12 އެޕްރީލް 2019
މަސައްކަތްކުރާ ގައިދީންނަށް ދޭ އުޖޫރައަކީ އާދަޔާ ހިލާފަށް ކުޑަ އުޖޫރައެއް ކަމަށާއި މި ސަރުކާރުން އެ އަދަދު ބޮޑުކުރަން ވިސްނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްކުރާ ގައިދީންނަށް ދޭ އުޖޫރައަކީ އާދަޔާ ހިލާފަށް ކުޑަ އުޖޫރައެއް ކަމަށާއި މި ސަރުކާރުން އެ އަދަދު ބޮޑުކުރަން ވިސްނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ކ. މާފުށީގައި ބާއްވާ ގައިދީންގެ ކްރިއޭޓިވިޓީ ފެއާ "ކަމާކެމި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިފެއާ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
ގައިދީންގެ ކްރިއޭޓިވިޓީ ފެއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުއްވައިދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އެ ފެއާގައި ހުރި ތަކެތިން ދައްކާލައިފި ކަމަށެވެ. އަދި އެ މީހުންނަށް ސަރުކާރުން ދޭ އުޖޫރަ ކުޑަކަން ފާހަގަކުރައްވައި، އެކަން އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ މިކަން ދިރާސާކޮށް ބެލުމަށް ފަހު، މަސައްކަތުގައި ބައިވެރިވާ ގައިދީންނަށް އުޖޫރަ އިތުރުވެގެންދާނެ ގޮތަކަށް ސަރުކާރުން އިލްތިޒާމްކޮށްގެން ދިއުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގައިދީންގެ ކްރިއޭޓިވިޓީ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ - ފޮޓޯ: ނިޝާން އަލީ/ މިހާރު
މާފުށީ ސްކޫލުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި 43 ގައިދީ އަކާއި ފަސް ޕްރިޒަން އޮފިސަރެއްގެ އުފެއްދުންތައް ދައްކާލަ އެވެ. އަތްތެރި މަސައްކަތާއި، ވަޑާމުގެ މަސައްކަތުގެ އިތުރުން ގައިދީން ތައްޔާރުކޮށްފައިވާ ތަފާތު ކުރެހުންތަކާއި މާ ގަސްތަކާއި ހައްދާފައިވާ ތަކުރާރީ ވެސް މި ފެއާއިން ފެނެ އެވެ. ހާހަކަށް ވުރެ ގިނަ އުފެއްދުން މި ފެއާ އަށް ޒިޔާރަތްކުރާ މީހުުންނަށް ގަނެވޭނެ އެވެ. ފަސް ރުފިޔާ އަށް ދޭ އަތްތެރި މަސައްކަތުން ފެށިގެން 7000ރ. އަށް ވިއްކާ އެނދު ސެޓު ވެސް މި ފެއާގައި ހިމެނެ އެވެ.
މުޖްތަމައަށް ދިމާވެފައިވާ ތަފާތު މައްސަލަތަކުގެ ސަބަބުން އެތައް ސަތޭކަ ދިވެހި ޒުވާނުން ޖަލުގައި ތިބުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އަދި ޖަލުތަކުގައި ތިބޭ އެފަދަ މީހުންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، މުޖްތައައުއަށް ފައިދާ ވާނެ ބަޔަކަށް ހަދަން މި ސަރުކާރުން ވިސްނަވާކަމަށް އިމްރާން ވިދާޅުވި އެވެ.
"އަދުގެ ސަރުކާރުން ގަބޫލްކުރަނީ ޖަލަކީ އަދަބުދިނުމަށް ލެވޭ ތަނެއް ނޫން ކަމަށް. ޖަލަކީ ފަރުދުން އިސްލާހުކުރުމަށް، މުޖްތަމައުއަށް އަލުން ނެރުމަށް، އަލުން އިޔާދަކުރަން އެލޭ ފަށަލައެއްގެ ގޮތުގައި [ލެވޭ ތަނެއް]،" އިމްރާން ވިދާޅުވި އެވެ.
ގައިދީންގެ ކްރިއޭޓިވިޓީ ފެއާގައި ހިމެނޭ އުފެއްދުމެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަދި ސަރުކާރުގެ ތަސައްވަރަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތައް މުޖްތަމައަށް އަނބުރާ ނެރުމަށްޓަކައި ހުނަރުތަކާއި އެކިއެކި ރިވެތި ސިފަތަކާއި އިލްމުތައް ދަސްކޮށްދިނުން."
މީގެ އިތުރުން ގައިދީންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތައް އެހެން ތަންތަނަށް ފުޅާ ކުރަން ވެސް ސަރުކާރުން ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިތަނުން ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފި. މިކަން މިއަށް ވުރެ ފުޅާދާއިރާއެއްގައި ކުރިއަށް ގެންގޮސްފި ނަމަ، މުޖްތަމައުއަށް ވަރަށް ފައިދާ ކުރާނެ ކަމަކަށް ހެދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގައިދީންގެ ކްރިއޭޓިވިޓީ ފެއާގައި ހިމެނޭ އުފެއްދުމެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފެއާ އިފްތިތާހުކުރެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުންނާއި މިނިސްޓަރު އިމްރާން އެ ފެއާގައި ހުރި އެއްޗެހި ބައްލަވާލެއްވި އެވެ.
ގައިދީންގެ ހުނަރުވެރިކަން ދައްކާލަން ބާއްވާ ކްރިއޭޓިވިޓީ ފެއާ އެންމެ ފުރަތަމަ ބޭއްވީ 2009 ވަނަ އަހަރެވެ. މިއަދު ފެށި ފެއާ އަކީ އަށް ވަނަ ފެއާ އެވެ.
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ޖަލު ހަމަނުޖެހުން: މުނާޒާއި އިމްރާންގެ ވާހަކަ ތަފާތު!
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
އެކަށީގެންނުވާ އަދަބެއް އެކަކަށްވެސް ނުދޭނަން: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!
ކެމެރާ ހަރުކޮށް ޔާމީންގެ ހަރަކާތްތައް ބަލާ: ޕީޕީއެމް
ހަރުކަށި މީހުން ވަކި ކުރާ ވިންގް ޖުލައިގައި ނިމޭނެ
މާފުށީ ޖަލުގައި މާރާމާރީއެއް، އެކަކަށް އަނިޔާވެއްޖެ
ބަންދު މީހުން ހަތަރު ވަނައަށް އެންމެ ގިނައީ ރާއްޖޭގައި