07 މެއި 2019
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމީ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު ބޮޑު ހިއްސާއެއްވި އޭރުގެ ކެޕްޓަން މިދިޔަ ފެބްރުއަރީ ގައުމީ ޓީމާ ވަކިވެފައިވީ ނަމަވެސް އެކަން ރަސްމީކޮށް އިއުލާންކުރީ މިއަދެވެ.
ގައުމީ ޓީމާ ވަކިވި ސީދާ ސަބަބެއް އޭނާ ނުބުނެ އެވެ. އެކަމަކު ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށް އޭނާ ބުނީ "ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ހަމަހަމަކޮށް، އިންސާފުވެރިކަމާ އެކު އަމަލުކުރާ ވަގުތެއްގައި، ފުރުސަތު ލިބިއްޖެ ނަމަ ގައުމީ ޖާޒީ ލާން އަބަދުވެސް ހުންނާނީ ތައްޔާރުގައި" ކަމަށެވެ.
ގައުމީ ޓީމުގެ އެހެން ކުޅުންތެރިޔެއް ކަމަށްވާ އަހުމަދު ތޯއިފް ވެސް ވަނީ ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. ކިޔަވަން ބޭރަށް ދާތީ އާއި އަނިޔާގެ ސަބަބަކާ ވެސް އެކު، ގައުމީ ޓީމުން ވަކިވި ނަމަވެސް އޭނާ ވަނީ އެސޯސިއޭޝަނާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެގޮތުން ތަމްރީން މާހައުލުގައި ހުރި މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހުރިހާ ލެވެލެއްގައި ވެސް، ތަފާތުކުރުންތަކާއި ވަކި އަތަކަށް ޖެހުން އޮތް ކަމަށް ބުނެފައިވެ އެވެ. މިހާރު އޮތް ސިސްޓަމުގައި، ކުޅުންތެރިންނަށް ހުރަސްތަކެއް އެބަހުރި ކަމަށާއި އަދި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތައް ނެތްއިރު، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ހަހަމަމަ ހައްގުތަކެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ހާޒިރީ މައްސަލައިގައި ބޭއިންސާފުން އަމަލުކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ފެބްރުއަރީ މަހު ފެންމަތިވި އެވެ. އެގޮތުން ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅަށް، އައިމިނަތު ނަބީހާ ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުން އޭނާ ސަސްޕެންޑްކުރި އެވެ. ފަހުން އޭނާގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.
2017 ވަނަ އަހަރުގެ މިހާރު އެވޯޑްސްގައި އެންމެ މޮޅު ދެ ވަނަ އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ ޒަޔާން ޒަކީ (ވ) އަށް އިމާދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ
ޒަޔާން ބުނީ މިދިޔަ ފެބްރުއަރީ މަހު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުމަކީ އޭނާ ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި އެކަމަކު އެއީ ކޮންމެހެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޒަޔާންގެ ވަކިވުމާ ގުޅޭގޮތުން އެސޯސިއޭޝަނުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.
މިދިޔަ އަހަރުގެ މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ފުރުސަތު ނުދިން މައްސަލައިގައި ޒަޔާން އާއި އެސޯސިއޭޝަނާ މެދު މިދިޔަ އަހަރު މައްސަލަތަކެއް ޖެހުނެވެ.
އޭނާ އަށް ފުރުސަތު އޭރު ނުދިނީ ރާއްޖޭގައި ބޭރުގައި ތަމްރީން ހަދަމުން އަންނާތީ މާލޭގައި އޮތް ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުމުން ހާޒިރީ އަށް ބެލުމަށް ފަހު އެވެ. އެކަމަކު މެލޭޝިއާގައި 2016 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދައި ދުނިޔޭގެ ރޭންކިންގައި ކުރިއެރުންތައް ވެސް ހޯދާފައިވެ އެވެ.
ޒަޔާން އޭރު ބުނީ ސްކޮޑުގައި ނުހިމެނުނަސް އިންޑިވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ހަރަދުގައި ދިއުމަށް އެންޓްރީ ހަދައިދޭން އެސޯސިއޭޝަނުގައި ހަތަރު ފަހަރެއްގެ މަތިން އެދުނު ކަމަށާއި އެކަމަކު ޖަވާބެއް ނުލިބުނު ކަމަށެވެ.
ޒަޔާނަކީ ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިޔާ އެވެ. އުމުރުން 15 އަހަރުގައި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައި، 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އާއި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ ކެޕްޓަންކަންކުރި އެވެ.
އިނގިރޭސި ވިލާތުން ސްޕޯޓްސް، ހެލްތު އެންޑް އެކްސަސައިޒް ސައިންސަސް އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ޒަޔާން ވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ރޭންކިންގެ އެއް ވަނަ އަށް އަރައިފަ އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ސިންގަލްސްގެ 188 ވަނަ އަދި މިކްސް ޑަބަލްސްގައި 172 ވަނަ އަށް އެރި އެވެ.
ޒަޔާން (ވ) ޑަބަލްސް ޕާޓްނަރު ނަބާހާއާ އެކު.
އޭނާ ވަނީ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެއް ފަހަރު، ޑަބަލްސް ޗެމްޕިއަންކަން ދެ ފަހަރު އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ. އަދި 2017 ވަނަ އަހަރު ޖޫން މަހު އޮތް މޮރިޝަސް އިންޓަނޭޝަނަލް ސީރީސްގައި މިކްސް ޑަބަލްސް އިން ލޯ މެޑަލް ހޯދައި އޭނާ ވެފައިވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ސާކިޓް މުބާރާތަކުން މެޑަލް ހޯދި ދިވެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން އެތުލެޓިކްސް، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެން މިހާރު އެވޯޑްސްގައި ގައި ހޮވި 2017 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ދެ ވަނަ ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ މަގާމް ހޯދި އެވެ.
ޒަޔާން ބުނީ ގައުމީ ޓީމުން ވަކިވި ނަމަވެސް ބެޑްމިންޓަނާ ދުރަށް ނުދާނެ ކަމަށާއި ރާއްޖޭގެ މުބާރާތްތަކުގައި ވާދަކޮށް އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އުމުރުން 15 އަހަރުގައި، 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމު ތަމްސީލްކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާ ރާއްޖޭގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަށް ނުވަތަ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށް ނުވި ނަމަވެސް، ރާއްޖެ ތަމްސީލްކުރަން ކޯޓަށް އެރި ކޮންމެ ފަހަރަކު ވެސް، ވީ އެންމެ ބޮޑަކަށް މަސައްކަތްކުރި ކަމަށް ބުންޏެވެ.
"ގޮންޖެހުންތަކާއި އުނދަގޫތަކާ އެކު ވެސް، އަހަރެން އަޒުމް ކަނޑައަޅައިގެން މިހިރީ ކުރިއަށް ދިއުމަށް،" ޒަޔާން ބުންޏެވެ.
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް
އަޖުފާނާއި ޒަޔާން ސިންގަލްސް އިން ކަޓައިފި
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ގަދަ 32 ގެ ބުރުން ޒަޔާން އަށް މުބާރާތް ނިމިއްޖެ
ޒަޔާން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ކޮމަންވެލްތު ގޭމްސް: ދިދަ އުފުލާނީ ޖުމާނާ އާއި ޒަޔާން
ގައުމީ ޓީމުން އަލުން ޖާގަ ލިބުމަކީ ޝަރަފެއް: ޒަޔާން