Roadha Mihaaru

ރޯދަ ހަދިޔާ: ހޯރަފުށީގެ ކޮންމެ ގެއަކަށް ހަނޑޫ، ހަކުރު

ހއ. ހޯރަފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ބަސްތާއެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ރޯދަ ހަދިޔާ: ހޯރަފުށީގެ ކޮންމެ ގެއަކަށް ހަނޑޫ،ހަކުރު
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

26 އެޕްރީލް 2019

ހއ. ހޯރަފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ބަސްތާއެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ މެމްބަރު މުހައްމަދު ނަސީރު އަބޫބަކުރު، "މިހާރު" އަށް މިއަދު ވިދާޅުވީ، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަމަހަށް ހަދިޔާ ދިނުމަށް ނިންމާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން ހޯރަފުށީގެ މީހުންގެ ގެތަކަށް ކަމަށެވެ. އެއީ 301 ގެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ ހަދިޔާ ދިނުމަށް ދެ ލައްކަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ހިލޭ އެހީގެ ގޮތުގައި ކައުންސިލަށް ލިބިފައިވާ ފައިސާ ކަމަށް ނަސީރު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާ އިން ރޯދަ ހަދިޔާ ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެއީ ވެންމަސް ވެނަށް ކާން ދިނުން. އަޅުގަނޑުމެން މި ހަދިޔާ މިދެނީ ކައުންސިލަށް ލިބިފައިވާ އެހީގެ ފައިސާ އިން،" ނަސީރު ވިދާޅުވި އެވެ.

މިއީ ހޯރަފުށީގެ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެހީތައް ވެ އެވެ. އެގޮތުން، މި އަހަރު ވެސް އެކަން އެގޮތަށް ހިނގަ އެވެ.