Roadha Mihaaru
ކިންގްސްބަރީގައި ބޮން ގޮއްވާލި އިރު ދެ ދިވެހިން ތިބި!

ކިންގްސްބަރީގައި ބޮން ގޮއްވާލި އިރު ދެ ދިވެއްސަކު ތިބި!

21 އެޕްރީލް 2019

"ނިދާފައި ތިއްބައި ހެނދުނު ވަރަށް ބާރަށް ދޮރުގައި ޓަކި ޖެހީ. ދޮރުހުޅުވީމަ ބުނީ ވަރަށް ނުރައްކާތެރި ގޮތަކަށް ގޭސް ލީކުވާތީއޭ މި އުޅެނީ. އަވަހަށް ހޮޓަލުން ނުކުންނާށޭ. ދެން ޕާސްޕޯޓު ނަގައިގެން ނުކުތް އިރު ސިޑިން ސަފަކަށް މީހުން ފައިބަނީ."

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"ނިދާފައި ތިއްބައި ހެނދުނު ވަރަށް ބާރަށް ދޮރުގައި ޓަކި ޖެހީ. ދޮރުހުޅުވީމަ ބުނީ ވަރަށް ނުރައްކާތެރި ގޮތަކަށް ގޭސް ލީކުވާތީއޭ މި އުޅެނީ. އަވަހަށް ހޮޓަލުން ނުކުންނާށޭ. ދެން ޕާސްޕޯޓު ނަގައިގެން ނުކުތް އިރު ސިޑިން ސަފަކަށް މީހުން ފައިބަނީ."

މިއީ، ސްރީ ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި، ކިންގްސްބަރީ ހޮޓަލުގައި ބޮން ގޮއްވާލި އިރު އެތަނުގައި ތިބި ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކު އޭނާގެ ތަޖުރިބާ ސިފަކޮށްދިން ގޮތެވެ. ނިދާފައި ތިއްބައި ކުއްލި ގޮތަކަށް ނެރެގެން ހޮޓަލާ މާ ދުރަށް ގެންދިޔަ އިރު ވެސް އެތަނުގައި ނުރައްކާތެރި ހަމަލައެއް ދީ ބަޔަކު ޒަހަމްވެގެން އުޅޭ ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ.

ލަންކާގައި ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ރައިސް މައިތުރިޕާލާ ސިރިސޭނާގެ ސެކްރެޓަރިއެޓާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ފަސް ތަރީގެ ކިންގްސްބަރީ ހޮޓަލުގެ ތިރީގައި، ހެނދުނު ބާރު ގޮވުމެއް ގޮވި އަޑެއް ވެސް އެ މީހުންނަކަށް ނީވެ އެވެ. ހޮޓަލުން ނުކުތުމަށް މަގު ދައްކައިދިން މީހުން ވެސް އެ ކަހަލަ އެއްވެސް ވާހަކައެއް އެ މީހުން ގާތު ނުބުނެ އެވެ.

"ހޮޓަލުން ނެރުނީމަ، ރައްޓެއްސެއްގެ ގެއަށް ދާން ވެހިކަލަށް އަރައި އިންދައި އެނގުނީ ބޮމެއް ގޮއްވާލި ކަން. އެ ވަގުތު ވަރަށް ބިރުގަތް،" ނަން ހާމަނުކުރަން ޝަރުތުކޮށް އޭނާ "މިހާރަ"ށް ކިޔައިދިނެވެ.

"ތަންކޮޅަކަށް ދުއްވާލި ތަނުން ފެނުނު، ޒަހަމްވެފައި ތިބި މީހުން ގެންދާތަން. ލޭ ފައިބާތީ، ބައެއް މީހުންގެ ގައިގައި ހުރީ ބެޓްޝީޓް އޮޅާފައި. ސައިރަން އަޅާފައި މުޅި ސަރަހައްދުގައި ވެހިކަލްތައް ދުއްވި އޭރު."

ޒަހަމްވި މީހުންނަށް ލޭ ދޭން ލަންކާގެ އާންމުން ހޮސްޕިޓަލެއްގައި ކިއޫ ހަދާފައި

ޒަހަމްވި މީހުންނަށް ލޭ ދޭން ލަންކާގެ އާންމުން ހޮސްޕިޓަލެއްގައި ކިއޫ ހަދާފައި

މިދިޔަ ހުކުރު ދުވަހު އެ ދެ މީހުން ލަންކާ އަށް ދިޔައީ ވިޔަފާރި ދަތުރަކަށެވެ. އެ މީހުން ތިބީ، ކިންގްސްބަރީގެ ހަ ވަނަ ފްލޯގަ އެވެ. މިއަދު ފުރަން ހަމަޖެހިފައި އޮތުމުންނާ އެކު ރޭ ދަންވަރު ހޭލައި އުޅުމަށް ފަހު ނިދީ ވެސް ހެނދުރު 6 ޖެހިފަހުން ކަމަށް އޭނާ ބުންޏެވެ.

"ކިރިޔާ ސަލާމަތްވީ، ޕާސްޕޯޓު އެކަނި ހިފައިގެން ހޮޓަލުން ނުކުތީ. ލަގެޖެއް ވެސް ނުލިބުނު."

ހަމަލާއާ ގުޅިގެން ލަންކާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާތީ ޗެކިންގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ތިން ފައްޅިއެއްގަ އާއި ކޮލަމްބޯގެ މަޝްހޫރު ޝަންގްރިއްލާ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 160 އަށް އަރައިފަ އެވެ. މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބޭ ކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުންޏެވެ.