Roadha Mihaaru
އޭޖީ އޮފީހުގެ ބަޔާނުގައި ހުރީ ދޮގު ވާހަކަ: ދީބާޖާ

ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ހަދަނީ ދޮގު: ދީބާޖާ

15 މެއި 2019

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ހަދަނީ ދޮގު ކަމަށް ބުނެ، ދީބާޖާ އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ހަދަނީ ދޮގު ކަމަށް ބުނެ، ދީބާޖާ އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އެއީ، ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ، ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާ ނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

މި ވާހަކަތަކަށް ރައްދު ދީ، ދީބާޖާ އިން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުން ހުކުމް ކުރީ، އޮކްޓޯބަރު، 23، 2014 އިން ފެށިގެން، މަދުވެގެން އެ މަހަކަށް ޖެހޭވަރު ކޮންމެ މަހަކު ކޯޓަށް ދައްކައި ހަ މަސް ތެރޭގައި 348 މިލިއަން ރުފިޔާ ޚަލާސްކުރަން ކަމަށެވެ. ހުކުމް ކުރި ތާރީޚުން ފެށިގެން، އެޕްރީލް، 23، 2015 އަށް ހަ މަސްވެފައިވާ ކަމަށް ދީބާޖާ އިން ބުންޏެވެ.

ހުކުމް ތަންފީޒުކުރުމަށް ބަލާފައި ވަނީ ސިވިލް ކޯޓުން އަމިއްލަ އަށް އިސް ނަގައިގެން ކަން ވެސް ދީބާޖާ އިން ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ، ސިވިލް ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒުކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ދޭހަވާ ގޮތަށް އޭޖީ އޮފީހުގެ ނޫސް ބަޔާނުގައި ބުނެފައި އޮތީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ސިވިލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ގުނުމުގައި އަމަލުކުރަން ޖެހޭނީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތު ލިބިދޭ ގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ދީބާޖާ އިން ބުންޏެވެ.

މީގެ އިތުރުން، އޭޖީ އޮފީހުން ކްރިމިނިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ދީބާޖާ އަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅި މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރުނީ ވެސް ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް ބަޔާނުގައިވެ އެވެ.

ދީބާޖާ އިން ބުނިގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީސް ފަދަ ދިވެހި ދައުލަތުގެ އެންމެ އިސް ވަކީލަކަށް ނިސްބަތްވެވަޑައިގަންނަވާ އޮފީހަކުން އެފަދަ ނުރަނގަޅު މައުލޫމާތުތަކެއް ހިމަނައިގެން ނޫސް ބަޔާން ނެރުމަކީ އެ ކުންފުންޏަށް އޭގެ ގެއްލުންވާނެ ކަމެކެވެ. އަދި އެއީ ޝަރީއަތުގައި ހިނގަހިނގާ އޮތް މައްސަލައަކާއި ކޯޓުތަކާ މެދު އާއްމުންގެ ހިތުގައި ނުރަނގަޅު ތަސައްވަރެއް އުފެދެން މަގުފަހިވާނެ ކަމަށް ކަމަށް ވެސް ދީބާޖާ އިން ބުންޏެވެ.

އެފަދަ ކަންކަން ނުކުރުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ނޫސްބަޔާނުގައި ދީބާޖާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެފަދަ ކަމެއް ތަކުރާރުކޮށް، ދީބާޖާ އަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކޮށްފައިވާ ހުކުމް، ސުޕްރީމް ކޯޓުން ދަމަހައްޓައި ކުރި ހުކުމް މުރާޖައާކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމައިފަ އެވެ. ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، މި އަދަދު އައި ގޮތެއް ހުކުމްގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.