Roadha Mihaaru
ލަންކާގެ ހަމަލާއާ އެކު ދިވެހިން ބިރުވެރިކަމެއްގައި!

ލަންކާގެ ހަމަލާއާ އެކު ދިވެހިން ވެސް ބޮޑު ބިރުވެރިކަމެއްގައި!

21 އެޕްރީލް 2019

ސްރީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވެސް މިއަދު ހެނދުނު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އެއް ބަޔަކު ހީކުރީ، މޫސުން ގޯސްކޮށް އޮތުމުން ގުގުރާ އަޑު ކަމަށެވެ. އެއީ އާދަޔާ ޚިލާފު ގޮވުންތަކެއްގެ އަޑު ކަން، އަނެއް ބަޔަކަށް ހީވިއަސް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްރީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވެސް މިއަދު ހެނދުނު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އެއް ބަޔަކު ހީކުރީ، މޫސުން ގޯސްކޮށް އޮތުމުން ގުގުރާ އަޑު ކަމަށެވެ. އެއީ އާދަޔާ ޚިލާފު ގޮވުންތަކެއްގެ އަޑު ކަން، އަނެއް ބަޔަކަށް ހީވިއަސް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

އެކަމަކު އެ އަޑުތަކުގެ ހަގީގަތް ސާފުވީ ހިތްދަތިކަމާއި ބިރުވެރިކަމުން ފުރިފައިވާ ޚަބަރުތަކުންނެވެ. ލަންކާގެ ހަ ތަނެއް ގޮއްވާލައިގެން އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވީ އެވެ. ހަމަލާދިން ތަންތަނުގައި އޮތީ ލޭގެ ކޯރު ހެދިފަ އެވެ.

ދިވެހިންގެ ގިނަ ބަޔަކު އަމާންކަމާ އެކު އުޅެމުން އަންނަ ލަންކާގައި އެހާ ރަހުމް ކުޑަ ގޮތަކަށް އެތައް ބަޔަކު މަރުވެދާނެ ފަދަ ހަމަލާތަކެއް ދީފާނެ ކަމަކަށް، ބައެއް ދިވެހިންނަށް ގަބޫލު ވެސް ނުކުރެވެ އެވެ.

ލަންކާގެ ފަޅިއެއްގައި އެއްޗެއް ގޮއްވާލާފައި: އެތައް ބަޔަކު މަރުވި

ލަންކާގެ ފަޅިއެއްގައި އެއްޗެއް ގޮއްވާލާފައި: އެތައް ބަޔަކު މަރުވި

ބައެއް ގޮވުންތައް ގޮއްވާލީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ސަރަހައްދުތަކެއްގަ އެވެ. ހަމަލާ އަމާޒުވި ކިންގްސްބަރީ ހޮޓަލުގައި ތިބި ދެ ދިވެހިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން "މިހާރު" އަށް ވިދާޅުވީ ހެނދުނުގެ ގޮވުންތަކުގެ އަޑު އޭނާ އަށް ވެސް އިވިވަޑައިގަތް ކަމަށެވެ. އެކަމަކު އެއީ ރަހުމް ކުޑަ ހަމަލާއެއް ކަން އޭރު ހިތްޕުޅަށް އަރާވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރޭ ފަތިހު ވެސް ގުގުރި، އެކަމަކު އެނގޭ ހެނދުނު އިވުނު އަޑުތަކަކީ ބާރުގަދަ ގުގުރީގެ އަޑެއް ނޫންކަން. އޭގެ ތަންކޮޅެއް ފަހުން އަޅުގަނޑަށް ޚަބަރު ލިބުނީ ބޮން ގޮއްވައި އެތައް ބަޔަކު މަރުވި ކަން. ވަރަށް ދެރަވި،" ހެވޮލޮކް ސިޓީގައި ދިރިއުޅުއްވާ ދުންޔާ ވިދާޅުވި އެވެ.

"މިއީ މިތަނުގައި ދިރިއުޅޭ ދިވެހިންނަށް އަދި މުޅި ލަންކާ އަށް ވެސް ބޮޑު ހިތްދަތިކަމެއް."

އޭނާ ވިދާޅުވި ގޮތުގައި އެތެރޭގެ ހަނގުރާމައަށް ފަހު ހަމަޖެހުން ގާއިމްވެފައި އޮތް ލަންކާއަށް މިއީ އަނެއްކާވެސް ލޮޅުމެކެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް، އެ ހަމަލާތަކާ ގުޅިގެން އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ލަންކާގައި ދިރިއުޅޭ އަހްމަދު އަންވަރު ބުނީ ހަމަލާއިން އެތައް ދިވެހިންނަކަށް ވަނީ އަސަރުކޮށްފައި ކަމަށެވެ. މުޅި ލަންކާ އަށް ސިހުން ގެނުވި އެ ހަމަލާ އަށް ފަހު، ދަރިން ސްކޫލަށާއި ކޮލެޖްތަކަށް ފޮނުވަން ވަރަށް ގިނަ ދިވެހިން ޖެހިލުންވެފައި ތިބި ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބޮޑު ބިރުވެރިކަމެއް މި އުފެދުނީ،" އޭނާ ބުންޏެވެ.

ލަންކާގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސިފައިން ހަރަކާތްތެރިވަނީ.

ލަންކާގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސިފައިން ހަރަކާތްތެރިވަނީ.

ވެހިކަލްތަކުން ތޮއްޖެހިފައި އޮންނަ، ކާރުބާރު ބޮޑު ލަންކާގެ މަގުތަކުން ވެސް މިއަދު ފެންނަނީ، އަހުމަދު ބުނިގޮތުގައި، ހިމޭންވެފައި އޮތް ތަނެވެ.

ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކި އަންހެނަކު ބުނީ އޭނާ އަށް އޮތް ބިރަކީ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދިން މި ހަމަލާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުވުމެވެ. އަދި ހަމަލާގެ ފަހަތުގައި މުސްލިމުން ތިބި ނަމަ، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

"އެ ބިރު ވަރަށް އެބަ އޮތް. ބައެއް ސަރަހައްދުތަކުގައި މުސްލިމުންނަށް ޖެއްސުން ކުރޭ. ދެން ބުރުގާ އަޅައިގެން އުޅެންޏާ، ދިވެހިންނަށް ވެސް ހަމަ އެ ބިރު އޮންނާނެ،" ލަންކާގައި ވޭތުވެދިޔަ 13 އަހަރު ދިރިއުޅުނު އަންހެން މީހާ ބުންޏެވެ.

ހަމަލާއާ ގުޅިގެން ދިވެހިންގެ ހާލަތު، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެ ގައުމުގައި ދިރިއުޅޭ އާއިލާތަކަށް ގުޅައިގެންނާއި މެސެޖް ފޮނުވައިގެން ވެސް މިވަގުތު ކަން ކުރަންވީ ގޮތުގެ އިރުޝާދު ދެމުން އެބަ ދެ އެވެ.

ފިހާރަތަކާއި ހޮޓާތައް އަދި ސްކޫލްތަކާއި ކޮލެޖްތަކަށް ވެސް މިއަދު ނުދާން އެމްބަސީން ވަނީ އިރުޝާދު ދީފަ އެވެ.