26 ޖުލައި 2022
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ބުރާސްފަތި ދުވަހު ފަށާ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔަތާުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް އާއިި ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އަށް ދީފި އެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ބުރާސްފަތި ދުވަހު ފަށާ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔަތާުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް އާއިި ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އަށް ދީފި އެވެ.
މިފަހަރުގެ ގޭމްސް އަކީ ރާއްޖެ އަލުން ކޮމަންވެލްތު ޖަމިއްޔާ އާ ގުޅުނު ފަހުން ބައިވެރިވާ ފުރަތަމަ ގޭމްސް އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވީ 2016 ގަ އެވެ. އޭގެ ފަހުން 2018 ގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ގޭމްސްގައި ބައިވެރިވުމުގެ ހައިސިއްޔަތު ރާއްޖެ އަށް ގެއްލުނެވެ. ކޮމަންވެލްތުގެ މެންބަރުކަން އަލުން ރާއްޖެއިން ހޯދީ 2019 ގަ އެވެ. ހަމަ އެ އަހަރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ މެންބަރުކަން ވެސް ރާއްޖެ އަށް އަލުން ދިނެވެ.
ކުރިއާ ހިލާފަށް ގޭމްސްތަކުގައި ކޮންމެ ގައުމަކުން ދިދަ އުފުލުމުގެ ފުރުސަތު އަންހެން އަދި ފިރިހެން އެތުލީޓަކަށް ދޭން ޖެހޭ ގޮތަށް އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން 2020 ގައި ވަނީ ނިންމައިފަ އެވެ.
ބާމިންހަމްގައި އިއްޔެ ބޭއްވި އިވެންޓެގައި ޖުމާނާ އަށް ދިދަ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފެވެ. ޒަޔާން އަށް ދިދަ ހަވާލުކޮށް ދެއްވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.
ބެޑްމިންޓަން ތަރި ޒަޔާން އަށް މި ވަނީ ކައިރި ކައިރީގައި ދެ ޝަރަފެއް ލިބިފަ އެވެ. އެއީ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފާއި ހަތަރު އަހަރަށް ފަހު ގައުމީ ޓީމުން އަލުން ފުރުސަތު ލިބުމެވެ. ބެޑްމިންޓަން އެސޯސިއޭޝަނާ ޖެހުނު މައްސަލައެއްގައި ޒަޔާން ގައުމީ ޓީމުން އެކަހެރި ކުރީ 2018 ގަ އެވެ. ގައުމީ ޓީމުން ޖާގަ ލިބުމުން "މިހާރު" އަށް ކުރިން ދިން އިންޓަވިއުގައި ޒަޔާން ބުނީ މިއީ ބޮޑު ޝަރަފެއް ކަމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ކ) ޒަޔާން އަށް ދިދަ ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: އެމްއޯސީ
ޓީޓީ ތަރި ޖުމާނާ އަކީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ނަމެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޓީމު އިވެންޓުން އަދި ޑަބަލްސް އިވެންޓުން ރާއްޖެ އަށް ރަން އަދި ރިހި މެޑަލް ހޯދައިދިން ޖުމާނާ ވަނީ ގޭމްސް އަށް ތައްޔާރުވުމަށް ޓީޓީ ޓީމުން ކޮރޮއޭޝިއާ އަށް ކުރި ޓްރޭނިން ކޭމްޕްގައި ވެސް ލީޑް ކޮށްފަ އެވެ.
ކޮރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު ކުރިއަށް ގެންދިޔަ ކޭމްޕްގައި ކުޅުންތެރިއެއްގެ ދައުރާއި އޮފިޝަލެއްގެ ދައުރު ވެސް ޖުމާނާ އަދާކުރި އެވެ. އަދި މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ މުބާރާތުގައި ރާއްޖޭގެ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވެސް ޖުމާނާ ވަނީ މަސައްކަތް ކޮށްފަ އެވެ.
ރާއްޖޭގެ އޮލިމިޕިކް ކޮމިޓީ (އެމްއޯސީ) ން ބުނި ގޮތުގައި މިއަހަރުގެ ކޮމަންވެލްތު ގޭމްސް އަކީ މިހާތަނަށް އެ ގޭމްސްގެ ތާރީހުގައި ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެއްޓެއް ތަމްސީލު ކުރާ ފަހަރެވެ. ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ބީޗް ވޮލީބޯޅަ އެވެ. ގައުމީ އަންހެން ޓީޓީ ޓީމާއި އަދި ރާއްޖޭގެ ފިރިހެން ޓީޓީ ޗެމްޕިއަން މުންސިފް އަހްމަދު ގޭމްސްގައި ވާދަކުރަނީ ކޮލިފައިންގެ މަރުހަލާއެއްގެ ތެރެއިންނެވެ. މުންސިފް އާއި ޓީޓީ އަންހެން ޓީމަށް ގޭމްސްއިން ފުރުސަތު ލިބުނީ ރޭންކިންގައި އޮތް މަގާމުގެ ސަބަބުންނެވެ.
ސްޕޯޓް މިނިސްޓަރު އަހުމަދު މަހްލޫފް (ވ) ޖުމާނާ ސަށް ދިދަ ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: އެމްއޯސީ
އޭޝިއާ ކޮލިފައިންގެ ފައިނަލުގައި ރާއްޖޭގެ ބީޗް ވޮލީ ޓީމު ވާދަކުރުމުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީ އާއި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން އެއްބަސްވުމަށް ފަހު ރާއްޖެ އަށް ފުރުސަތު ދިނީ "ބައިޕާޓައިޓް އިންވިޓޭޝަން" ގެ ދަށުންނެވެ. އަންހެން ޑިވިޝަންގައި ކެންޔާ އަށް ވެސް ފުރުސަތު ދީފައި ވަނީ އެ އުސޫލުގެ ދަށުންނެވެ.
ގޭމްސްގައި ބީޗް ވޮލީބޯޅައިގައި ފިރިހެން ޑިވިޝަންގައި އޭޝިއާއިން ވާދަ ކުރާނީ ރާއްޖެ އާއި ލަންކާ އެވެ. ލަންކާ މުބާރާތަށް ޖާގަ ހޯދީ އޭޝިއާގެ ކޮލިފައިންގެ ފައިނަލުގައި ރާއްޖެ ބަލި ކުރުމަށް ފަހު އެވެ. މާޗް މަހު ލަންކާގެ ނޮގޮމްބޯގެ ބީޗް ޕާކުގައި ކުޅުނު ކޮލިފައިން މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ބަލިވީ ލަންކާގެ އަޝެން ރަޝްމިކާ އާއި ޝަޝިމާލް މަލިންތަ ޔާޕާގެ ޕެއާ އަތުންނެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ މަގާމު އަދާކުރައްވާނީ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓްރީ ހުސައިން ޖަވާޒު އެވެ. މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ކުޅިވަރު ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޖަވާގެ މަސްއޫލިއްޔަތަކަށް ވާނީ ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް އެންމެ އިސްވެރިއެއްގެ ގޮތުގައި ބެލެހެއްޓެވުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
ކޮމަންވެލްތު ގޭމްސް އަށް ފަހު އެނބުރި ރާއްޖެ ނައިސް ދިވެހި ބައެއް ޓީމުތައް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރަން ތުރުކީ އަށް ދާނެ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ ތުރުކީގެ ކޮންޔާގައި އަންނަ މަހު 9-18 އަށެވެ.
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ގައުމީ ޓީމުން އަލުން ޖާގަ ލިބުމަކީ ޝަރަފެއް: ޒަޔާން
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ކޮމަންވެލްތު ގޭމްސް އިން ބެޑްމިންޓަން އުނިކޮށްފި
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ގަދަ 32 ގެ ބުރުން ޒަޔާން އަށް މުބާރާތް ނިމިއްޖެ
ޒަޔާން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 އަށް
ދީމާ ކުޅުނީ ޓީޓީގައި ނަމޫނާ މެޗެއް: ޝިއުރީ