Roadha Mihaaru
ނުކުޅެދޭ މީހާ އަށް އަނިޔާކުރި މީހުން ދެނެގަނެވިއްޖެ

ނުކުޅެދޭ މީހާ ބަނދެ، އަނިޔާކުރި މީހުން ދެނެގަނެވިއްޖެ: ޕޮލިސް

21 މެއި 2019

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅުވައި، ހޮޅިދަނޑިއެއްގައި ބަނދެ އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅުވައި، ހޮޅިދަނޑިއެއްގައި ބަނދެ އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެކަމަކު އެ މީހުން އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. ލަސްތަކެއް ނުވެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ތަހުގީގަށް އެ މީހުން ހައްޔަރު ނުކުރާ ސަބަބެއް ފުލުހުން ނުބުނެ އެވެ. އެކި މައްސަލަތަކުގައި މި ކަންބޮޑުވުން އަމާޒުވާތީ، ފުލުހުން ބުނެފައި ވަނީ ކޮންމެ ތަހުގީގަކަށް މީހުން ހައްޔަރުކުރަން ނުޖެހޭ ކަމަށެވެ. ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ވެސް ތަހުގީގަށް ބަޔާން ނެގުމާއި އެ ނޫން ވެސް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރަހުމުކުޑަ ގޮތަކަށް އަންހެން މީހާ ބަނދެފައި ހުއްޓައި ފެނިގެން، ވާގަނޑު މޮހާލީ، އެ މަންޒަރު ފެނުނު ފޭދޫގެ ބައެކެވެ. އޭނާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އަނިޔާކުރި އަންހެން މީހާ މިހާރު ވަނީ އޭނާގެ 21 އަހަރުގެ އަންހެން ދަރިއަކާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާގެ ދަރިފުޅަކީ ވެސް ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ.

އެކި މީހުންނަށް އުނދަގޫ ކުރަމުން ރަށު ތެރޭގައި ހިނގާތީ، އަންހެންމީހާ އަށް ކުރިން ވެސް އޭނާ އަށް އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ ކަމަށްވެ އެވެ.

މީހަކާ އިނދެގެން އުޅޭ އެ އަންހެން މީހާގެ ފަސް ދަރިން ތިބެ އެވެ. އާއިލާ މީހުން ވެސް ފޭދޫގައި ދިރިއުޅެ އެވެ. އެކަމަކު އޭނާގެ އުޅުން ހުންނަ ގޮތުން، އާއިލާގެ އަޅާލުން މާބޮޑަކަށް ނުލިބެ އެވެ.