. ނަމަވެސް މައްސަލަ އަކީ ދުންފަތް ކޮންޓްރޯލްކުރަން މިހާރު އޮތް ގާނޫނާއި ގަވައިދުގެ އެންމެ ޕަސެންޓެއް ވެސް ރަނގަޅަށް ތަންފީޒު ނުވާތީ އެވެ.

ދުންފަތުގެ ދުމުން ސަލާމަތްވާނެ ޖާގައެއް އޮތް ކެފޭއެއް ރެސްޓޯރަންޓެއް ނެތޭ ބުނާހާ މަދެވެ. މީހުން އެއްވެ އުޅޭ ތަންތަނާއި ޕާކުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނަލެވެ. އެކަމަކު އެއީ އެންމެ ގިނައިން ދުން އަރާ ތަންތަނެވެ. ސަރުކާރުގެ އޮފީސްތަކާއި އެ ތަންތަނުގެ ގޯތި ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ގާނޫނު ހެދި ރައްޔިތުންގެ މަޖިލިސްގެ ގޯތި ތެރޭގައި ވެސް ސިނގިރެޓް ބޮއެ ނަގަނީ އެވެ. ސަރުކާރު އޮފީސްތައް ހިންގާ ބައެއް އިމާރާތްތަކުގެ ބެލްކަންޏާއި ޓެރަސްގައި ވެސް ތަފާތެއް ނެތެވެ. ބައެއް އޮފީސްތަކާ ގުޅުވައިގެން ހަދާފައި ހުންނަ ކެފޭ، ކެންޓީން ފަދަ ތަންތަނަށް ވަދެފިއްޔާ އަޅި ބުރާނެ އެވެ.

މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ރިޕޯޓްކޮށް ޖޫރިމަނާކުރުމުގެ ކަންތައް ވެސް ނަމަކަށް ހިނގަ އެވެ. ރިޕޯޓެއް ކުރިޔަސް، ގިނަވާނީ ފުލުފުލުން ހައެއްކަ ސިނގިރެޓް ދަމާލާގައި ދާއިރު ވެސް އެކަން ހުއްޓުވާ މީހުން ނާންނަ ފަހަރެވެ. އަމިއްލަ ތަޖުރިބާގައި، ރިޕޯޓެއް ކޮށްގެން ފުލުހުން އައީ އެންމެ ފަހަރަކު އެވެ. އެފަހަރު ވެސް އެ މީހާ ކޮފީ ނިންމައި ސިނގިރެޓް ބޮއެ ބިލް ދައްކަން އުޅެނިކޮށް ދެ ފުލުހަކު އައިސް، ސިނގިރެޓް ބޯ މީހަކު ނެތުމުން އެނބުރި ދިޔައީ އެވެ. މިއީ ތަންފީޒުކުރުމުގެ ހާލަތުގެ ކުޑަކުޑަ މިސާލެކެވެ.

ސިޓީ ކައުންސިލްގެ ނިޔަތް ކިތަންމެ ރަނގަޅަސް، ދުންފަތާ ބެހޭ ގޮތުން ހަދާފައިވާ ގާނޫނާއި ގަވައިދުތައް މުތާލިއާކޮށްލާފައި، އެ ތަންފީޒުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އުޅެފިއްޔާ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ފެނެ އެވެ.