Roadha Mihaaru
ނުކުޅެދޭ މީހަކު ނޭވާ ހާސްވާގޮތަށް ތަނެއްގައި ބަނދެފި!

ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެފި!

15 މެއި 2019

ށ. ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން، 50 އަހަރުގެ މީހާ ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ، ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވުމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް ލައްވައިފަ އެވެ.

ފޭދޫ ކައުންސިލަރަކު މިރޭ ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އަންހެންމީހާ ބަނދެފައި ހުއްޓައި ފެނިގެން، ވާގަނޑު މޮހާލީ، އެ މަންޒަރު ފެނުނު އެ ރަށުގެ ބައެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ، ކޮން ބަޔަކު ކުރި ކަމެއް ކަން މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި މީހުންނަށް އުނދަގޫކުރަމުން މުޅި ރަށު ތެރޭގައި ދަންވަރު ވެސް ހިނގާނެ. އެކަމާ ހިތްހަމަނުޖެހުނު ބައަކު ކުރި ކަމެއް ކަމަށް ބޮޑަށް ބެލެވެނީ، ކޮންމެ ބަޔަކު ކުރިއަސް އެއީ ރަނގަޅު ކަމެއް ނޫން،" ކައުންސިލަރު ވިދާޅުވި އެވެ.

މީހަކާ އިނދެގެން އުޅޭ އެ އަންހެންމީހާގެ ފަސް ދަރިން ތިބެ އެވެ. އާއިލާ މީހުންގެ ވެސް ފޭދޫގައި ދިރިއުޅެ އެވެ. އެކަމަކު އޭނާގެ އުޅުން ހުންނަ ގޮތުން، އާއިލާގެ އަޅާލުންތެރިކަމެއް މާބޮޑަކަށް ނުލިބެ އެވެ.

ކައުންސިލުން ބުނިގޮތުގައި، އަންހެންމީހާގެ ފަސް ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ބައެއް ކުދިންނަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެހެންކަމުން، ފިރިމީހާއާ އެކު އޭނާ ދިރިއުޅެނީ ވަކިން ގެއެއްގަ އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަނދެ، އަނިޔާކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެންމީހާ އަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ވަނީ ނިންމާފައި. ވީ އެންމެ އަވަސް ފުރުސަތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަންހެން މީހާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ދައުރުވުމުން، ބައެއް މީހުން ދަނީ އެ އަމަލު ކުށްވެރިކޮށް، ނުރުހުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ސިފަކޮށްފައިވާ ގޮތުގައި، އެއީ، "ވަރަށް ރަހުމްކުޑަ، ލާއިންސާނީ އަމަލެކެ"ވެ.