Roadha Mihaaru
ފުރަތަމަ ހަފުތާގައި 8500 ދަރިވަރުންނަށް ނާސްތާ ދިން

ފުރަތަމަ ހަފުތާގައި 8،500 އަށްވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދިން

20 ޖެނުއަރީ 2019

ފުރަތަމަ ހަފުތާ ނިމުނުއިރު 8،500 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުރަތަމަ ހަފުތާ ނިމުނުއިރު 8،500 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ނާސްތާގެ ޕައިލެޓް ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ އާބާދީގެ ބޮޑު ބަޔަކަށް ނާސްތާ ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިިދިޔަ ހަފުތާގައި ފެށި ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު ދަރިވަރުންނަށް ނާސްތާ ދެމުން އަންނައިރު، ފުރަތަމަ ހަފުތާ ނިމުނުއިރު 8،510 ދަރިވަރުން ނާސްތާ ޕްްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާސްތާ ދެމުން އަންނަނީ އެކަމަށް ބެލެނިވެރިން ހުށަހެޅުމުންނެވެ.

ސަރުކާރުން ނިންމާފައިވަނީ ނާސްތާގެ އަޖުމަ ބެލުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި އެންމެ ފުރަތަމަ ކުރިއަށް ގެންދާށެވެ. އެ ސްކޫލުތަކުގައި ދަރިވަރުންގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 12،000 ގަ އެވެ. އެހެންކަމުން އެ ޕްރޮގްރާމުގައި ބައިވެރިނުވެ ބާކީތިބީ ގާތްގަނޑަކަށް 3،490 ދަރިވަރުންނެވެ.

ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެންނެވެ.

ނާސްތާ ދޭން ފެށިފަހުން ދަރިވަރުންގެ ކިޔެވުުމަށާއި އަހުލާގަށް ބަދަލެއް އައިސްފައިވާކަން ދެނެގަންނަން އަދި އަވަސް ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން ދަރިވަރުން ތިބީ ހިތްހަމަޖެހިފައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ނާސްތާގައި ހިމެނެނީ ހަތަރު މެނޫ ސެޓެކެވެ. އެގޮތުން ފުރަތަމަ މެނޫ ސެޓުގައި 11 ވައްތަރެއް ހިމެނޭއިރު ދެ ވަނަ ސެޓުގައި ހިމެނެނީ ފަސް ވައްތަރެކެވެ. ތިނެއް އަދި ހަތަރު ވަނަ ސެޓުގައި ހުންނާނީ، މީގެ ކުރިން އިއުލާނުކުރި މެނޫގައި ހިމެނޭ ބައެއް ތަކެއްޗެވެ.