Roadha Mihaaru
އެންމެ ގިނަ ވޯޓު ނާޒިލަށް

އެންމެ ގިނަ ވޯޓު ނާޒިލަށް

10 އެޕްރީލް 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނީ ހިތަދޫ ދެކުނު ދާއިރާ އިން ހޮވިވަޑައިގެންނެވި އިބްރާހިމް ނާޒިލަށް ކަން އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ އިން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނީ ހިތަދޫ ދެކުނު ދާއިރާ އިން ހޮވިވަޑައިގެންނެވި އިބްރާހިމް ނާޒިލަށް ކަން އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ އިން ދައްކައިފި އެވެ.

މަޖިލީހަށް އަލަށް ކުރިމަތިލެއްވި ނާޒިލް ހޮވިވަޑައިގަތީ އެ ދާއިރާ އަށް ވޯޓުލާ އާބާދީގެ 70 ޕަސެންޓުންނެވެ. އެއީ، 1،931 ވޯޓުންނެވެ. ރައްޔިތުންގެ މަޖިލިހަށް އަލަށް އިންތިޚާބުވި ނާޒިލްގެ އިތުރުން ތިން ކެންޑިޑޭޓަކު ހިތަދޫ ދެކުނު ދާއިރާ އަށް ވާދަ ކުރެއްވި ނަމަވެސް ވޯޓުގެ ފަރަގު ބޮޑެވެ.

ހިތަދޫ ދެކުނު ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،154 މީހަކަށް ލިބިގެންވެ އެވެ. އެކަމަކު ވޯޓުލާން ނުކުތީ 2،798 މީހުންނެވެ.

ގާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާ އިން 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ހިސާން ހުސައިންގެ ފިރިކަލުން ނާޒިލް މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ޕްރައިމަރީގައި އެ ދާއިރާގެ މިހާރުގެ މެމްބަރު އަލީ ނިޒާރު ބަލިކޮށް، ޓިކެޓް ހޯއްދަވައިގެންނެވެ.

ނާޒިލްގެ އިތުރުން، މި އިންތިޚާބުގައި ދެން އެންމެ ގިނަ ވޯޓު ހޯއްދެވި ލިސްޓުގައި އަނބިކަނބަލުން ހިސާން އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހޯރަފުށީ ދާއިރާ އަށް ހޮވިވަޑައިގަތް އަހްމަދު ސަލީމްގެ އިތުރުން ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހަށް މެމްބަރުން ހޮވަން ނެގި ވޯޓުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނެވެ. އެ ޕާޓީން 86 ދާއިރާ އަށް ވާދަކޮށް 65 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. މިއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ. ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުން އަދި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް ނެގުނީ 22 ގޮނޑި އެވެ.