Roadha Mihaaru

ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓް ބަންދުކުރާތީ ކަންބޮޑުވުން
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖޫން 2025

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް އެޅި ބޮޓްލިން ޕްލާންޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ،

އެ ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހަދާފައިވާ ޕްލާންޓެއް ކަމަށާއި އަންނަ މަހުން ފެށިގެން އެ ތަން ބޭނުންކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ މި ކަހަލަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގުތިސާދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އަދި އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް ސަރުކާރުން ދޭ ބޮޑު ނިކަމެތި ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓުތައް ހުއްޓުވުމުން އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.