Roadha Mihaaru
ކުނި އެޅުން ހުއްޓުވަން ފުލުހުން އަވަދި ނެތި!

ކުނި އެޅުން ހުއްޓުވަން ފުލުހުން އަވަދި ނެތި!

25 އެޕްރީލް 2019

ވެރިރަށް މާލެއަކީ މަގުތަކަށް ކުނި އެޅުމުގައި ހައްދުން ނައްޓާފައި އޮތް ތަނެކެވެ. ސުޕާރީ ޕެކެޓުން ފެށިގެން ގޮސް ގޭބިސީތަކުން އުކާލާ ކުނިބުނި އާއްމެވެ. އެތައް މަސައްކަތަކުން ވެސް ހައްލު ނުކުރެވި އޮތް އެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެންވަޔަމަންޓް ޕޮލިސް ތައާރަފްކޮށް މަގުތަކަށް ނެރެފަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިރަށް މާލެއަކީ މަގުތަކަށް ކުނި އެޅުމުގައި ހައްދުން ނައްޓާފައި އޮތް ތަނެކެވެ. ސުޕާރީ ޕެކެޓުން ފެށިގެން ގޮސް ގޭބިސީތަކުން އުކާލާ ކުނިބުނި އާއްމެވެ. އެތައް މަސައްކަތަކުން ވެސް ހައްލު ނުކުރެވި އޮތް އެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެންވަޔަމަންޓް ޕޮލިސް ތައާރަފްކޮށް މަގުތަކަށް ނެރެފަ އެވެ.

އެ ޔުނިޓުން އާއްމުކޮށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ގަވައިދާ ހިލާފަށް އާއްމު ތަންތަނަށް ކުނި އެޅުން ހުއްޓުވުން ހިމެނެ އެވެ. އެގޮތުން ކުނި އަޅާކަން ފާހަގަކުރެވޭ ސަރަހައްދުތައް ޕެޓްރޯލްކޮށް، އެކަން ކުރަނީ ކޮން ބައެއްކަން ބަލައި އެ ބަޔަކާ މެދު ފިޔަވަޅު އަޅަ އެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެ ޔުނިޓުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

"ކުނި އަޅާފައި ހުއްޓާ ފެނިއްޖެއްޔާ އެތަނަކަށް އެޓެންޑްވެ އެކަން ކުރި ބައެއް ހޯދާ އެ ބަޔަކު ލައްވާ އެތަން ސާފުކުރުވަން. އަދި އެ ބައެއް ޖޫރިމަނާ ވެސް ކުރަން،" އެންވަޔަމަންޓް ޕޮލިހުގެ ކޮމާންޑަރު، އިންސްޕެންޓާ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވި އެވެ.

އިންސްޕެންޓާ އޮފް ޕޮލިސް ރަހުމާ ސައީދު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންސްޕެންޓާ އޮފް ޕޮލިސް ރަހުމާ ސައީދު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގިނައިން މަގުތަކުގައި ކުނި ބަހައްޓަނީ ބިދޭސީންނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ދިވެހިން ވެސް އެކަން ކުރާ ކަމަށް ރަހުމާ ވިދާޅުވި އެވެ.

ކުނި ބަހައްޓާ މީހުން ހޯދަން ކުލަ ހެދުމުގައި ފުލުހުން ނުކުމެ އުޅެ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ދަންވަރު ތިނެއް ޖަހަންދެން އެމީހުން މާލެ ތެރެ ޕެޓްރޯލް ކުރެ އެވެ.

"ޕޮލިހަކު ފެންނަން ހުންނަ ނަމަ ކުންޏެއް ނުބަހައްޓާ އެގޮތަކަށް. އެހެންވެ އަޅުގަނޑުމެން ކުލަ ހެދުމުގައި ނުކުމެ ވެސް މަސައްކަތް ކުރަން. ކުނި ބަހައްޓަނިކޮށް ހޯދާފައި ވެސް ވާނެ،" ރަހުމާ ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން މަގުމައްޗަށް ކުނި އަޅައިފި ނަމަ ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރަށް 300ރ. ނެގޭނެ އެވެ. އަދި ކުށްތަކުރާރު ކުރާ ނަމަ އެ އަދަދު އިތުރުކުރުމުގެ އިޚްތިޔާރު ވެސް ލިބެ އެވެ.

އެންވަޔަމަންޓް ޕޮލިހުން މިހާތަނަށް ފިޔަވަޅު އެޅި މައްސަލަތައް

• ގަވައިދާ ހިލާފަށް ކުނި އަޅައިގެން 278 މީހަކު ޖޫރިމަނާ ކޮށްފައި.

• ފުލުހުން އަންގައިގެން 1923 ސަރަހައްދަކުން ކުނި ނަގައި ސާފުކުރި.

• އިމާރާތް ކުރާ ފަރާތްތަކުގެ ތެރެއިން މަގުމަތީ ތަކެތި ބެހެއްޓި 1202 ފަރާތަކަށް ނަސޭހަތް ދީފައި.

• މަގުމަތީ ކުނި ބެހެއްޓި ގޭބިސީތަކުގެ 550 މީހަކަށް ނަސޭހަތް ދިން.

.• ފިހާރައިން ބޭރުގައި ކުނި ބެހެއްޓި 300 ފަރާތަކަށް ނަސޭހަތް ދިން.

މާލޭގެ މަގެއްގެ ކުޑަ ގޯޅިއެއްގެ ތެރޭގައި ކުނިބުނި: އާންމުންގެ އެހީތެރިކަން ބޭނުންވޭ -- ފޮޓޯ: މިހާރު

މާލޭގެ މަގެއްގެ ކުޑަ ގޯޅިއެއްގެ ތެރޭގައި ކުނިބުނި: އާންމުންގެ އެހީތެރިކަން ބޭނުންވޭ -- ފޮޓޯ: މިހާރު

މަގުތަކަށް އާއްމުކޮށް ކުނި ނެރެނީ ކުނި އުކާލުމުގެ ހިދުމަތް ހޯދަން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ނުހުންނަ ގޭބިސީތަކުންނާއި ބިދޭސީން ދިރިއުޅޭ ތަންތަނުން ކަމަށް ފުލުހުން ބުނެ އެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ ކުނި ވެސް އެގޮތަށް މަގުމަތީ ބަހައްޓާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.

"ކުނި ބަހައްޓާ ވަކި އޭރިއާތަކެއް އެހެން ފާހަގައެއް ނުކުރެވޭ. ހަމަ ޖެހުނު ތަނެއްގައި ކުނި ބަހައްޓާފައި އެބަދޭ. އެކަމަކު ވަކި ހިސާބުތަކެއް އެބަހުރި ފާހަގަކުރެވިފައި ގޭގައި ބޭނުންކުރާ ދޮންނަ މެޝިނާއި ފަރުނީޗަރު ފަދަ ތަކެތި ބަހައްޓާ. އެތަންތާ އެގޮތަށް ބަހައްޓާފައި ހުންނާތީ އެހެން މީހުން ވެސް ބަހައްޓަނީ،" މާފަންނު ވިލީފުލުހުގެ ކޮމާންޑަރުކަން ވެސް ކުރައްވާ ރަހުމާ ވިދާޅުވި އެވެ.

މާލޭގެ ކުނި އުކާ ސަރަހައްދު: އަދިވެސް މަގުތަކަށް ކުނި އެޅުން ނުހުއްޓުވޭ

މާލޭގެ ކުނި އުކާ ސަރަހައްދު: އަދިވެސް މަގުތަކަށް ކުނި އެޅުން ނުހުއްޓުވޭ

ގޭބިސީތަކާއި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުން މަގުތަކުގައި ބަހައްޓާ ކުނިތައް، އެތަންތަނުގެ ސްޕަވައިޒަރުން ހޯދައި ފުލުހުން އަންނަނީ ނަންގުވަމުންނެވެ.

އެންވަޔަރަމަންޓް ޕޮލިހުން ޕެޓްރޯލް ކުރާއިރު ކުނި ގިނަ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގެ މައުލޫމާތު ސިޓީ ކައުންސިލާއި ވެމްކޯއަށް ދީގެން އެތަންތަން ސާފުކުރެވޭ ވެސް ފުލުން މަސައްކަތްކުރެ އެވެ.

ފިޔަވަޅު އެޅި ނަމަވެސް ކުނި އެޅުން ނުހުއްޓޭ ސަބަބާ ގުޅޭ ގޮތުން ރަހުމާ ވިދާޅުވީ އެކަން ކުރެވޭނީ އާއްމުންގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ. ކުނި އަޅާ މިންވަރު މަދުނުވިޔަސް އަޅާފައި ހުންނަ ކުނި ނެގުން މިހާރު ކުރިއާ އަޅާބަލާއިރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ނުހުއްޓިގެން މިއުޅެނީ ފިޔަވަޅު ނޭޅޭތީއެއް ނޫން. އަދި މަގުތަކުގައި ކުނި ބަހައްޓަނީ ކުނި އުކާލެވޭނެ އިންތިޒާމުތައް ނެތީމައެއް ވެސް ނޫން. އަމިއްލައަށް އަދާކުރަން ޖެހޭ ޒިންމާ އަދާ ނުކުރާތީ މިހެން މިވަނީ،" ރަހުމާ ވިދާޅުވި އެވެ.

ކުނި އުފުލުމުގެ ގަވައިދާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ވެސް އެންވަޔަރަމަންޓް ޕޮލިހުން ފިޔަވަޅު އަޅަ އެވެ.

"ގާޑިޔާތަކާއި ބައިސްކަލު ފަދަ ތަކެތީގައި ކުނި އެބަ އުފުލާ. އެކަންކަން ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން. އެގޮތަށް ކުނި އުފުލާ ފަރާތްތަކާ މެދު ވާނެ ފިޔަވަޅު އަޅާފައި،" ރަހުމާ ވިދާޅުވި އެވެ.

އެއްގަމު އުޅަނދުފަހަރުގައި މުދާ އުފުލުމުގެ ގަވާއިދު ބުނާ ގޮތުން، ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާ ނަމަ، އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ވަސް ނުފެތުރޭ ގޮތަށް ރަނގަޅަށް ނިވާކޮށްފަ އެވެ.

ބައިސްކަލުގައި ކުނި އުފުލަންވާނީ، ކުނި އަޅަން ހާއްސަ ފޮށިގަނޑެއް ހަރުކޮށް، އޭގެ ވަހާއި ކުނި ނުފެތުރޭ ގޮތަށް ކަމަށް ގަވައިދުގައި ބުނެ އެވެ. އެ ގަވާއިދާ ހިލާފަށް އަމަލުކޮށްފި ނަމަ 750ރ. އިން ޖޫރިމަނާ ކުރެވެ އެވެ.

ގިނައިން ކުނި ފެންނަ ކަމަށް ބައެއް މީހުންނަށް ހީވިޔަސް، އެންވަޔަރަމަންޓް ޕޮލިހުގެ ސަބަބުން އެ ގޮނޑުކަން ފިލުވުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް މިއީ ހަމައެކަނި ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.