Roadha Mihaaru
ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެެއްޖެ

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ

15 މެއި 2019

ހުޅުމާލޭ ހައިވޭގައި ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހުޅުމާލޭ ހައިވޭގައި ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެ އައި ސައިކަލެއް، އެހެން ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. ހުޅުމާލެ އިން ބްރިޖަށް އަރަންދާ ކޮޅުން ދުއްވާފައި ދިޔަ އެ ސައިކަލު، އެހެން ސައިކަލެއް އޯވަޓޭކް ކުރަން އެރީ ކާރު ލޭނަށެވެ. ނަމަވެސް އެ ލޭނުގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ސައިކަލް 100 ވަރަކަށް ފޫޓަށް ކަހާލީ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިނީ ލައިސަންސް ނޯންނަ 20 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ އަށް މި އެކްސިޑެންޓުގައި އެކި ވަރުގެ އަނިޔާ ލިބިފައި ވާތީ، އޭނާ އަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެ ޒުވާނާގެ ސައިކަލު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މީގެ އިތުރުން އެ ސައިކަލު ގޮސް ޖެހުނު ސައިކަލުގައި އިން ދެ މީހުންނަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންނެވެ.

ހުޅުމާލެ ހައިވޭގައި ހޯމަ ދުވަހު ވެސް ވަނީ އެކްސިޑެންޓެއް ހިނގައި މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. ފުރޮޅު ފަޅައިގެން ދިއުމުން ހައިވޭގައި އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގައި ފަހަތުން އައި ސައިކަލަކުން ޖެހުމުން، އެ ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އެވެ. އެ ސައިކަލު ދުއްވަން އިނީ ފުލުހެކެވެ.