13 ނޮވެމްބަރ 2017
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމްލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމްލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވިކަން އެންގީ ހަމައެކަނި ސިޓީއެއްގެ ޒަރީއާ އިންނެވެ. އެ ސިޓީގައި އޮތީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދު އެކަންޏެވެ.
ސަރުކާރުން ބަޖެޓް ފޮނުވާ އިރު ސިޓީއާ އެކު އޭގެ މުޅި ތަފްސީލް ހިމެނޭ ގޮތަށް ބަޖެޓް ފޮތް ވެސް މަޖިލިހަށް ފޮނުވަ އެވެ. އެހެންކަމުން މިއީ ހަމައެކަނި ޖުމްލަ އަދަދެއް ޖަހައި، ސިޓީއަކުން ބަޖެޓް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
ބެލެވޭ ގޮތުގައި ސަރުކާރުން އެގޮތަށް ކަންތައް ކުރީ ގާނޫނުގައި ބުނެފައިވާ ތާރީހުގެ ކުރިން މަޖިލިހަށް ބަޖެޓް ހުށަހެޅިކަން ރަސްމީކޮށްލާށެވެ.
ސިޓީގައި ހިމަނާފައިވާ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަަދަދު އެނގޭ ގޮތެއް ނުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލީހަށް ބަޖެޓް ފޮނުވާނީ ހުރިހާ ތަފްސީލްތަކާ އެކުގައި ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފޮނުވިއިރު، ތަފްސީލް ހިމެނި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ ނުބޭއްވި ލަސް ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލްތައް ނުފޮނުވައިގެންނެވެ.
އާންމު ގޮތެއްގައި މަޖިލީހަށް ބަޖެޓު ފޮތެއް ފޮނުވުމުން، މަޖިލީހުގެ މެމްބަރުންނަށް ފޮތުގެ ކޮޕީ ތައްޔާރު ކުރަނީ މަޖިލީހުގެ އިދާރާއިންނެވެ. އެކަމަކު މިހާތަނަށް އައިއިރު، އޭގެ ކޮޕީ ތައްޔާރުކުރެވިފައެއް ނުވެ އެވެ.
ސަރުކާރުގެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ބޭއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ތާވަލް ކުރި އެވެ. އެކަމަކު، އެ ޖަލްސާ މި ހަފްތާއަށް ފަސް ކުރީ ވެސް ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލް ނުފޮނުވުމުންނެވެ. އެކަމަކު، އެ ޖަލްސާ ބާއްވާނެ ދުވަހެއް މަޖިލީހުން އަދިވެސް އިއުލާނެއް ނުކުރެ އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޖުމުލައެއް އަދި ސާފެއް ނުވެ އެވެ.
މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފަހު ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެތީ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
މިއީ އުންމީދީ، ރައްޔިތުންނާ ގުޅުން ހުރި ބަޖެޓެއް
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ފަސްކޮށްފި
ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ބުރާސްފަތީގައި
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ
ސޮވްރިން ފަންޑުގައި 181 މިލިއަން ޑޮލަރު
ދައުލަތުގެ ޚަރަދުގެ 78 ޕަސެންޓް ރިކަރަންޓަށް
ބަޖެޓު ސަޕޯޓަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި