Roadha Mihaaru
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފި

09 މެއި 2019

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ އެކު، އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ދޭން ވަނީ ފަށައިފަ އެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ފަހަރު އިއުލާނުކުރީ، ބާކީ 188 ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށެވެ. އެ ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ނަން ނޯޓު ކުރެވޭނެ އެވެ. ނާސްތާ ފޯރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އިތުރު ސްކޫލުތަކަށް ނާސްތާ ފޯރުކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހު އޮންނާނެ އެވެ. އެ އަށް ފަހު ބީލަން ހުޅުވާނީ މި މަހުގެ 23 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މިއަދު ވިދާޅުވީ، މިހާތަނަށް ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ 25 ސްކޫލުގެ ތެރެއިން 24 ސްކޫލެއްގެ ނާސްތާގެ ކަންކަން ކުރިން ހަވާލުކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ. އަޖުމަ ބެލުމަށް މިހާތަނަށް ނާސްތާ ޕްރޮގްރާމް ހިންގި 25 ސްކޫލުގެ ތެރެއިން މި ބުރުގައި އަލުން އިއުލާން ކުރީ ވިލިމާލޭ މުހުޔިއްދީން ސްކޫލު އެކަންޏެވެ.

ރިޔާޒް ވިދާޅުވީ، ނާސްތާ ދޭން ފެށުމުން ދަރިވަރުންގެ ހާޒިރީ ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ހެނދުނު ކެއުމަށް ދަރިވަރުންނަށް ބާރަކަށް ވި ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނާސްތާގެ ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެކަމަށް އެދޭ ދަރިވަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވި ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި ސްކޫލަކަށް ނާސްތާ ފޯރުކޮށްދޭން ބޭނުން ނަމަ ބިޑް ހުށަހަޅަން ޖެހޭނީ އެ ސްކޫލަކަށެވެ. ބިޑް ކޮމިޓީ އަށް އެ ލިޔުންތައް ފޮނުވާނީ އެ ސްކޫލަކުންނެވެ. އެގޮތުން ނާސްތާ ދޭނެ ފަރާތެއް ހޮވުމުގައި، ސާފުތާހިރު ބަދިގެއެއް ހުރުމަކީ މަޖުބޫރު ކަމެކެވެ.

"ފުރަތަމަ ޓާމުގެ ނަތީޖާ އާއި ތަޖުރިބާ އަށް ބަލާފައި، ބަދަލުތަކާ އެކު ދެވަނަ ޓާމުގައި ހުރިހާ ސްކޫލެއްގެ ހެނދުނު ދަންފަޅީގައި ނާސްތާ ދެވޭނެ. އެކަމުގެ ތައްޔާރީތައް މި ވަނީ ފެށިފައި،" ރިޔާޒް ވިދާޅުވި އެވެ.

ނާސްތާގެ ޕައިލެޓު ޕްރޮޖެކްޓް ފެށުމުގައި ވެސް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުދި ރަށްރަށުގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުލިބުމުގެ މައްސަލަ އެވެ. ނަމަވެސް މި ފަހަރު އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލުތަކުގައި ނާސްތާ ދިނުމުގައި ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި ރޯދަ މަހާ އެކު، ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓު މިހާރު ވަނީ ނިމިފަ އެވެ.