Roadha Mihaaru
ޕީޖީގެ ވިސްނުން ހަމަ ކުއްލިއަކަށް ބަދަލު؟!

ޕީޖީގެ ވިސްނުން ހަމަ ކުއްލިއަކަށް ބަދަލު؟!

02 މެއި 2019

އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލަކީ އެންމެ މުހިންމު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ އެއް ފަރާތެވެ. މުޖްތަމައުގެ ހައްގުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި އެފަދަ ދައުވާތައް މުރާޖާ ކުރުމުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ އެހެން ޒިންމާތަކެއް ވެސް އޮވެ އެވެ: ޖިނާއީ ތަހުގީގުތައް ހިނގަމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ގާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި ފަރުދުންގެ ހައްގުތައް ހިމާޔަތްކޮށް ނެގެހެއްޓުމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލަކީ އެންމެ މުހިންމު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ އެއް ފަރާތެވެ. މުޖްތަމައުގެ ހައްގުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި އެފަދަ ދައުވާތައް މުރާޖާ ކުރުމުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ އެހެން ޒިންމާތަކެއް ވެސް އޮވެ އެވެ: ޖިނާއީ ތަހުގީގުތައް ހިނގަމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ގާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި ފަރުދުންގެ ހައްގުތައް ހިމާޔަތްކޮށް ނެގެހެއްޓުމެވެ.

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެ މަގާމު ކަނޑައަޅައި، ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އޮތަސް ޕީޖީއަށް އަބަދުވެސް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ. ޚާއްސަކޮށް، ކުރީގެ ސަރުކާރުގައި އެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކަށް ޖިނާއީ ދައުވާ ކުރުމާއި އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ހައްޔަރުކުރުން ފަދަ ކަންކަމުގައި ޕީޖީ ފިޔަވަޅު ނާޅުއްވާ ކަމުގެ ޝަކުވާތައް ބޮޑުވި އެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ ނަތީޖާ އައުމާ އެކު އެ މަންޒަރު އެކޮޅުކޮޅުން ޖެހުނެވެ. އިދިކޮޅު ފަރާތްތަކަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސް، އެތައް ބަޔަކު މިނިވަންކުރި އެވެ. އަދި ރިވިއުކުރަން ޖެހޭ ކަމަށް ފެންނަ މައްސަލަތައް ރިވިއުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އޭރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުވާލި އެވެ. ނަތީޖާއަކަށް ވީ، އެކި ދައުވާތަކާ ކުރިމަތިވެފައި ތިއްބެވި ސިޔާސީ ބޭފުޅުން ގާނޫނީ ގޮތުން މިނިވަންވުމެވެ. މީގެ އިތުރުން އޭރު ކޮށްފައިވާ ދައުވާތައް ދިފާއުކޮށް ދައުލަތުން ވާހަކަ ދެއްކިޔަސް، މިހާރު ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ.

ދާދި ފަހުން ވެސް އޭގެ މިސާލެއް ފެނިއްޖެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލުމުން 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ. އެ ދެ މަރުހަލާގައި ވެސް ދައުލަތުން ވާހަކަ ދެއްކީ އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުނެ އެވެ.

އެކަމަކު އެ މައްސަލަ އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް މި ހަފުތާގައި ފެށުމާ އެކު ދައުލަތުގެ ވިސްނުން މުޅިން ބަދަލުވީ އެވެ. އަދީބުގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށާއި ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ވެސް ގޯސް ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެއްބަސްވި އެވެ.

ދަށު ކޯޓާއި ހައި ކޯޓުގައި ދައުލަތުން ދިފާއުކުރި ހުކުމެއް ގޯސް ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކި ސަބަބަކީ ފަހުން އެ މައްސަލައިގެ ހެކިތައް ދިރާސާ ކުރިއިރު، ކުށް ސާބިތުނުވާ ކަމަށް ގަބޫލު ކުރެވުމެވެ.

އަދީބުގެ މައްޗަށް ކުރި އެ ދައުވާ ދައުލަތުން ބިނާކުރީ އޭނާ ފިސްތޯލައެއް ގެންގުޅުއްވަނިކޮށް ދުށް ކަމަށް ބުނާ ތިން މީހެއްގެ ހެކިބަހަށެވެ. އެކަމަކު އެ ފިސްތޯލައެއް ތަހުގީގީ އެއްވެސް އިދާރާއަކަށް ހޯދިފައެއް ނެތެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކުން އެނގުނީ އަދީބު ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނާ ތިން ހެކިވެރިންގެ ބަހަށް ބަލާއިރު ވެސް، އޭނާ ގެންގުޅުއްވީ އަސްލު އެއްޗެއް ކަން ނުވަތަ ނޫން ކަން ކަށަވަރު ނުވާ ކަމެވެ. އެހެންވީއިރު، އެ މައްސަލާގައި އެކަށީގެންވާ ހެއްކެއް ނެތް ކަން ދައުލަތަށް އެނގުނީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓާ ހިސާބުންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައަކީ ވެސް އެފަދަ ގޮތަކަށް ހިިނގި ކަމެކެވެ. މައުމޫންގެ ފޯނު ނުދެއްވި ކަމަށް ބުނެ ދައުލަތުން ކުރި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. ފަހުން އިސްތިއުނާފް މަރުހަލާގައި ދައުލަތުން އެއްބަސްވީ ދަށު ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރި ބައެއް އިޖްރާއާތުތައް ގޯސް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށް ލާން އެމަނިކުފާނުގެ ޣައިރު ހާޒިރުގައި 2017 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެކަމަކު ޣައިރު ހާޒިރުގައި ހުކުމްކުރީ ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވީ އޭގެ އަހަރެއް ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު އެ މައްސަލާގެ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގަ އެވެ.

މި ދެ މައްސަލާގައި ވެސް ކޯޓުން އަމަލުކުރި އިޖްރާއާތު ގޯސް ކަމަށް ގަބޫލުކުރެވޭއިރު، އިސްތިއުނާފް މަރުހަލާގެ ކުރިން އެކަމަށް ފިޔަވަޅެއް ނޭޅީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

މިހާރުގެ ޕީޖީ ބިޝާމް: ކުރިން އުފުލި ބައެއް ދައުވާތައް މިހާރު ކަމަކުނުދޭ! -- ފޮޓޯ/މިހާރު

މިހާރުގެ ޕީޖީ ބިޝާމް: ކުރިން އުފުލި ބައެއް ދައުވާތައް މިހާރު ކަމަކުނުދޭ! -- ފޮޓޯ/މިހާރު

ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް އެކި މަރުހަލާގައި ބަދަލުވާތީ އެންމެ ފަހުން ހައި ކޯޓުގެ ފަނޑިޔާރަކު މިދިއަ އަންގާރަދުވަހު ވަނީ އެއީ ޕީޖީއާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ވިދާޅުވެ، އިންޒާރެއް ވެސް ދެއްވައިފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ކުރިން ދިފާއު ކުރަމުން އައި ކަންކަން ގޯސް ކަމަށް ބުނެ ދައުލަތުގެ ވިސްނުން މިހާރު ބަދަލުވަނީ އެކަމާ ގުޅޭ ގާނޫނަކަށް ނުވަތަ ގާނޫނީ އުސޫލަކަށް ވެސް ބަދަލެއް އައިސްގެން ނޫން ކަމެވެ. އެ މައްސަލަތައް ދަށު މަރުހަލާއިން ފެށިގެން ގޮސް އިސްތިއުނާފް މަރުހަލާތަކާ ހަމައަށް ދިޔައިރު ވެސް އޮތީ ގާނޫނީ އެއް އުސޫލުތަކެކެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުން ވެސް ފާހަގަކުރަމުން ދިޔައީ ކުރިން ވެސް ފާހަގަކުރި ކަންތައްތަކެވެ. އަދި ހުށަހެޅީ ވެސް އެއް ހެކިތަކެކެވެ.

ޖިނާއީ މައްސަލައެއްގައި އަބަދުވެސް ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުން ވަކާލާތު ކުރާނީ އެ މައްސަލައެއްގައި ފެންނަން ހުރި ނުވަތަ ހުށަހެޅި ހެކިތަކަށް ބިނާކޮށެވެ. އެހެންވެ، މިސާލަކަށް ޝަރީއަތުގެ މަރުހަލާ ނިމޭ ފަހުން، ކުރިން ލިބިފައި ނެތް އާ ހެއްކެއް ފާޅުވެގެން އެ މައްސަލައެއްގެ ހަގީގަތްތަކަށް އަސަރުކުރާ ހާލަތެއްގައި ދައުލަތުގެ ވިސްނުން ފަހުން ބަދަލުވެ، އެހެން ގޮތަކަށް ވަކާލާތު ކުރުމަކީ ވެދާނެ ކަމެކެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް، އެގޮތަށް ކަން ހިނގާފައި އެބަ ހުއްޓެވެ.

އެކަމަކު ރާއްޖޭގައި މި ފަހުން ދައުލަތުގެ ވިސްނުން ބަދަލުވީ ކުރިން ފާޅުވެފައި ނެތް، އާ ހެއްކެއް ލިބިގެން ނުވަތަ މައްސަލައަށް އަސަރުކުރާ ފަދަ އާ ކަމެއް ތިލަވެގެން ނޫނެވެ. އެހެންކަމުން އެ މައްސަލަތަކުގައި ދައުލަތުން އެންމެ ފުރަތަމަ ވެސް އަމަލުކުރީ ގޯސް ނިޔަތެއްގައިކަން މި ދަނީ ޔަގީންވަމުންނެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި ކުރިން ނުލިބި އޮތް އާ ހެއްކެއް ހާމަވުން ފަދަ ކަމެއް ދިމާ ނުވަނީސް، ކުއްލި ގޮތަކަށް ދައުލަތުގެ ވިސްނުން ބަދަލުވުމަކީ ކުރިން އެ މައްސަލައެއްގައި ދައުލަތުން އަމަލުކުރި ގޮތް ގޯސް ކަމަށް އެއްބަސްވުމެވެ. އަދި އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު އެކަމަށް މި އެއްބަސްވަނީ. އެއީ ޕްރޮފެޝަނަލް މިސް ކޮންޑަކްޓެއް. އެއީ ސީރިއަސް ކަމެއް. ޕްރޮސެކިއުޓޯރިއަލް މިސް ކޮންޑަކްޓަކީ ދުނިޔޭގެ ފެންވަރުގައި ވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމެއް،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލައެއްގައި ގާނޫނާ ޚިލާފް އެއްވެސް ކަމެއް ހިނގާ ނަމަ، އެކަމެއް ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ގާނޫނީ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލްގެ ޒިންމާއެކެވެ. މައްސަލައަކާ ގުޅިގެން ކުރިން ކޯޓުގައި އެކަމެއް ދިފާއުކުރުމަށް ފަހު، އެއީ ގޯސްކޮށް ހިނގި ކަމެއް ކަމަށް ފަހުން ދައުލަތުން އެއްބަސްވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަންކަމަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން މައްސަލައެއްގައި ދައުލަތުގެ ވިސްނުން ފަހުން ބަދަލުވާ ނަމަ، އެކަން އެގޮތަށް ބަދަލުވި އެކަށީގެންވާ ސަބަބެއް ދައުލަތުން ދައްކަން ޖެހޭނެ އެވެ.

"ޕީޖީން ބުނަން ޖެހޭނެ ފަހުން ކޯއްޗެއް ދިރާސާ ކޮށްގެން ކަން ގޯސް ކަމަށް ގަބޫލުކުރެވުނީ،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

ޕީޖީއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ ވެސް މުހިންމު ސަބަބުތަކަށްޓަކަ އެވެ. ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭ ކަން ކަށަވަރު ކުރުމަކީ ވެސް ޕީޖީގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ކުރިން ދައުލަތުން ދިފާއު ކުރި ކަންކަން ގޯސް ކަމަށް ބުނެ، ދައުލަތުގެ ވިސްނުން ފަހުން ބަދަލުވާ ނަމަ، ޕީޖީ އައިޝަތު ބިޝާމްގެ ގާބިލްކަމާ މެދު ސުވާލު އުފެދެ އެވެ.