Roadha Mihaaru
ލަންކާ އަށް ދިން ހަމަލާ ބަލައެއް ނުގަންނަން: އެމްޑީޕީ

ލަންކާ އަށް ދިން ހަމަލާ ބަލައެއް ނުގަންނަން، އެހީވާން ތައްޔާރު: އެމްޑީޕީ

21 އެޕްރީލް 2019

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކަކީ އެމްޑީޕީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށާއި ލަންކާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ވެވެން އޮތް އެހީތެރިކަމެއް ވާން ތައްޔާރަށް ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކަކީ އެމްޑީޕީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށާއި ލަންކާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ވެވެން އޮތް އެހީތެރިކަމެއް ވާން ތައްޔާރަށް ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ކްރިސްޓިއަނުން އަޅުކަން ކުރަމުން ގެންދިޔަ ވަގުތު ބައެއް ތަންތަނަށް ދިން ހަމަލާއަކީ ރޭވިގެން ހިންގާފައިވާ ލާއިންސާނީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

އެފަދަ ތަންތަނަށް ހަމަލާދީ، އިންސާނިއްޔަތާ ޚިލާފު މިފަދަ އަމަލުތައް ހިންގުމުގެ ނަތީޖާއަކަށް ވާނީ މުޖްތަމައުގެ އެއް ބައެއްގެ މެދުގައި އަނެއް ބަޔަކާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްހަމަސަލަސްކަން ގެއްލި ދިޔުން ކަމަށް އެ ބަޔާނުގައިވެ އެވެ. މިއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ލަންކާއަކީ ދިވެހީން އާންމުކޮށް ޒިޔާރަތްކުރާ އަވަށްޓެރި ގައުމަކަށްވެފައި، ލަންކާގެ ރައްޔިތުންނަކީ ދިވެހިންނާ އެހާމެ ގާތް ގުޅުމެއް އަބަދުމެ އޮންނަ ބަޔަކަށްވީ އިރު، އެ ގައުމަށާއި ރައްޔިތުންނަށް ލިބިފައިވާ ފުން ހިތާމައިގައި އެމްޑީޕީން ބައިވެރިވެ އެ ރައްޔިތުންނާ އެކުގައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މި ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަގްސަދެއް ހާސިލު ކުރުމަށް ހިންގި އަމަލެއް ކަމުގައި ވިޔަސް، އެ އަމަލަކީ އެއްވެސް ހާލަތެއްގައި މި ޕާޓީ ބަލައިގަންނާނެ އަމަލެއް ނޫން ކަމުގައި ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު 500 އާ ގާތް ކުރެ އެވެ. ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާ އިރު، ޓެރަރިސްޓް ހަމަލާގައި ދިވެއްސަކަށް އަނިޔާއެއް ނުލިބެ އެވެ.

މި ހަމަލާތަކާ ގުޅިގެން 13 މީހަކު ހައްޔަރުކޮށްފައިވާ ސަރުކާރުން ބުނެފައިވާ އިރު،. ބޮމުގެ ގިނަ ހަމަލާތަކަކީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާތަކެއްކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ އެއް ގްރޫޕަކުން ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.