30 އޮކްޓޯބަރ 2024
އަންނަ އަހަރުގެ ބޭސްލައިން ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 64 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުން ދައްކައިފި އެވެ.
އަންނަ އަހަރުގެ ބޭސްލައިން ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 64 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުން ދައްކައިފި އެވެ.
އެއީ، ކުރިއަށް އޮތް އަހަރާއި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މާލީ ހާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކޮށް ކިޔައިދިނުމަށް އެކުލަވައިލާ ރިޕޯޓެެކެވެ. ކޮންމެ އަހަރެއްގެ މެދުތެރޭގައި އެކުލަވައިލާ އެ ރިޕޯޓު ފިނޭންސް މިނިސްޓްރީން އާންމުކުރީ އިއްޔެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 64 ބިލިއަން ރުފިޔާ ފިސްކަލް ސްޓްރެޓެޖީގައި ލަފާކޮށްފައި އޮތް ނަމަވެސް، އެ އަދަދު ބަދަލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.
ސަރުކާރުން ވަނީ 2026 ވަނަ އަހަރު އަނބުރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ބައެއް އަންނަ އަހަރު ރީފައިނޭންސިން ކުރުމަށް ވެސް ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެކު އަންނަ އަހަރުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 5.4 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އަންނަ އަހަރު 16 ބިލިއަން ރުފިޔާ ބަޖެޓު ފައިނޭންސިން އަށް ހޯދަން ވަނީ ލަފާކޮށްފަ އެވެ. އޭގެ ތެރޭގައި ސުކޫކު ނުވަތަ ބޮންޑެއް ވިއްކައިގެން 4.6 ބިލިއަން ރުފިޔާ އާއި ބޭރުން ލޯނު ނަގައިގެން 3.2 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަންނަ އަހަރު އެސްޑީއެފުން ވެސް ތިން ބިލިއަން ރުފިޔާ ނަގަން ވަނީ ކަނޑައަޅައިފަ އެވެ.
އެ ރިޕޯޓުގައި ވަނީ ހަރަދު ކުޑަކުރުމަށް އަޅާ އިސްލާހީ ފިޔަވަޅާ އެކު، ބަޖެޓަށް އަންނާނެ ބަދަލުތައް ކިޔައިދީފަ އެވެ. އެ ފިޔަވަޅުތައް ނާޅާއިފި ނަމަ ބަޖެޓުގެ އަދަދަށް އަންނާނެ ބަދަލުތައް ވެސް ބަޔާންކޮށްފައި ވެ އެވެ. އޭގައިވާ ގޮތުން ހަރަދު ކުޑަކުރުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، ކުންފުނިތައް ރިފޯމުކޮށް، ޑައިރެކްޓް ސަބްސިޑީ ދިނުމާއި އޮފީސްތައް ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށެވެ. އެކަމަކު، އެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވިއްޖެ ހާލަތެއްގައި އަންނަ އަހަރުގެ ޖުމްލަ ހަރަދު 57 ބިލިއަން އަރާނެ އެވެ. ރިކަރަންޓް ހަރަދު 42 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރާ އިރު ކެޕިޓަލް ހަރަދު 23 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ނަމަވެސް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކޮށްގެން ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ. އެކަމަކު، އަހަރުގެ މިހާތަނަށް، ކަނޑައަޅާފައިވާ ރިފޯމުތައް ތަންފީޒު ކުރެވިފައެއް ނުވެ އެވެ. އޭގެ ސަބަބުން، މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފަ އެވެ.
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
މުސާރައަށް ކުރި ހޭދަ 10 ޕަސެންޓް އިތުރުވެއްޖެ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް