Roadha Mihaaru
ޕީޖީގެ ނިންމުން ރިވިއުކުރަން ހުށަހަޅަން 45 ދުވަސްދީފި

ޕީޖީގެ ނިންމުންތައް ރިވިއު ކުރަން ޚާއްސަ ޔުނިޓެއް ހަދައި، ޝަކުވާ ހުށަހަޅަން 45 ދުވަސް ދީފި

05 ޑިސެމްބަރ 2018

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރާނެ ޚާއްސަ ޔުނިޓެއް ގާއިމްކޮށް، އެ ޔުނިޓަށް ޝަކުވާ ހުށަހަޅަން 45 ދުވަހުގެ މުއްދަތެއް ދޭން ޕީޖީ އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރާނެ ޚާއްސަ ޔުނިޓެއް ގާއިމްކޮށް، އެ ޔުނިޓަށް ޝަކުވާ ހުށަހަޅަން 45 ދުވަހުގެ މުއްދަތެއް ދޭން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދު ކުރުމުގެ އުސޫލުތައް މުރާޖާކޮށް، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމާއި ދައުވާއެއް ކުރުމަށް ނުވަތަ ނުކުރަން ނިންމާފައިވާ ނިންމުންތައް މުރާޖާ ކުރުމަށާއި އެ ނިންމުމެއް ބަދަލު ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލަށް ގާނޫނީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

އެހެންވެ، ވޭތުވެދިޔަ ތަނުގައި މީހަކަށް ދައުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ނިންމުމެއް މުރާޖާ ކުރަން ޖެހިއްޖެ ނަމަ، އެކަމެއް ކުރުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ބަންދުކޮށް، މިނިވަންކަން ހިފަހައްޓާފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަން ކުރުމުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަމަށް ޚާއްސަ ޔުނިޓެއް މިއަދު ގާއިމް ކޮށްފައިވާ ކަމަށެވެ.

އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކާ ގުޅޭގޮތުން ދައުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ މީހަކު ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، އެ ފުރުސަތު މާދަމާ އިން ފެށިގެން 45 ދުވަހުގެ މުއްދަތަށް އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމުގެ ޝަކުވާ ހުށަހެޅުމަށް ފޯމެއް ތައާރަފްކޮށް، ޖަލުތަކާއި އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ އެ އޮފީހުގެ ގޮފިތަކުން ވެސް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.