Roadha Mihaaru
ހައްޖަށް ދާން ހިންމަފުށިން ހޮވުނީ ރާފިއާ ރަގީބް

ހިންމަފުށީ ކައުންސިލުން އެ ރަށު މީހަކަށް ހައްޖު ދަތުރެއް ދީފި

30 އެޕްރީލް 2019

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ކ. ހިންމަފުށީ ކައުންސިލުން އެ ރަށު މީހަކަށް ފުރުސަތު ދީފި އެވެ. މި ފުރުސަތު ގުރުއަތުން މި އަހަރު ލިބުނީ އެ ރަށު ނަންރީތިގޭގެ ރާފިއާ ރަގީބަށެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ކ. ހިންމަފުށީ ކައުންސިލުން އެ ރަށު މީހަކަށް ފުރުސަތު ދީފި އެވެ. މި ފުރުސަތު ގުރުއަތުން މި އަހަރު ލިބުނީ އެ ރަށު ނަންރީތިގޭގެ ރާފިއާ ރަގީބަށެވެ.

މިއީ ހައްޖުގެ އަޅުކަމަށް ހިންމަފުށީ ކައުންސިލުން މީހަކު ފޮނުވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ރަށުން މީހަކު ފޮނުވީ 2017 ވަނަ އަހަރެވެ.

ހައްޖަށް ފޮނުވާނެ މީހަކު ހޮވަން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ހައްޖަށް ދާން ހޮވީ މިދިޔަ އަހަރުގެ ހައްޖަށް ދާން ހުށަހެޅި މީހުންގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކަންތައް އެ ކައުންސިލަށް ނުވީ ހައްޖަށް ދާ ކޯޓާ އިން ޖާގަ ހޯދަން ދަތިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުގެ ދަތުރަށް ދާން ހޮވުނު މީހާގެ ނަން އެރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ދައްކާލައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައްޖުގެ ދަތުރަށް ދާން ހޮވުނު މީހާގެ ނަން އެރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ދައްކާލައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ދެ މީހަކު ކޮންމެ އަހަރަކު އުމްރާ އަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުމްރާ އަށް މީހުން ފޮނުވުމުގައި ޖާގަ ހޯދަން ދަތިނުވާތީ އާއި ވަގުތުގެ ގޮތުން ދަތި ނުވުމުން އަޅުގަނޑުމެން ދެން މި ވިސްނަނީ ކޮންމެ އަހަރަކު ދެ މީހަކު ކައުންސިލްގެ ފަރާތުން އުމްރާ އަށް ފޮނުވަން،" ޝާން ވިދާޅުވި އެވެ.

މިއީ ހިންމަފުށީގެ ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި އެ ރަށު ކައުންސިލުން ފެށި މަސައްކަތެކެވެ.

ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި އަހަރު ހައްޖުގެ ދަތުރަށް ހޮވުނު ރާފިއާ، 30، ބުނީ ގުރުއަތުން އޭނާގެ ނަން ހޮވުނީތީ އެކަމަށް ހެއްދެވި ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ގުރުއަތަށް ނަން ލީ އިރު ނޭނގެ ހޮވޭނެ ކަމެއް، އެކަމަކު އުންމީދެއް ދުލެއް ނުކޮށްލަން. ވަރަށް އުފާ ވެއްޖެ ހޮވުމުން،" ރާފިއާ ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ހޮވުނު ރާފިއާ އަށް އެއްވެސް ސަބަބަކާ ހުރެ ނުދެވިއްޖެ ނަމަ، އެ ފުރުސަތުގައި ދާނެ މީހަކު ވެސް ކައުންސިލުން ހޮވި އެވެ. އެއީ ހިންމަފުށީ ފަތިސްގެ މަރިޔަމް ނިޝާނާ އެވެ.

ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދީނީ ދަރުހެއް ހުށަހަޅައިދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދީނީ ދަރުހެއް ހުށަހަޅައިދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ރަސްމިއްޔާތުގައި ކުރިއަށް އޮތް ރޯދަ މަހާ ގުޅިގެން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދީނީ ދަރުހެއް ވެސް ދެއްވި އެވެ. އޭނާގެ ދަރުހުގައި، އަންނަ ރޯދަ މަހު އަޅުކަން ކުރުމުގެ މުހިއްމު ކަމާއި އަދި މި އަހަރުގެ ތެރޭގައި ކުރެވިފައި ހުރި ކުށްތަކަށް ތައުބާ ވުމަށް އެދި ދުއާ ކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެވެ.