Roadha Mihaaru
ދައުލަތުގެ ޚަރަދުގެ 78 ޕަސެންޓް ރިކަރަންޓަށް

ދައުލަތުގެ ޚަރަދުގެ 78 ޕަސެންޓް ރިކަރަންޓަށް

09 މެއި 2019

މިދިޔަ ހަތަރު މަސް ދުވަހު ދައުލަތުން ކުރި ހޭދައިގެ 78 ޕަސެންޓަކީ ސަރުކާރު ހިންގުމުގެ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ހަތަރު މަސް ދުވަހު ދައުލަތުން ކުރި ހޭދައިގެ 78 ޕަސެންޓަކީ ސަރުކާރު ހިންގުމުގެ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކަށް 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އިދާރީ ގޮތުންނާއި ހިންގުމަށް ކުރަންޖެހޭ ހަރަދުތަކުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ހޭދަކުރީ 1.5 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހޭދަކުރީ 655 މިލިއަން ރުފިޔާ އެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރީ 462 މިލިއަން ރުފިޔާ އެވެ.

ކުރީ އަހަރުތަކުގައި ވެސް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަރުކާރުގެ ހިންގުމަށެވެ. އެގޮތުން މިދިޔަ އަހަރު 25.3 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު ގާތްގަނޑަކަށް 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 17.7 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން 7.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 7.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.